ބޮލީވުޑް

ޖެކުއަލީން އާއި ތާޕްސީގެ ބޮޑު ކޯޅުން

Jun 4, 2017

ބޮލީވުޑްގެ ބަތަލާއިންގެ މެދުގައި ފިނި ހަނގުރާމަ ކުރިއަށްދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ދެ ބަތަލާއެއްގެ ބޮޑު ކޯޅުންގަނޑެއްގައި އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއެވެ. ކޯޅޭ ލިސްޓަށް އިތުރު ދެ ބަތަލާއަކު މިވަނީ އަރާފަ އެވެ. އެއީ ޖެކުއަލީން ފާނެންޑޭޒް އާއި ތާޕްސީ ޕަންނޫ އެވެ.

ޖެކުއަލީން އާއި ތާޕްސީ އަކީ "ޖުޅްވާ 2" ގައި ވަރުން ދަވަން އާއެކު ފެނިގެންދާ ދެ ބަތަލާއިންނެވެ. މި ފިލްމަކީ މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށްވީ ނަމަވެސް ދެތަރިން އެކަކު އަނެކަކާ އެއްވެސް ވަރަކަށް ގަޔާ ނުވާކަން ފިލްމުގެ ސެޓުގައި ދެތަރިން އެކަކު އަނެކަކު ދެކެ އަންނަ ރުޅި ދެމީހުން އެކަކު އަނެކަކު އިގްނޯކުރާ ގޮތުން ހާމަވެގެންދާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޖެކުއަލީން އާއި ތާޕްސީގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ އަކީ ކޮން މައްސަލައެއްކަން ނޭނގުނު ނަމަވެސް މި ދެތަރިންގެ ކޯޅުން ބޮޑުވެ އެކަކު އަނެކަކާ ފިލްމުގެ ސެޓުގައި ވާހަކަ ނުދައްކާތީ އެކަން ބޮޑު ކަަންތައް ގަނޑަކަށް ވުމުން ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ވަނީ އެ ދެތަރިންގެ ޝޫޓިން ވަކިވަކިން ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ލަންޑަނުގައި ނެގި މި ފިލްމުގެ މަންޒަރުތައް ނަގާފައިވާ 25 ދުވަހުގެ މަތިންނެވެ. އަދި ޖެކުއަލީންގެ މަންޒަރުތައް 15 ދުވަހުގެ ތެރޭގައި ނަގައި ނިމުނުއިރު ދެތަރިން އެދިގެން އެމީހުންގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިން އަނެއް ބަތަލާ ފިލްމުގެ ސެޓުގައި ނޫޅޭ ވަގުތާ ބަލާފަ އެވެ.

ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ނޫސްތަކަށް ބުނެފައިވާ ގޮތުގައި ތާޕްސި އާއި ޖެކުއަލީން އެއްވެސް ގޮތަކަށް އެކަކު އަނެކަކާ ވާހަކައެއް ނުދައްކަ އެވެ. ފިލްމުގެ ލީޑް އެކްޓަރު ވަރުން އާއި މި ދެތަރިންނާ ގާތްގުޅުމެއް އޮންނައިރު، ވަކި މީހަކާ މެދު ގާތްކަމެއް ނުބަހައްޓަ އެވެ. އަދި އެ ދެމީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައާ ވިހާވެސް ދުރުން އުޅުމަށް ވަރުން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މި ފިލްމުގެ ލަންޑަން ޝެޑިއުލް މިހާރު ނިމިފައިވާއިރު ކުރިއަށް ހުރި ޝެޑިއުލްގެ ޝޫޓިން ވެސް ފިލްމު އުފައްދާ ފަރާތުން ރާވަމުން އަންނަނީ އެ ދެތަރިން އެކުގައި ސެޓަށް އަންނަން ނުޖެހޭނެ ގޮތަކަށެވެ. އެކުގައި ހަމައެކަނި ނަގަން ޖެހޭނެ ކަމަށްވަނީ ފިލްމުގެ ކްލައިމެކްސްގެ ދެތިން މަންޒަރެކެވެ. އަދި އެ މަންޒަރުތައް އެއް ދުވަސް ނުވަތަ ދެ ދުވަހެއްގެ ތެރޭގައި ނަގައި ނިމޭނެ އެވެ.

ބޮލީވުޑުން މިފަހުން ފެނުނު ބަތަލާއިންގެ ކޯޅުމަކީ ޖެކުއަލީން އާއި ތާޕްސީ ކޯޅުން އެކަންޏެއް ނޫނެވެ. އަހަރުތަކެއް ކުރިން ދިޕިކާ ޕަދުކޮން އާއި ކެޓްރީނާ ކައިފްއާ ދެމެދު އޮންނަ ކޯޅުން އަދިވެސް އޮވެ އެވެ. ދިޕިކާ އާއި ކެޓްރީނާގެ ދެމެދުގައި ޒާތީ ކޯޅުން ވެސް އޮވެ އެވެ. އެ ދެތަރިން ވެސް އެކަކު އަނެކަކަށް ވަނީ ބަހުގެ ހޫނު ހަމަލާތައް ދީފަ އެވެ.