ބޮލީވުޑް

ސަލްމާންގެ ކުރީގެ މެނޭޖަރު އަކްޝޭގެ މެނޭޖަރަކަށް!

Jun 2, 2017
1

ނުވަ އަހަރުު ވަންދެން ސަލްމާން ޚާންގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ރޭޝްމާ ޝެޓީ އެ މަގާމުން ސަލްމާން ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވަކިކޮށްފަ އެވެ.

ސަލްމާނަށް މިއަދު ބޮލީވުޑްގައި އާދެވިފައިހުރި މަގާމަށް އޭނާ އަށް އާދެވުމުގައި ރޭޝްމާގެ ދައުރު ބޮޑެވެ. ބޮޑެތި ބްރޭންތައް އެންޑޯޒްކުރަމުން ސަލްމާނަށް ފުރުސަތު ހޯދައިދީ ޓީވީ ޝޯތައް ހުށަހެޅުމުގެ ފުރުސަތު ހޯދުމާއި ފިލްމީ ދާއިރާގައި ވިޔަފާރި ކުރަން އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފެއްދުމުގެ ލަފާ ވެސް ސަލްމާނަށް ދީފައިވަނީ ރޭޝްމާ އެވެ. މީގެއިތުރުން ވެސް ސަލްމާންގެ އެންޖީއޯ ބީން ހިއުމަން އަކީ ސަލްމާންގެ އިމޭޖް އާންމުގެ މެދުގައި ރަނގަޅުކުރަން ރޭޝްމާގެ ލަފާގެ މަތިން ފެށިކަމެކެވެ.

ރޭޝްމާގެ ސިކުނޑިއާ އެކު ސަލްމާން ހުރިހާ ގޮތަކުން ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެކަކަށް ވެފައި ވަނިކޮށް އޭނާ ސަލްމާންގެ މެނޭޖަރުކަމުން ވަކިކޮށްފައިވަނީ ސަލްމާން އެހެން ޑައިރެކްޓަރުންގެ ފިލްމުތައް ދޫކޮސް ކޮއްކޮމެން ފިލްމީ ވިޔަފާރިތައް ކޮޅަށް ޖެހުމަށް އުޅުމުން އެކަމަށް ރޭޝްމާ ނޫނެކޭ ބުނުމުންނެވެ.

އެގޮތުން ރޭޝްމާ އާ ދެމުދެ ޖެހުނު މައްސަލައިގައި އޭނާގެ ކުންފުނި މެޓްރިކްސްއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށްފަހު ސަލްމާން ވަނީ އެނާގެ މެނޭޖަރެއްގެ ގޮތުގައި ކޮއްކޮ ސޮހެއިލް ޚާން ހަމަޖައްސާފަ އެވެ.

ސަލްމާން ރޭޝްމާ ދޫކޮށްލުމުން އެކަމުގެ ފައިދާ ނަގާފައި މިވަނީ އަކްޝޭ ކުމާރެވެ. ފުލުފުލުގައި ކާމިޔާބު ފިލްމުތަކެއް ކުޅެ "ރުސްތޮމް" އިން
ގައުުމީ އިނާމު ވެސް އަކްޝޭ އަށް ވަނީ މިދިޔަ މަހު ލިބިފަ އެވެ.

ހަބަރުތައް ބުނާގޮތުން އަކްޝޭ ވަނީ އޭނާގެ މެނޭޖަރެއްގެ ގޮތުގައި ރޭޝްމާ ހަމަޖައްސާފަ އެވެ.

ސަލްމާންގެ އިތުރުން ވެސްް ޒުވާން ތަރިންގެ ތެރެއިން އާލިއާ ބަޓް އާއި ސިދާތް މަލްހޯތުރާ އަދި ވަރުން ދަވަން އަށް ގިނަ އެންޑޯޒްމަންޓްތަކާއި ފިލްމުތައް ހޯދައިދިނުމަށް އަދި އެމީހުން އިމޭޖް ޕަބްލިކްގައި ރަނގަޅު ކުރުމަށް ރޭޝްމާ ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން މިތިން ތަރިންނަކީ މިއަދު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ތިން ޒުވާން ތަރިންނެވެ.

އަކްޝޭ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ މުއްސަނދި އެއް އެކްޓަރަށްވީއުރު ރޭޝްމާ އޭނާގެ މެނޭޖަރަކަށްވެ، އަކްޝޭގެ ވިޔަފާރީ އާއި އެންޑޯސްމެންޓްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ސަލްމާނެކޭ އެއްގޮތަށް އަކްޝޭ ވެސް ޓީވީ ޝޯއެއް ހުށަހަޅާތަން ވެސް ކައިރި މުސްތަގުބަލެއްގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ބޮލީވުޑްގެ ބައެއް ނޫސްތަކުގައިވާ ގޮތުން އަކްޝޭ ވަނީ އޭނާގެ މެނޭޖަރެއްގެ ގޮތުގައި ރޭޝްމާ ހަމަޖެއްސިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށް ބުނެފަ އެވެ.