ބޮލީވުޑް

"ސައިރަތު"ގެ ރިމޭކްގައި ޝާހިދުގެ ކޮއްކޮ އާއި ޖާންވީ

Jun 2, 2017

ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި މަޝްހޫރު ބަތަލާ ސްރިދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު، 19، ފިލްމީ ދާއިރާ އަށް ނިކުންނަށް ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވޭތާ ލައްކަ ދުވަސްވެއްޖެ އެވެ.

ޕްރޮޑިއުސަރު ކަރަަން ޖޯހަރުގެ ބެލުމުގެ ދަށުން ޖާންވީ ބޮލީވުޑަށް ނިކުންނަށް ތައްޔާރުވަމުން އަންނައިރު، އެނާގެ ފުރަތަމަ ފިލްމަކީ މަރާޓީ ބްލޮކްބާސްޓާ "ސައިރަތު" ގެ ހިންދީ ރިމޭކް އެވެ.

ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގައި ޖާންވީ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްތަރު ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޯނީ ކަޕޫރު ވަނީ ޖާންވީ ބޮލީވުޑަށް ތައާރަފުކުރަނީ ކަރަން ކަމަށާއި އޭނާ ސައިރަތު" ހިންދީ ބަހުން އުފެއްދުމުގެ ރައިޓްސް ގަނެފައިވާތީ ޖާންވީ ތައާރަފްކުރާނީ އެ ފިލްމުން ކަމަށް ލަފާކުރެވޭ ކަމަށް ބުނެފަ އެވެ.

"ބަދްރިނާތްކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާން ޑައިރެކްޓްކުުރާ "ސައިރަތު" ގެ ހިންދީ ރިމޭކުން އިޝާން އާއި ޖާންވީ އެކުގައި ފެނިގެންދާނެކަން ޔަގީންވެފައިވާއިރު މިފަހަކަށް އައިސް މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަުގެ ވާހަކަތައް ދެކެވެން ފަަށާފައިވަނީ މިފަހަކަށް އައިސް އެކުގައި ފެންނަލެއް ގިނަވުމުންނެވެ. އެގުތުން މިދިޔަ ހަފްތާގައި ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑްގެ ފިލްމު "ބޭވޮޗް" ބަލަން ވެސް އެކުގައި ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ނޫސްތަކުން ފެނިފަ އެވެ. އެކަަމާ ގުޅިގެން ޝާހިދު ވަނީ އިޝާން ކުރެން މިވަގުތު ފިލްމީ ދާއިރާ އަށް ފޯކަސްކުރަން ބުނެފަ އެވެ.

އިޝާން މިފަހުން ވަނީ އިރާނުގެ މަޝްހޫރު ފިލްމުގެ ޑައިރެކްޓަރު މާޖިދް މަޖީދީގެ "ބިޔޯންޑް ދަ ކްލައުޑްސް" ގެ ޝޫޓިން ނިންމާލާފަ އެވެ.

މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައިނުވީ ނަމަވެސް މަރާޓީ ފިލްމު "ސައިރަތު" އަށް ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައިވަތީ ހިންދީ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އަންނަނީ ބުނެވެމުންނެވެ.

"ސައިރަތު" އަކީ އާދައިގެ އާއިލާ އަކަށް ނިސްބަތްވާ މަސްވެރިއެއްގެ ފިރިހެން ދަރިޔަކަށް އެ އަވަށުގެ އެންމެ މުއްސަނދި އަދި ސިޔާސީ ގޮތުން ވެސް ބޮޑު ނުފޫޒެއް އޮންނަ މީހެއްގެ އަންހެން ދަރިފުޅު ދެކެ ލޯބިވެވި އެ ދެމީހުންގެ ގުޅުމަށް އާއިލާއިން ގަބޫލުނުވުމުން އެކުގައި ފަލައިގެން ކައިިވެނިކޮށްގެން ދަރިޔަކު ލިބޭ ފަހުން އަންހެން ކުއްޖާގެ އާއިލާގެ މީހުން އެމީހުން ހޯދައި މަރާލާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.