ހަބަރު

ވިއްސާރާގައި 14 ރަށަކަށް ގެއްލުން ލިބުނު: އެންޑީއެމްސީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 14 ރަށަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖުމެންޓު ސެންޓަ (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްސީ އާއި ކޯސްޓްގާޑް އަދި ޑިފެންސް މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސް އެއްގައި އެންޑީއެމްސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު ފާތުމަތު ތަސްނީމު ވިދާޅުވީ ވިއްސާރާގައި 14 ރަށަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި އެބަހުރި ކަމަށާއި އެންމެ ބޮޑަށް ގެއްލުންތައް ލިބިފައިވަނީ 3 ރަށަކަށް ކަމަށެވެ.

ތަސްނީމް ވިދާޅުވީ މި ދެދުވަހު މެދުރާއްޖެ ތެރެއަށް ކުރި ގަދަ ވިއްސާރާގައި ގދ. ތިނަދޫއަށް އަދި ފ. ނިލަންދޫ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލލިބިފައިވާ ކަމަށެވެ. އެގޮތުން ޑިޒާސްޓާ މެނޭޖްމަންޓްގެ ޓީމެއް ތިނަދޫއަށް ދަތުރުކުރަމުންދާ ކަމަށާއި ނިލަންދޫއަށް ލިބުނު ގެއްލުންތައް ބަލައި ހަރަކާތްތެރިވުމަށް އެމްއެންޑީއެފް ގެ ޓީމެއްވެސް އެރަށަށް ދިއުމަށް ފުރާފައިވާ ކަމަށް ތަސްނީމް ވިދާޅުވި އެވެ.

"އައްޑޫ ހިތަދޫއަށް އެރި ރޯޅީގައި 12 ގެ އެއް އެއްލާލައި 25 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ. އަދި މިއަދު ނިލަންދޫއަށް އެރި ނަގޫރޯޅިއެއް ގައި އެރަށުގެ 10 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބޭ" ތަސްނީމް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކޮޅިގަނޑާ އެކުގައި 45 މެލާ 55 މެލާ ދެމެދުގައި ބާރު މިނަކަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި މިއަދު 55 މޭލަށް ވައިގަދަވާނެ ކަމަށް ޔެލޯ އެލާޓްގައި ލަފާ ކޮށްފައިވެއެވެ.