ބޮލީވުޑް

އަނިލް ކަޕޫރާއި ފިރިހެން ދަރިފުޅު އެކުގައި ފެނިލަނީ

Jun 3, 2017

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ތިން ކުދިންގެ ތެރެއިން ދެ ކުދިން ފިލްމު ކުޅޭއިރު އެއް ކުއްޖަކު ހަރަކާތްތެރިވަމުން އަންނަނީ ކެމެރާގެ ފަހަތުގައި ނަމަވެސް ހަމަ ފިލްމީ ދާއިރާގަ އެވެ.

ދޮށީ ދަރިފުޅު ސޯނަމް ކަޕޫރު ބޮލީވުޑްގައި އޭނާގެ ފައިތިލަ ސާބިތުކޮށްފައިވާއިރު ހަމަ އެކަނި ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު (ހަރްޝް) ވެސް ވަނީ މިދިޔަ އަހަރު "މިރްޒިޔާ" ކިޔާ ފިލްމަކުން ބޮލީވުޑަށް ނިކުމެފަ އެވެ.

އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނަސް އެ ފިލްމު ރިލީޒް ކުރުމުގެ ކުރިން ހަރްޝް އަށް ވަނީ އިތުރު ފިލްމަކުން ފުރުސަތު ލިބިފަ އެވެ. އެގޮތުން މިފަހުން އޭނާ ވަނީ ބަވޭޝް ޖޯޝީގެ އެ ފިލްމުގެ ޝޫޓިން ނިންމާލާފަ އެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން އަނިލް ކަޕޫރާއި ހަރްޝް އަށް ވަނީ އެކުގައި ފިލްމެއް ކުޅުމުގެ ހުށަހެޅުން ލިބިފަ އެވެ. ބައްޕަ އާއި ދަރިފުޅުގެ ރޯލު ކުޅެން މި ދެބަފައިނަށް ހުށަހެޅުން ލިބިފައިވަނީ ހަރްޝް ކުޅެން ނިންމާފައިވާ އިންޑިއާގެ މަޝްހޫރު ޝޫޓާ އަބިނަވް ބިންދްރާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގަ އެވެ.

އޮލިމްޕިކް ޗެމްޕިއަން އަބިނަވްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ހަރްޝްގެ ބައްޕަގެ ރޯލު އަނިލް އަށް ހުށަހަޅާފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް އޭނާ ބުނެފައިވަނީ އަދި އެ ފިލްމާ ގުޅޭގޮތުން ވާހަކަދައްކަން މާ އަވަސް ކަމަސް ބުނެފަ އެވެ. ހުރިހާ ކަމެއް ނިމުމުން އިނގޭނެ ކަމަށް ބުނަމުން އަނިލް ވަނީ އެ ފިލްމުގައި ހަރްޝްގް ބައްޕަގެ ރޯލު ކުޅުމާ ގުޅޭގޮތުން ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ބުނެފަ އެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ އަހަރުމެން އެކުގައި ފިލްމަކުން ފެނިގެންދާނެ. ފަހަރުގައި އެއީ މި ފިލްމު ކަމަށް ވެސް ވެދާނެ" ދާދާސާހެބް ޕަލްކޭ އެވޯޑް ހަފްލާގައި އަނިލް ބުނެފައިވެ އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ފިލްމުގައި ބޮޑަށް ފެނިގެންދާނީ އަބިނަވް އާއި އޭނާގެ ބައްޕައާ ދެމެދު އޮންނަ ގުޅުން ކަމަށްވެ އެވެ.

އަނިލް އޭނާގެ ދަރިފުޅާ އެކު މި ފިލްމުން ފެނިގެންދާނެކަން އަދި ޔަގީންނުވި ނަމަވެސް އޭނާ އަށް ބޮޑުބޭބެ ކިޔާ އެކްޓަރު އަރްޖުން ކަޕޫރާ އެކު ފިލްމެއް ވަނީ ކުޅެފަ އެވެ. އަނީޒް ބަޒްމީގެ "މުބާރަކަން" އިން އަނިލް ފެނިގެންދާނީ އަރްޖުންގެ ބޮޑުބޭބެގެ ރޯލުންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 28 ގަ އެވެ.