ރިޕޯޓް

ދިވެހިންނަށް ސީރާ، ހިތުން ފިލުވޭކަށެއް ނެތް!

May 31, 2017
9

ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ބްރޭންޑްތައް ދިވެހިން އަމިއްލައަށް އުފައްދާ ކުރިއަރުވައި ތަރައްގީކޮށްފައި ވެއެވެ. މަޝްހޫރު "ސީރާ" އަކީ އޭގެ ނަމެކެވެ. އެއަށްވުރެ ވަކީން ބޮޑަށް ދިވެހިން އިތުބާރުކުރާ އަދި އެއްއަށްވުރެ ދިވެހިންނަށް ރަހަމީރު ދިވެހި ބްރޭންޑޭއް ދިވެހި ރާއްޖެއަކު ނޫޅޭނެ އެވެ.

މިހާރުގެ ޒުވާނުން މި ސުވާލު ކުރާނެ އެވެ: މި ހާއްސަ ބްރޭންޑް ސީރާގެ ހިޔާލާއި އުފެއްދުންތެރިކަން އީޖާދުކުރީ ކިހިނެއް ކޮން ޒަމާނަކު ހެއްޔެވެ؟ ސީރާއަކީ ކާކުގެ އައިޑިއާއެއް ހެއްޔެވެ؟

ސީރާގެ ހިޔާލު އުފެއްދީ ގ. ރިދާ، އަހުމަދު ޝަފީގު 61، އާއި އަނބިކަނބަލުން އާމިނަތު ޝަރީފު 58، އެވެ. އެ ދެމަފިރިންގެ ހިޔާލަށް ސީރާ އައީ 1990 އިގެ ކުރީގެ ކޮޅުގަ އެވެ. އެ ދެބޭފުޅުންގެ އެ ހިޔާލު ވުޖޫދުކުރީ 1994 ވަނަ އަހަރު އެވެ.

"ސީރާއަކީ އަޅުގަނޑުމެންގެ މަންމަ އާއި ބައްޕަގެ އުފެއްދުމެއް އެ ދެ ބޭފުޅުންގެ ހިޔާލެއް،" ސީރާގެ ބްރޭންޑް ހިފައިގެން މިހާރު މަންމައާ ބައްޕަގެ ފަހަތުން ނުކުމެ ތިއްބެވި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަރިޔަމް ޝަފީގު ވިދާޅުވި އެވެ. -- އެ އާއިލާގައި ހަތަރު ބޭފުޅުން ތިއްބަވަ އެވެ. އަންހެން ތިންބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. ސީރާ އުފެދުނުއިރު އެ ހަތަރު ބޭފުޅުންނަކީ ކިޔަވާ ކުދިންނެވެ.

މަރިޔަމް ޝަފީގު ވިދާޅުވި ގޮތުގައި ސީރާ އުފެއްދީ އާއިލާގެ ހަރަދުތައް ބެލެހެއްޓޭނެ ކޮންމެވެސް ވިޔަފާރިއެއް ކުރަންވަން ބައްޕަ އާއި މަންމަ ގެންގުޅުއްވި ވިސްނުންފުޅެއްގެ ތެރެއިންނެވެ.

"އަޅުގަނޑުމެން ހަތަރު ކުދިން ސްކޫލަށް ދިޔައިރު މަންމައާ ބައްޕަ ވަޒީފާއަށް ވަޑައިގަންނަވާ. އެކަމަކު ކުދިން ގޮވައިގެން ވަޒީފާ އަދާ ކުރައްވަމުން ވަރަށް ދަތި ގޮތަކަށް ދިޔައީ. ހަރަދުތަކާއި ކަންކަން މެނޭޖް ކުރުމަށް އިތުރަށް ފައިސާ ބޭންވި. އެހެންވެ އަމިއްލަ ކަމެއް ކުރައްވަން ނުވަތަ އާރުލާނެ ވިޔަފާރިއެއް އުފައްދަން ބޭނުންފުޅުން ވެގެން ފެއްޓެވި ކަމެއްމީ. އޭރު މަންމައާ ބައްޕަ ވިސްނެވި ވިސްނުންތަކުގެ ތެރެއިން އުފެދިގެން އައި އެއްޗެއް، މިހާރު ދެން ބްރޭންޑެއް... "ގޭގެތެރޭގެ ދަތިތައް ހުރީމައާއެކު އެކަން މެނޭޖް ކުރާށާއި އަމިއަލަ ވިޔަފާރިއަކަށް ދިއުމުގެ ވިސްނުން އެ ދެބޭފުޅުން އަބަދުވެސް ގެންގުޅުއްވި" މަރިޔަމް ޝަފީގު ވިދާޅުވި އެވެ. "މިބްރޭންޑް އުފެއްދުމުގެ ބޭނުން ވަރަށް ރަނގަޅަށް ދިޔަ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހަތަރު ކުދިން ކިޔެވުމުގެ ހުރިހާ ކަމަކާއި އާއިލާގެ ހުރިހާ އާމްދަނީއެއް ބިނާވީ ސީރާއަށް، މިހާރުވެސް އެކަން އޮތީ އެހެން،"

މަރިޔަމް ޝަފީގު ވިދާޅުވި ގޮތުގައި ސީރާގެ ލޭބަލްގައި ކާނާގެ ޕްރޮޑަކްޓެއް އައީ މަންމަ އާއި ބައްޕައަކީ ވެސް މީރު ކާއެއްޗެހި އުފައްދަން ޝައުވެރިވަޑައިގަންނަވާ ދެބޭފުޅުންނަށް ވާތީ އެވެ.

"މަންމަމެން ވިދާޅުވާ ގޮތުން، އެހެންވެ ކަމަށް ވަނީ މި ލޭބަލްގައި ބަތް ޕާރުސަލް އުފެދުނީ،"

ފުރަތަމަ ދުވަހުން ފެށިގެން ދިވެހިން ކުޅުދިޔައި ކޮށްލައި ހިތާއި ސިކުނޑިން ޖާގަ ހޯދާފައިވާ ސީރާ އަށް ތޭވީސް އަހަރުވެ ރިހި ޔޫބީލާ ދިމާއަށް ދަތުރު ކުރާއިރު އަދި ވެސް ސީރާގެ އިސް ޝެފަކީ މަރިޔަމް ޝަފީގުގެ މަންމަ އެވެ. އެހެން ނަމަވެސް ބައެއް ކަންކަމަށް ވަނީ ބަދަލު ގެނެސްފަ އެވެ.

"މިހާރުވެސް ސީރާގެ މެއިން ޝެފަކީ މަންމަ އަދި މިހާރުވެސް އިސްވެރިޔާއަކީ ބައްޕަ، އެކަމަކު ކުރިޔާ ހިލާފަށް މިހާރު ހުރިހާ ކުދިން ބައިވެރިވޭ... އަޅުގަނޑުމެން ކުޑައިރު މަންމައާ ބައްޕައާ ދެބޭފުޅުން ވެގެނެ ކުރަމުން އައިސް މަސައްކަތުގެ ތެރެއަށް ބޮޑެތިވުމާއެކު އަޅުގަނޑުމެން ބައިވެރިވެއްޖައިން މިހާރު ސީރާ ހިނގަނީ ފެމިލީ ބިޒްނަސްއެއްގެ ގޮތުގައި ކުންފުންޏަކަށް ވެގެން އެކަމަކު ބައްޕައާއި މަންމައާއި އިސްވެ ތިއްބަވައިގެން،" މަރިޔަމް ޝަފީގު ވިދާޅުވި އެވެ.

ސީރާގެ ރަހައަކީ ދިވެހިންނަށް އެހާ ކަމުދާ ރަހައަކަށް ވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

މަރިޔަމް ޝަފީގު ވިދާޅުވި ގޮތުގައި ސީރާ ކްރިއޭޓްކޮށް ވުޖޫދު ކުރި އިރު މަންމަގެ ތައްޔާރު ކުރަމުން އައި ރަހަތައް އެންމެނަށް ވެސް ކަމުދިޔައީ އެވެ.

"އެ ރަހަތައް މީހުނަށް ކަމުދިޔައީ! އެ ރަހަތައް މަންމަ ފަހުން ވަނީ ފައިން ކޮށްފައި، އެގޮތަށް ސީރާގެ ނަމުގައި ރަސްމީ ލޭބަލް ގެނައީ،" މަރިޔަމް ޝަފީގު ވިދާޅުވި އެވެ. "މިހާރު މަންމަ އެކަންޏެއް ނޫން ރަހަ އާއި ކޮލިޓީ ޓެސްޓް ކުރަނީއަކީ، މިހާރު އަޅުގަނޑުމެން ތިން އަހެން ކުދިން ވެސް އެކަން ބަލަން. އިނގްރިޑިއެންޓް ފިލިންސްގައި އަޅުގަނޑުމެންގެ އެއްވެސް މަސައްކަތު މީހަކު ބައިވެރިއެއް ނުވާނެ އެކަމުގައި އުޅޭނީ މަންމައާ އަޅުގަނޑުމެން ކުދިން،"

ސީރާއަކީ ދެވަނަ އެއް ނެތް ނަމަކެވެ. އެހެންނަމަވެސް ސީރާގެ އާއިލާ އޮތީ ސީރާ ތަރައްގީ ކުރަން ދެވަނަ ޕްލޭނެއް ކަރުދާހުގައި ކުރަހައިގެނެވެ. އެކަންވާން އަދި ދުވަސްކޮޅެއް ނަގާނެއެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. ސީރާގެ ހަގީގައި މާނަ، "ކާއެއްޗެސް ނުބައިނުވެ ގިނަ ދުވަހަށް ގިނަ ވަގުތަށް" ބެހެއްޓޭ ގޮތަށް ސީރާގެ ނަން ދިވެހިންގެ ސިކުނޑީގައި ގިނަ ދުވަހަށް ފިލައި ނުދާނެ ގޮތަށް ވަނީ ފައްކާކުރެވި އަދި ރައްކާ ކުރެވިފަ އެވެ. ސީރާގެ ބާނީން ކަމަށްވާ އަހުމަދު ޝަފީގާއި އަނބިކަނބަލުން އާމިނަތު ޝަރީފު، ތުއްޕުޅު ބޭފުޅުންނާއެކު 1990 އިގެ ކުރީކޮޅު ދެކެވަޑައިގެންނެވި ހުވަފެން ހަގީގަތަކަށްވެ އެކުދިން އެ މަސައްކަތުގެ އެއްކޮޅުގައި ހިފައިފި އެވެ. މިހާ ކާމިޔާބު ދިވެހި ބްރޭންޑެއް ދެން ކޮބައިހެއްޔެވެ؟

"އަޅުގަނޑުމެނަށްޓަކައި ސީރާ އުފެއްދީ އަޅުގަނޑުމެން ކިޔަވާ ނިމި ބޮޑެތިވެ މީހުންނާ ކައިވެނިކޮށް ކުދިން ލިބިއްޖެ، އަބަދުވެސް އަޅުގަނޑުމެންގެ ފަހަތުގައި އޮތީ އަޅުގަނޑުމެނަށްޓަކައި މަންމަ އާއި ބައްޕަ އުފެއްދި ސީރާ"