ބޮލީވުޑް

ސަލްމާން، އޭނާގެ ޖިންސް ކާ ކަން އިނގޭތަ؟

Jun 1, 2017

ސަލްމާން ޚާންގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ޓިއުބްލައިޓް" ނެރުމަށް މިއޮތީ ގާތްގަނޑަކަށް ވިއްސަކަށް ދުވަހެވެ. ކުރިއަށް ރިލީޒްވުމަށް ހުރި ފިލްމުތަކުގެ ތެރެއިން މި ފިލްމަކީ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.

ފިލްްމުގެ ޓްރެއިލާ އާއެކު ފިލްމާ މެދު ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރު އެތައް ގުނައެއް ވަނީ ބޮޑުވެފަ އެވެ.

މި މަހުގެ 24 ވަނަ ދުވަހު "ޓިއުބްލައިޓް" ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި ސަލްމާން އޭނާ ލައިގެން ހުންނަ ޖިންސުން ރޮދި ގަނޑެއް ނައްޓުވައި އަނގަޔަށް ލައި މަންޒަރު ފެންނަ ވީޑިއޯއެއް މިވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ.

ލައިގެން ހުންނަ ރިޕްޑް ޖިންސް ވާއަތު ފަލަ މަސްގަނޑާ ދިމާލުން އިރާފައިވާ ތަނުން ނެއްޓިފައި ހުރި ރޮދި ގަނޑު ނައްޓާލުމަށްފަހު އިނގިލިތަކުގައި ލައި ކުޅެމުން ގޮސް ސަލްމާން އެ ރޮދި ކޮޅު ލަނީ އަނގަޔަށެވެ. އެއަށްފަހު ރޮދިކޮޅު އަނގައިގައި އިރުކޮޅެއް ވަންދެން ބެހެއްޓުމަށްފަހު ވަނީ އަތުން ނަގައި އެއްލާލާފަ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާ އަށް ލީ ފަރާތުން ވަނީ ސަލްމާންގެ އަމިއްލަ ކްލެތިން ބްރޭންޑް ބީން ހިއުމަންއިން ކެވޭ ޒާތުގެ ޖިންސް ލޯންޗްކޮށްފައިވާ ކަމަށް ބުނެ ހަޖޫޖަހާފަ އެވެ.

ބައެއް މީހުން ސަލްމާން ފަދަ ތަރިއަކު، ހާއްސަކޮށް ހަފްލާއެއްގެ ތެރޭގައި މިފަދަ ކަމެއް ކުރުމުން އެކަމާ ފާޑުކިޔަމުން އަންނައިރު، އަނެއް ބަޔަކު ވަނީ "ޓިއުބްލައިޓް" އޭނާ ކުޅެފައިވާ ބޯ ހަމަނުޖެހޭ މީހެއްގެ ކެރެކްޓަރަށް ވަދެވިފައި ހުރި ވަރުން އަދިވެސް އެގޮތަށް އުޅެވެނީ ކަމަށެވެ.

އިންޑޯ-ޗައިނޯ ހަނގުރާމަައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ސަލްމާނާ އެކު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން، ބޭބެއެއްގެ ރޯލުން ފެނިގެންދެ އެވެ.

މި ފިލްމުގައި ފެނިގެންދަނީ ބޯޑަރަށް ހަނގުރާމައަށް ދާ ބޭބެގެ ހަބަރެއް ނުވުމުން އޭނާ ހޯދަން ދާ ކޮއްކޮއެއްގެ ވާހަކަ އެވެ.

"ޓިއުބްލައިޓް" ގައި ސަލްމާން އާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ ޗައިނާގެ މަޝްހޫރު ބަތަލާ ޒޫ ޒޫ އެވެ. އަދި މެހެމާނެއްގެ ރޯލުން ޝާހްރުކް ޚާން ވެސް ފެނިގެންދެ އެވެ.