ކުޅިވަރު

މާޒިޔާ ބަލިކޮށް ބެންގަލޫރު ދެ ވަނަ ބުރަށް

Jun 1, 2017
1

ކެޕްޓަން ސްނިލް ޗެތުރީ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން، މާޒިޔާގެ މައްޗަށް ކާމިޔާބު ހޯދައި، އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް، އެންމެ ފަހުގެ ރަނަރަފު ބެންގަލޫރު އެފްސީ ދަތުރު ކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި، މާޒިޔާއިން ވަނީ، ބެންގަލޫރުގެ ހަމަލާތައް ހުއްޓުވައި ވަރަށް ރަނގަޅަށް ކުޅެފަ އެވެ. ނަމަވެސް، ދެ ވަނަ ހާފު ފެށިގެން 12 ވަނަ މިނެޓްގައި، ޗެތުރީ، ޕެނަލްޓީ އޭރިގާ ބޭރުން، ޕެނަލްޓީ އޭރިއާގެ ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުން ގޯލް ތެރެއަށް ފޮނުވާލައިގެން ލީޑް ނެގި އެވެ.

ފުރަތަމަ ހާފުގައި، މާޒިޔާގެ އެލެކްސެންޑާ ރެކިޗް ވަނީ އަލީ ސަމޫހް ހުރަސް ކުރި ބޯޅައެއްގައި ބޮލުން ނުރައްކާތެރި ބޯޅައެއް ފޮނުވާލާފަ އެވެ. ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ލަނޑަށްފަހު، މާޒިޔާއިން ވަނީ، ކުޅުން އަވަސް ކޮށް ގިނަ ހަމަލާތަކެއް އުފައްދާން މަސައްކަތް ކޮށްފަ އެވެ. ރެކިޗަށް ޕެނަލްޓީ އޭރިއާ ތެރެއިން ތަނަވަސްވި ބޯޅައެއް ފޮނުވާލުމުން އެބޯޅަ ދިޔައީ ބޭރަށެވެ.

މާޒިޔާ އާއި ބެންގަލޫރަށްވެސް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ނަމަވެސް، ބެންގަލޫރު އެއް ވަނަ އަށް ދިޔައީ ދެ ޓީމުގެ ކުރިމަތިލުން، ބެންގަލޫރު ކޮޅަށް ބުރަވުމުންނެވެ. މެޗު އެއް ވަރުކޮށްލައިގެންވެސް މާޒިޔާއަށް ސެމީ ފައިނަލަށް ދެވެން އޮތެވެ.

އޭއެފްސީން އޭއެފްސީ ކަޕަށް، މިއަހަރު ގެނެސްފައިވާ ބަދަލުގެ ސަބަބުން، މި ސަރަހައްދުން، ދެ ވަނަ ބުރަށް ދާނީ ގުރޫޕްގެ އެއްވަނަ ޓީމެވެ. ބެންގަލޫރު ދެން ކުޅެނީ އިންޓަ ޒޯން ސެމީ ފައިނަލު ބުރުގަ އެވެ.