ކުޅިވަރު

ބާސާގެ ރައީސް އިސްތިއުފާއަށް ކުރީގެ ރައީސް ލަޕޯޓާ ގޮވާލައިފި

May 31, 2017

ބާސެލޯނާގެ ކުރީގެ ރައީސެއް ކަމަށްވާ ސެންޑްރޯ ރޮސެލްއާ ގުޅިފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ބާސެލޯނާގެ އެތެރެއިން ދައުރެއްވާ ކަމަށް، ތުހުމަތު ކުރެވިފައިވަނިކޮށް، ބާސާގެ މިހާރުގެ ރައީސް ޖޯސެޕް މަރިއާ ބާޓަމެއު އިސްތިއުފާ ދިނުމަށް، ބާސާގެ ކުރީގެ އެހެން ރައީސެއް ކަމަށްވާ، ހުއާން ލަޕޯޓާ ގޮވާލައިފި އެވެ.

ލަޕޯޓާއަކީ، 2003 އިން 2010 ބާސާގެ ރައީސް އެވެ. އޭނާ އަކީ، ބާސާއަށް ގިނަ ބަދަލުތަކެއް ގެންނަވައި، ޒާމާނީ ފުޓްބޯޅައިގެ ކުލަ ބާސާގެ ޓީމުގައި ޖައްސައިދިން ރައީސް އެވެ. އެހެންވެ، އޭނާ މަޝްހޫރު ވެފައި ވަނީ ބާސާގެ ކަންކަމަށް އެންމެ ހެޔޮ ނުފޫޒެއް ފޯރުވި ޗެއާމަންގެ ގޮތުގަ އެވެ.

ބާސާގެ އާ ކޯޗަކަށް، އެރުނެސްޓޯ ވެލްވަރުޑޭ ހަމަޖެއްސިކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ބާޓަމެއު ވިދާޅުވެފައިވަނީ، ރޮސެލްގެ މަނީ ލޯންޑަރިންގެ މައްސަލައިގައި، ބާސާގެ އެތެއިން، ދައުރެއް އޮތްކަން ސާބިތު ވާނަމަ، އެކަމުގެ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ނަމަވެސް، ސްޕެއިންގެ ރޭޑިއޯ ޗެނަލެއްގައި، ވާހަކަ ދައްކަމުން، ލަޕޯޓާ ވިދާޅުވީ، ބާސާގެ ހައްގުގައި ވެސް، ބާޓަމެއު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

"ބާސާގެ ކުރީގެ ރައީސެއްގެ ހައިސއްޔަތުން އަހަރެންގެ ކިބައިގައި އެބަހުރި އެ ހާލަތު އެނަލައިސް ކުރުމުގެ ގާބިލުކަން، ކުލަބު އޮތީ އުނދަގޫ އަދި ނުރައްކާ ހަލަތެއްގައި، މި ސަބަބުތަކަކީ މާބޮޑަށް ވެސް ބާސާގެ ބިތުންފަންގިތައް ހިއްލާލަން ޖެހޭ ސަބަބެއް، ނުވަތަ މިހާލަތު އިތުރަށް ދެނެގަންނަން އިތުރު އޮޑިޓެއް ކުރަން ޖެހޭ ސަބަބެއް،" ލަޕޯޓާ ވިދާޅުވި އެވެ.

ލަޕޮޓާ ވަނީ، ބާޓަމެއު ބާސާ "ކިޑްނެޕް" ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އެކަން ފޮރުވަން ބަޓަމެއު ދަނީ އިތުރަށް ދޮގުތައް އުފައްދަމުން ކަމަށްވެސް ލަޕޯޓާ ވިދާޅުވެ އެވެ.

ނަމަވެސް ބާޓަމެއު މީގެ ކުރިން ވިދާޅުވެފައި ވަނީ، މަނީ ލޯންޑަރިން އާއި ހިޔާނާތުގެ އެއްވެސް ކަމެއްގައި ބާސާއިން ބައިވެރި ވެފައި ނުވާނެ ކަމަށެވެ.

މާނީ ލޯންޑަރިންގެ ތުހުމަތުގައި، ރޮސެލް ހުރީ ހައްޔަރު ކޮށްފަ އެވެ. އޭނާ އަކީ 2010 ން 2014 ވަނަ އަހަރާ ހަމަޔަށް ބާސާގެ ރައީސް އެވެ. އޭނާ އަށް ތުހުމަތު ކޯށްފައިވަނީ ލޯންޑަރިން މުއާމަލާތްތަކުގެ ތެރެއިން 15 މިލިއަން ޔޫރޯ (25 ބިލިއަން ދިވެހި ރުފިޔާ) ގެ މުއާމަލާތް ބާސާ މެދުވެރިކޮށް، ކޮށްފައިވާ ކަމަށެވެ.