ރާއްޖެ ކުޅިވަރު

ދަގަނޑޭ ޕީޑީއާރްއެމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އަނިޔާގެ ސަބަބަުން ކުޅުމާދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އިއްޔެ ޕީޑީއާރްއެމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މެލެޝިއާ ލީގުގައި މިދިޔަ މަހު ކުޅުނު މެޗެއްގައި ދަގަނޑޭ ކަނާތު ފައިގެ ހެމްސްޓްރިންގަށް ލިބުނު އަނިޔައަކާ ގުޅިގެން ކުޅުމާ ދުރުގައި 25 ދުވަސް ހޭދަކުރުމަށް ފަހު، ދަގަނޑޭ ވަނީ އިއްޔެ ރަސްމީކޮށް ޕީޑީއާރްއެމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. މިދިޔަ މަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗަށް ދަގަނޑޭ މާލެ އައި ނަމަވެސް، މި އަނިޔާގެ ސަބަބަުން އޭނާ މި މެޗުގައި ނުކުޅެ އެވެ. އަދި މެލޭޝިއާގެ އެފްއޭ ކަޕްގެ ގަދަ 16ގެ ބުރުގައި ސައިމް ޑާބީ އަތުން ޕީޑީއާރްއެމް ބަލިވި މެޗާއި މި ހަފުތާގައި މެލޭޝިއާ ލީގުގައި އެ ޓީމު ކުޅުނު މެޗު ވެސް ދަގަނޑޭ އަށް ވަނީ ގެއްލިފަ އެވެ.

ދަގަނޑޭ ބުނީ މިހާރު އެ އަނިޔާގެ އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ. އަދި މެލޭޝިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ދުވަހު ފެލްޑާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމުގެ އުންމީދު ބޮޑު ކަމަށެވެ.

"އިއްޔެ ފަރިތަކުރުންތަކުގައި މި ބައިވެރިވީ. މިހާރު އެއްވެސް އުނދަގުލެއް ނެތް،" ދަގަނޑޭ ބުންޏެވެ. "މިހާރު މި ތައްޔާރުވަނީ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ކުޅުމަށް. އިންޝާ ﷲ،"

މެލޭޝިއާ ލީގުގެ އެއްވަނައިގައި ޕީޑީއާރްއެމް އޮތީ 12 ޕޮއިންޓާއެކު އެވެ. ދަގަނޑޭ ފިޓުވުމަކީ ޕީޑީއާރްއެމް އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.