ބޮލީވުޑް

އައިޝްވާރިިޔާއާ ވައްތަރު ބަތަލާ ގެއްލުނީ ބަލިވެގެން!

Jun 3, 2017
2

ދެހާސް ފަސްވަނަ އަހަރު ސަލްމާން ޚާނާއެކު "ލަކީ: ނޯ ޓައިމް ފޯ ލަވް" އިން ފެނިގެންދިޔަ ބަތަލާ ސްނޭހާ އުއްލަލް އަށް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އޭނާ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އަދި ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ވަރަށް ވައްތަރު ކަމަށް ބުނެ އެވެ.

ސަލްމާނާއެކު ބޮލީވުޑަށް ނިކުމެ ސްނޭހާގެ ކެރިއަށް އެންމެ އުހަށް އަރާނެ ކަމަށް ބެލެވުނު ނަމަވެސް ކުޅުނު ހަމައެކަނި ފިލްމާއެކު އޭނާ ގެއްލުނީ އެވެ.

ބަތަލާ އައިޝްވާރިޔާ ކަހަލަ މަޑު ނޫ ކުލައިގެ ލޮލެއް ހުންނަ ސްނޭހާ އޭނާއާ ވައްތަރު ވުމުން ގިނަ މީހުންނަށް ހީވީ އެއީ އައިޝްވާރިޔާ ކަމަށެވެ.

އައިޝްވަރިޔާ ވައްތަރުވެގެން ބޮލީވުޑުން ސްނޭހާ އަށް ލިބުނު ކާމިޔާބެއް ނެތެވެ. ބޮލީވުޑުގައި އެންމެ ފިލްމެއް ކުޅުމަށްފަހު އޭނާ މިސްރާބު ޖެހީ ތެލުގޫ ފިލްމު އިންޑަސްޓްރީއާ ދިމާލަށެވެ.

އެގޮތުން ތެލުގު ފިލްމު ކުޅެގެން ބޮޑު ކާމިޔާބެއް ހޯދަމުން އައިސް ސްނޭހާ ވަނީ ކުއްލި އަކަށް ތެލުގު ފިލްމުތަކުން ފެނުން ހުއްޓިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ތެލުގޫ ފިލްމު "އަންތަ ނީ މަޔަލޯން" އަށް ފަހު ސްނޭހާ ކުއްލި އަކަށް ގެއްލުމުން އޭނާ ފިލްމީ ދާއިރާ އެއްކޮށް ދޫކޮށްލީ ކަމުގެ ވާހަކަތައް ދެކެވެން ފެށުނެވެ.

ނަމަވެސް ސްނެހާ ވަނީ ހަތަރު އަހަރުުގެ ބްރޭކަކަށްފަހު އަލުން ތެލުގު ފިލްމެއް ކުޅެން ނިންމާފަ އެވެ. އެގޮތުން އެ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ އެއްވެސް އިރެއްގައި ފިލްމީ ދާއިރާ ދޫކޮށް ނުދާ ކަމަށާއި ފާއިތުވި ހަތަރު އަހަރު އޭނާ އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރީ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ކަމަށް ބުނެފަ އެވެ.

އެހާ ބޮޑު ބްރޭކެއް ފިލްމުތަކުން ނެގީ ލެޔަށް ޖެހުނު ބައްޔަކަށް ފަރުވާ ހޯދާށެެ. އޮޓޯ އިމިއުން ޑިސްއޯޑާ ހުންނަ ކަން އެނގުމުން ވެސްް ފިލްމުތަކުގެ ޝޫޓިން އަށް ގޮސް ގިނަ ވަގުތު ޝޫޓިންގައި އުޅެން ޖެހުމުގެ ސަބަބުން އޭނާ މާ ބޮޑަށް ބަލިވީ އެވެ. އެގޮތުން ސާޅީހަކަށް މިނިޓަށް ވުުރެން ގިނައިރު އެނާ އަށް އަމިއްލަ ފައިމައްޗަށް ތެދުވެ ނުހުރެވޭއިރު ގައިގެ އެއްވެސް ވަރަކަށް ހަކަތަަ ވެސް ނެތި ވަރަށް ބޮޑަށް ބަލިވި އެވެ.

"އެންމެންނަށް ހީވީ އަހަރެން ފިލްމީ ދާއިރާއާ ދުރަށް ދިޔައީ އޭ. އަދި މި ފިލްމަކީ އަހަރެން އެނބުރި އަންނަ ފިލްމެއް ނޫން. އަލުން އެނބުރި ފިލްމީ ދާއިރާ އަށް އަންނަނީ އޭ ބުނާނީ ގަސްތުގައި މި ދާއިރާއިން ބްރޭކް ނަގާ މީހުންނަށް. އަހަރެން ފިލްމީ ދާއިރާ އަކާ ދުރަކަށް ނުދަން. ވަރަށް ބޮޑަށް ބަލިވެގެން ފިލްމު ނުކުޅެ މަޑުކޮށްލީ" ހަތަރު އަހަރު ވަންދެން އެއްވެސް ފިލްމަކުން ފެނިގެން ނުދިޔަ ސަބަބު ހާމަކުރަމުން ސްނޭހާ ބުނެފައިވެ އެވެ.

އިތުރަށް ސްނޭހާ ވަނީ އެހާ ގިނަ ދުވަހުގެ ބްރޭކެއް ނެގީ މުޅިން ބަލި ރަނގަޅު ވާން އެކަމަށް ރަނގަޅަށް ފަރުވާ ހޯދަން ކަމަށެވެ. ސްނޭހާ ވަނީ ގޭގައި މަޑުކޮށް ބައްޔަށް ފަރުވާ ހޯދައި މުޅިން އެ ބަލިން ސަލާމަތްވެފައެވެ.