ބޮލީވުޑް

އަލިފާނުގެ ހާދިސާއެއްގައި އަދިތީ ސަލާމަތްވެއްޖެ

Jun 4, 2017

ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ސަންޖޭ ދަތު އެނބުރި އަންނަ ފިލްމު "ބޫމީ" ގެ ލަވައެއްގެ ޝޫޓިން އާރްކޭ ސްޓޫޑިއޯގައި ބުރާސްފަތި ނަގަމުން ދަނިކޮށް ވަނީ ފިލްމުގެ ސެޓުގައި އަލިފާން ރޯވެފަ އެވެ.

ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ބަތަލާ އަދިތީ ރާއޯ ހައިދަރީ ފިލްމުގައި ހިމެނޭ ވެޑިން ލަވައެއްގެ ނަގަމުން ދަނިކޮށް ސެޓުގައި އަލިފާން ރޯވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ސެޓުގައި އަލިފާން ރޯވިއިރު އެ ފިލްމުގެ ތަރިންގެ ތެރެއިން ސެޓުގައި ހަރަކާތްތެރިވަމުން ދިޔައީ އަދިތީ އާއި ސިދާންތް ގުޕްތާ އެވެ.

އަދިތީ އާއި ސިދާގް އިތުރުން އެ ލަވައިގައި ހަރަކާތްތެރިވަމުން ދިޔަ 300 އެއްހާ މީހުން އަލިފާން ރޯވިއިރު ސެޓުގައި އުޅުނު ކަމަށްވެ އެވެ. ގަނޭޝް އަޗާރިޔާ ކޮރިއޮގްރާފް ކޮށްފައިވާ މި ލަވަ އަލިފާން ރޮވުމާ ގުޅިގެން ވަނީ ވަގުތުން ހުއްޓާލާފަ އެވެ.

އަލުން މި ލަވައިގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު އެވެ.

މިދިޔަ ހަފްތާގައި ޝާހްރުކްގެ ޑްވާފް ފިލްމުގެ ސެޓުގެ ސީލިންގެއް ވެއްޓިގެން ވެސް ވަނީ ޝޫޓިން ދެ ދުވަހަށް މަޑުޖައްސާލާފަ އެވެ. އަދި ބަތަލާ ސަނީ ލިއޯން ދަތުރުކުރަމުން ދިޔަ ޖެޓް ވިއްސާރައިގެ ސަބަބުން ވެއްޓެން ދިއުމުން ވަނީ އެމަޖަންސީކޮށް ލޭންޑްކޮށްފަ އެވެ.

"ބޫމީ" އަކީ ބައްޕަ އާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ވަރުގަދަ ގާތްގުޅުން ފެނިގެންދާނެ ފިލްމެކެވެ. އޮމަންގް ކުމާރު ޑައިރެކްޓްކުރާ މި ފިލްމުގައި ނުބައިބައި ރޯލަކުން ޝަރަދް ކޭލްކަރް ފެނިގެންފދާނެ އެވެ.