ކުޅިވަރު

ބަލިވިޔަސް މާޒިޔާގެ ކުޅުމާމެދު ސެކްލޮސްކީ ހިތްހަމަޖެހޭ

Jun 1, 2017

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ރޭ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މޗުން ބަލިވިޔަސް، މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނެފި އެވެ.

ބެންގަލޫރުގެ ދަނޑުގައި ކުޅުނު މެޗު، މާޒިޔާ ބަލިވީ، ބެންގަލޫރުގެ ކެޕްޓަން، ސްނިލް ޗެތުރީ ޖެހި ހިލޭ ޖެހުމެއްގައި ކާމިޔާބު ކުރި ލަނޑަކުން ނެވެ. ޑިފެންސްކޮށްގެން ހަމަލާ އުފައްދަމުން ދިޔަ، މާޒިޔާއިން ރޭ ގެ ފުރތަމަ ހާފުގައި ވަނީ، ބެންގަލޫރުގެ ހަމަލާތައް ހުއްޓުވާފަ އެވެ.

އަދި މާޒިޔާއިން ވަނީ، ބެންގަލޫރުގެ ގޯލަށް އަމާުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ދެވަނަ ހާފުގެ 57 ވަނަ މިނެޓްގައި ލަނޑު ޖެހި ފަހުން ވެސް، މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް، ބެންގަލޫރުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް، އެ ދެ ބޯޅަ ވެސް ދިޔައީ ބޭރަށެވެ.

"އަހަރެމެން މި ކުޅުނީ އޭޝިއާގެ މުއްސަނދި ކުލަބެއް ކަމަށްވާ ބެންގަލޫރު އެފްސީއާ ދެކޮޅަށް، މެޗު ބެލި ބަޔަކަށް އެނގޭނެ، އަހަރެން މިބުނީ ކީކޭކަން،" ސެކްލޮސްކީ ބުންޏެވެ.

އޭނާ އިޝާރާތް ކުރީ، ފުޓްބޯޅައިގެ ހުރިހާ ވަސީލަތްތަކެއް ހުރި، ޓީމަކާ ދެކޮޅަށް، މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކުމުން އެކަމަށް އިޝާރާތް ކޮށެވެ.

"އަހަރެންގެ ކުރިމަތީގައި (މާޒިޔާޣެ ކުޅުންތެރިންނަކީ) މޮޅުވި މީހުން، އަހަރެންގެ ކުރިމަތީގައި ޗެމްޕިއަންނަކީ ތިއީ." އޭނާގެ ކުޅުންތެރިންނަށް ނިސްބަތްކޮށް ސެކްލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕަށް މިފަހަރު ގެނެސްފައިވާ ބަދަލާއެކު، މި ސަރަހައްދުން، ދެ ވަނަ ބުރަށް ނުވަތަ އިންޓަ ޒޯން ސެމީ ފައިނަލު ބުރަށް ދާނީ ގުރޫޕްގެ އެއް ވަނަ ޓީމު އެކަންޏެވެ. މާޒިޔާ އާއި ބެންގަލޫރަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއް އަދަދަކަށެވެ. ނަމަވެސް ބެންގަލޫރަށް ކުރި ލިބެނީ، ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ އެ ޓީމު ކޮޅާށް ބުރަ ވުމުން ނެވެ.