ބޮލީވުޑް

ސަންޖޭގެ ހަޔާތުގެ ފިލްމް ނެރޭނީ އަންނަ މާޗްގައި

Jun 3, 2017

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަކީ ދިރިހުރި ބޮލީވުޑް ތަރިއެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ފިލްމެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރެވެ.

ކުރިން މި އަހަރުުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމު މިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފަ އެވެ. މި ފިލްމު ރިލީޒްކުރާ ދުވަސް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝްކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.

މި އަހަރުގެ ކުރިއަށް ރިލީޒްވުމަށް ހަމަޖެހިފައި ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ ބޮޑުު އެއް ފިލްމަކަށް ރިލީޒްވާނެ ފިލްމަކީ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ "ޓައިގާ ޒިންދާހޭ" އެވެ. ކުރިން މި ފިލްމާއެކު ރަންބީރު ސަންޖޭގެ ހަޔާތުގެ މައްޗަށް ކުޅެމުން އަންނަ ފިލްމު ރިލީޒްވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ޑައިރެކްޓަރު ހިރާނީ ވަނީ އެއްވެސް ފިލްމަކާއެކު ކުރިމަތިލުމަކަށް ނުދާން ވެގެން އޭނާގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ލަސްކޮށްފައިވަނީ ބޮޑު ބަޖެޓަކުން އުފައްފާދައިވާ އެހެން ފިލްމަކާއެކު ރިލީޒްކުރަން ބޭނުންނުވާތީ އެވެ. އަދި މިހާރު ވެސް މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ހިރާނީ ބޭނުންވަނީ ބެލުންތެރިން ބޮޑު އިންތިޒާރެއް ކުރުވުމަށްފަހު ފިލްމު ސިނަމާތަކުގައި އަޅުވާށެވެ.

ގާތްގަނޑަކަށް 70 ޕަސެންޓް ޝޫޓިން މި ފިލްމުގެ މިހާރު ނިމިފައިވާއިރު އަދިވެސް ފިލްމަށް ނަމެއް ދީފައެއްނުވެ އެވެ. ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމުގެ ވާހަކަ ވެސް ލިޔެފައިވަނީ ހިރާނީ އެވެ.

މި ފިލްމުގައި ސަންޖޭ ރޯލު ކުޅެން ތައްޔާރުވުމަށް ރަންބީރު ވަނީ ބަރުދަނުން 13 ކިލޯ ބަރުކޮށްފަ އެވެ. ރަންބީރު މި ފިލްމުގައި ތިން ސިފައެއްގައި ފެނިގެންދާނެ އެވެ. އެއީ ސަންޖޭ މިހާރު ފެނިގެންދާ ގޮތާއި ފިލްމީ ދާއިރާއަށް އޭނާގެ ޒުވާން ދުވަސްވަރު ނިކުތްއިރު ހުރި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އޭނާގެ ރީހެބްގައި އުޅުނު ދުވަސްވަރު ހުރި ގޮތެވެ.

މި ފިލްމުގައި ސަންޖޭގެ މަންމަގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާއިރު، ބައްޕަގެ ރޯލުން ފެނިގެންދަނީ ޕަރޭޝް ރާވަލް އެވެ. އަދި މިހާރުގެ އަންހެނުން މާނިޔަތާގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ. މީގެ އިތުރުން ކެރިއަރުގެ ކުރީކޮޅު ސަންޖޭއާ ލޯބީގެ ގުޅުމެއް އޮތް ދެ ތަރިއެއްގެ ރޯލުން ސޯނަމް ކަޕޫރާއި ކަރިޝްމާ ތަންނާ ފެނިގެންދާނެ އެވެ.