ކުޅިވަރު

ޗެލްސީގެ ކީޕަރު ބެގޯވިކް ބޯންމައުތަށް

May 31, 2017

ޗެލްސީގެ ކީޕަރު އަސަމީރު ބެގޯވިކް، ސޮއި ކުރުމަށް، ޗެލްސީއާ ބޯންމައުތާ ދެމެދު އެއްބަސް ވުމަށް އަތުވެއްޖެ އެވެ.

ބޮސްނިއާގެ ގައުމީ ޓީމުގެ ކީޕަރުކަންވެސް ކުރާ ބެގޯވިކް، ބޯންމައުތާ ގުޅޭނީ ޖުލައި މަހު އެއް ވަނަ ދުވަހު އެވެ. ބެގޯވިކް29 ގެނައުމަށް ބޯންމައުުތާއި ޗެލްސީއާއެކު އެއްބަސްވީ 15 މިލިއަން ޕައުންޑް (295 މިލިއަން ދިވެހި ރުފިޔާ) ގެ އަގަކަށެވެ.

އޭނާ ވަނީ 2007 ވަނަ އަހަރު ލޯނެއްގެ ދަށުން ވެސް ބޯންމައުތަށް ކުޅެފަ އެވެ. ސްޓޯކް ސިޓީން 2015 ވަނަ ޗެލްސީއަށް ބަދަލުވި ބެގޯވިކް އަށް ޗެލްސީގެ މަގާމަކީ ބަދަލު ކީޕަރުގެ ރޯލެވެ. އެޓީމުގެ އެއް ވަނަ ކީޕަރަކީ ބެލްޖިއަމްގެ ތައިބަޓް ކޯޓްއާ އެވެ.

"ބޯންމައުތަކީ ވަރަށް ވަރުގަދަ އަޒުމެއް އޮތް ޓީމެއް ކުރިމަގަށް ބަލާއިރު، އެޓީމު ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ އެއް ޗެއް އެޓީމުގައި އެބަހުރި، ނަމަވެސް ޗެލްސީ އަކީ ތަށި ހޯދާ ކަމަށްވަންޏާ އެންމެ ފުރިހަމަ ޓީމު، ނަމަވެސް މިވަގުތު އަހަރެން ބޭނުން ވަނީ ދާއިމީކޮށް ފުރަތަމަ 11 ގައި ކުޅެވޭނެ ގޮތަކަށް ބަދަލުވާން،" ބޮންމައުތުގެ ވެބްސައިޓަށް މައުލޫމާތު ދެމެުން، ބެގޯވިކް ބުންޏެވެ.

އޭނާ ބުނީ، ބޯންމައުތު އަނެއް ލެވަލަށް ގެންގޮސް ދިނުމަށް، އޭނާ އެހީތެރިވެ ދޭނެ ކަމަށެވެ.

"އަހަރެން މި އަންނަނީ އަހަރެންގެ ކެރިއަރުގެ މުހިންމު ހިސާބަކަށް، އަހަރެން ބޭނުން އަހަރެން ގާބިލުކަން އެންމެންނަށް ދައްކަން." ބެގޯވިކް ބުންޏެވެ.

ބޯންމައުތުގެ ކޯޗް އެޑީ ހައު ބުނީ، ބެގޯވިކް އަކީ އެންމެ މަތީ ފަންތީގައިވެސް މޮޅު ކުޅުމެއް ދެއްކޭނެ ކީޕަރެއް ކަމަށާއި އަހަރުތަކެއް ކުރިންވެސް އޭނާ އެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.