ދިވެހި ސިނަމާ

"ދިރިއުޅުމަކީ މިއީބާ" ރާއްޖެ ޓީވީން ނުދެއްކި!

May 31, 2017
4

ރަމަޟާން މަހު ރާއްޖެ ޓީވީން މުނިފޫހި ފިލުވައިދިނުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ޔޫސުފް ރަފީއު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީބާ" ގެ އާ އެޕިސޯޑުތަކެއް ދައްކަން ހަމަޖެއްސުމަށްފަހު، އެ ސިލްސިލާ ރާއްޖެ ޓީވީން ދެއްކެން ނެތް ކަމަށް އަންގައިފި ކަމަށް ޔޫސޭ ބުނެފި އެވެ.

މިކަމާ ގުޅޭގޮތުން އިއްޔެ ޔޫސޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ދރިއުޅުމަކީ މީބާ" ދެއްކެން ނެތް ކަމަށް ޔޫސޭ އަށް އަންގާފައިވަނީ ރާއްޖެ ޓީވީން އެ ސިލްސިލާ ދައްކަން ތިން ދުވަހަށް ވެފައި ވަނިކޮށް އިއްޔެ ކަމަށެވެ.

އޭނާ ބުނީ ރާއްޖެ ޓީވީން "ދިރިއުޅުމަކީ މިއީބާ" ދައްކަން ނިންމުމަށްފަހު އާ އެޕިސޯޑުތަކެއް ޝޫޓުކޮށްފައިވާ ކަމަށެވެ. ޔޫސޭ ބުނީ ރާއްޖެ ޓީވީން ނުދެއްކި ނަމަވެސް ދިރިއުޅުމަކީ މިއީބާ ސަން ޓީވީން ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 17 އިން ފެށިގެން އިއްޔެގެ ފަތިހުގެ ނިޔަލަށް ފުރަތަމަ ޓްރޭލާ ދެއްކުމަށްފަހު އަދި އެތައް ފަހަރަކު "ދިރިއުޅުމަކީ މީބާ" ގެނެސްދޭނެ ކަމަށް ޚަބަރާއި ޝޯތަކުގައި ހާމަކޮށް، އެޓީވީގެ ވެބްސައިޓްގެ ޚަބަރު ޖެހުމަށްފަހު ފުރަތަމަ އެޕިސޯޑް ނިންމާ ރާއްޖެ ޓީވީއަށް ދިންތާ އެތައް ދުވަހެއް ފަހުން "ރާއްޖެޓީވީ އިން ދިރިއުޅުމަކީ މިއީބާ" ދެއްކެން ނެތް ކަން އެނގުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.

މިކަމާ ބެހޭގޮތުން ރާއްޖެ ޓީވީގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވި އެވެ.