ވާހަކަ

މޮޔަވެދާނެ

Jun 5, 2017
2

ބޮޑު ހައިވަކަރު މޭޒު ކައިރީގައި ޝިއުލީން އިށީނެވެ. އޭނާގެ މޫނުން ފެށިގެން މޭ މައްޗާ ހަމަ އަށް ލޯ ހިންގާލުމަށްފަހު ރިޝީފު ވެސް ޖައްސާލި އެވެ. ހިނި އައިސްފައި މޭ މައްޗާ ހަމަ އަށް ލޯ ހިންގާލުމަށް ފަހު ރިޝީފު ވެސް ޖައްސާލި އެވެ. ހިނި އައިސްފައި ހުރެ އެވެ.

"ކޮން ކުލައެއް؟" ވާހަކަ ދައްކަން ފެށީ ސަމާސާއިންނެވެ.

ޝިއުލީނަށް ރޭކާލި އެވެ. ހެދުމުގެ މޭމަތިން ދެ ގޮށް އިނީ ނޭޅުވި އެވެ.

"ހީވަނީ ކޮން ކުލައެއްހެން؟ ގެސް ކޮށްބަލަ؟" މޭމަތީގައި، ދެ އަތް ހުރަސް ފާހަގައަކަށް ހަދާލަމުން ޝިއުލީން ބުންޏެވެ.

"ނޫ ތަ؟ ރަތް ތަ؟" ރިޝީފް ބޯ އަރިކޮށްލި އެވެ. ފަން އިސްތަށިގަނޑު އެއް ފަރާތަށް ފުރޮޅައިލި އެވެ.

ޝިއުލީން ފުކެއް ވެސް ދެރައެއް ނޫނެވެ. ޖަވާބު ދިނުމުގެ ގޮތުން ކޮނޑުމަތިން ހެދުން ތަންކޮޅެއް ތިރިއަށް ޖައްސާލި އެވެ.

"ދަނބު، މަށަށް އެންމެ ކަމުދާ ކުލަ،" ހެދުން ރަނގަޅު ކޮށްލަމުން ޝިއުލީން ދޫ ނެރުނެވެ. އިނގިލިތައް ބުޅިކޮށް މޫނަށް ރޫ އަރުވާލި އެވެ.

"ތި އުޅެނީ އަހަރެން ލައްވާ 'ސްލައިވާ' ގައި ޝެރަން ސްޓޯންގެ ބައި ކުޅުވަންތަ؟ ހީކުރީ ނުކެރޭނެ ކަމަށް ދޯ؟ މަށަށް ކެރޭނެ. ނުކެރޭނީ ރިޝީ އަށް!"

ތީ އަހަރެން މަޑުން ހުންނާތީ ޝިއުއަށް ހީވާ ގޮތް... ބުނެއެއްނެ ވަކި އަޅަން ކެރޭ ކުއްތާ ދުލެއް ނުނެރޭނޭ... ކުރަން ނުކެރޭނެ އޮންނާނީ އެންމެ ކަމެއް، މެރީ ކުރުމަށް ފަހު ޝިއު ދޫކޮށްލާކަށް ނުކެރޭނެ... ވަރި އެއީ އަހަރެން ފޫހިވާ ބަހެއް!"

"ރިޝީ، އަހަރެންގެ ފިރިއަކަށް ވާނެ އިރަކަށް ހާދަ އިންތިޒާރެއް ކުރެވެއޭ... އެނގޭތަ، ހުވަފެނަކުން ރޭގައި ފެންނަނީ ވަަރަށް ލޯބިން އަހަރެން ގެންގުޅޭ އެއްޗެއް މީހަކު އައިސް އަތުލަން އުޅޭތީ... ނުދޭން ވެގެން އޭގައި ހިފައި ލަތްކެއް ޖެހި ތަންވަޅު ހޭލެވުނީ... ހުވަފެނުގައި މަށަށް ދަމައިގަނެވުނީ ރިޝީ ދިން ޓެޑީ ބެއާގެ ކަންފަތުގައި ހިފާ... ހިނި ވެސް އައި. ފަހުން ހިތަށް އެރި ރިޝީ ގެއްލެން އުޅެނީއޭ..." ރިޝީފުގެ ކަނާތް މަތީގައި ޝިއުލީންގެ މައަތް ބޭއްވި އެވެ.

"ޝިއޫ އަބަދު ނެގެޓިވްކޮށް ވިސްނާތީ، ތި ކަހަލަ ދެއުޅި އެއް ނުވާ ވަސްވާސްތައް ޝިއުގެ ސިކުނޑިއާ ކުޅެނީ ކަންނޭންގެ... ތީ ވަހުމެއް. އޯގަސްޓު އެކަކުން ފެށިގެން ޝިއު ވާނީ އަހަރެންގެ އަންބަކަށް... އޭރުން މަގަތުގައި އޮށޯވެލައިގެން އޮންނާނަން..."

ހަމައެކަނި އޮންނާނީކީ ނޫން! އެހެން ހިތަށް އެރުމާއެކު ރިޝީފު، ދުލުގެ އެހީން ތުންފަތް ތެންމާލި އެވެ.

"އަހަރެންގެ ވިހި ވަނަ އުފަން ދުވަހު ލިބޭ ހަދިޔާއަކަށް ވާނީ ރީތި ފިރިއެއް! ރިޝީ.."

ހޫނ... ޓޮޕިކް ބަދަލު ކޮށްލަމާ، މިނިވަން ދުވަހުގެ ކުޅިވަރުތައް ކިހިނެއް؟ ވަރަށް މަޖާތަ؟ ކިހިނެތްތަ ދެން މިނިވަން ކަން ސިފަ ކުރެވުނީ!"

"ރިޝީ ނުބަލަންތަ؟ އެއްވެސް އެއްޗެއް އިހުސާސެއް ނުވޭ. އަހަރެން ފުރަތަމަ ނޭވާލީ ވެސް މިނިވަން ކަމުގެ ތެރެއަށް ވިއްޔަ... އެއްޗެއްގެ މުހިންމުކަން އިހުސާސް ކުރެވޭނީ ގެއްލިގެން ދިޔައިމައެއްނު!"

"އެހެންތަ؟ ޓީވީން ކުޅިވަރުތައް ބެލި އިރު ހިތަށް އެރި ސައްބީހުގެ ކުރިން ކައިވެނި ކުރެވުނު ނަމައޭ. އޭރުން ޝިއުއާއެކު އަހަންނަށް ވެސް ދައުވަތެއް ލިބުނީސްކަން ނޭނގެ... ވަރަށް ބެލިން ޝިއު ފެނޭތޯ ވެސް... އެކަމަކު އަޅައެއް ނުގަތް... އަޅައިގަތީ ފުޅަނދެއްގައި ހުރެގެން އިޝާރާތް ކުރި ކުއްޖެއް. ރީތި ކަމުން ހީވީ ހިތުގައި ފިރުމައިދިން ހެން... " ރިޝީފު ސަމާސާއެއް ކޮށްލި އެވެ.

"ހާދަ ހެއްވައޭ! އެހެންވީއިރު އެކުއްޖާ ހޯދައިގެން ކައިވެނި ކުރަންވީނު! އޭރުން، ހިތާ ފުރާނައިގަ ވެސް ފިރުމައިދީފާނެ." ޝިއުލީން އިނީ ނުރުހިފައި އެވެ. ރިޝީފްގެ އަތުން ދޫކޮށްލުމަށްފަހު ތެދުވެގެން ދާން އުޅުނެވެ. ރިޝީފް ޝިއުލީން ހިފެހެއްޓުމާއެކު އަތް ފޮޅުވާލި އެވެ. ތުންފަތުގައި ދަތް އަޅައިގަން ހުރެ ދުރަށް އެނބުރުނެވެ.

"ޝިއޫ އޭތް! ރުޅި ނައިސްބަލަ! އެހެން ބުނީ މަޖަލަށޭ. އުހުނ، މިއޮތީ އަހަރެން ޝިއުއަށް ގެނައި ހަދިޔާއެއް. ބޭނުންތަ؟" އަތް މުއްކަވާލާފައި ދިއްކޮށްލުމުން ޝިއުލީން ހަމައަކަށް އެޅުނެވެ، ހީނލުމާއެކު ކޮލުން އަޑިކޮޅެއް ފާޅުވި އެވެ. ކޯތާފަތުން އަބަދު ފާޅުވާން ހުންނަ ރީތި ކަޅުތިލަ، އެ އަޑި ކޮޅުގެ ތެރެއަށް ވަދެ، ހުސްވި އެވެ.

"ކޯނޗެއް ދައްކަބަލަ!"

ރިޝީފު އިނގިލިތައް ފޭކޮށްލި އެވެ. ޝިއުލީން ދިޔައީ އެއްލިގެނެވެ. ރިޝީފުގެ މުށުތެރެއިން ފުންމައިގެން ތެދުވެ ކަރު ދަމާލީ ނަންނުގައްޗެވެ.
"އީ..އީ..އީ އައްޗީޑި މަމަ..." ޝިއުލީން ބިރުން ހަޅޭއްލަވައިގަތެވެ. މީހަކަށް އަޑު ނީވި، ރިޝީފު ލަދަކުން ސަލާމަތްވީ ވަރަށް ހުޝިޔާރުވެ ޝިއުލީންގެ އަނގަމަތީގައި އަތް އަޅައިގެނެވެ.

"ދޫކުރޭ!"

"ޝިއޫ..މީ ފޭކު އެއްޗެކޭ.."

ފޭކް ވެގެން ގޮސް ތީ ދެން ބޮޑު ވަރެއްނު، ކޮންމެ ކަމެއް ފޭކް ކުރަންޏާ.." ޝިއުލީން ހުއްޓާލި އެވެ. މީ އަދި ކޯންޗެއްތަ؟ ރަކިސް ބޮނޑެއް ދިރުވާ ނުލެވިގެން ކޮޅަށް ޖެހިފައި އިންނަ ޒާތަށް ތަޅުން މަތީގައި އިން ރަބަރު ނަންނުގަތީގައި ޝިއުލީން ފައިން ޖަހާ ބުރުވާލި އެވެ.

"ސޮރީ..ޝިއޫ!" ރިޝީފަށް ވިސްނުނެވެ. މާ އަވަސް އަރައިގަނެވުނީ އެވެ. ތަންކޮޅެއް ފަހުން ކުޅެލަން ރަނގަޅު ގޭމެއް ގޯސް ދަނޑިވަޅެއްގައި ކުޅެވުމުން އެނާ ނުބައިވީ އެވެ.

"ދެން ކޮންމެހެން ސޮރީތައް އޮސާނެ ކަމެއް ނެތް! ކޮންމެވެސް ދުވަހަކުން މަށަށް ވެސް ޗާންސު ލިބޭނެ. އެ ދުވަހަކުން ރިޝީ ރުޅި އައިސްގެން ނުވާނެ... މޮޔަވެގެން ނުވާނެ، އާނ، އެހެންޏަ، ބިރުން ފިއްކަނޑައިގެން ނުދިޔައީ ކިރިޔާވިއްޔަ،" ވާހަކަ ފުރިހަމަ ނުކޮށް ޝިއުލީން ހިނގައިގަތެވެ.

***

ދާރުލް އާސާރުގެ ފެންޑާގައި ކުރެވުނު ތާރީހީ ކައިވެންޏަށް ފަހު ޝިއުލީން ހުދު ކުލައިގެ ތުނިތުނި ރޭންދާ ފޮތީގެ ވެޑިން ޑްރެސްގެ އެއް އަރިމަތިން ހިއްލާލި އެވެ. ރިޝީފުގެ ގައިގަ ޖެހޭ ވަރަށް ގާތްވެ، އަތުގައި ހިފި އެވެ.

"ހެޕީ ބާތުޑޭ... އުފަން ދުވަހު ކައިވެނި ކުރެވުނީމަ ވަރަށް އުފާވޭ" ދެވަނަ ފަހަރު ރިޝީފް ވިޝް ކުރުމުން ޝިއުލީން ހީނލި އެވެ.

ތެންކިޔޫ، މުޅި ހިތް އެކަށް ފުރިއްޖެ! ތިއީ އަހަރެންގެ ފިރިމީހާ އަށް ވުމުން ވަރަށް އުފާވެއްޖެ! ރިޝީފާއެކު ދާރުލް އާސާރުގެ ތެރެއަށް ވަންނަމުން ދިޔައިރު ޝިއުލީންގެ ހިތަށް އެރި އެވެ.

"ތި ކުރެވުނީ ވަރަށް އަގުބޮޑު އެހާ ތާރީހީ ކައިވެންޏެއް! މި ތނާގައި މި ހުރީ ވެސް ތާރީހީ އެއްޗެހި. މިއީ އަރި އަތޮޅު ތޮއްޑޫން ފެނުނު ބުދެއްގެ ބޯ ބުރި... އެ އޮތީ ޝަމްޝުއްދީން ރަދުންގެ ހެދުން ކޮޅެއް... ދެން އެ އޮތީ ބޮޑު ތަކުރުފާނުގެ ފޭލި ކޮޅެއް،" އުފާވެފައި ތިބި ޝިއުލީނަށާއި ރިޝީފަށް ދާރުލް އާސާރުގެ ކިއުރޭޓާ، ތާރީހީ ތަރިކަތައް ދައްކައި، ތަފްސީލު ދެމުން ދިޔަ އެވެ.

"މި ތަކެތި ހަލާކެއްނުވޭތޯ؟" ވަރަށް ޝައުގުވެރި ކަމާއެކު ޝިއުލީން އެހި އެވެ.

ސްޓުޕިޑް! ރިޝީފު ގާތަށް އައީ ހިންޏެވެ. ބޯގޯސް ސުވާލުތައް ނުކުރާށޭ ބުނުމުގެ ގޮތުން ތަދުވާ ވަރަށް ޝިއުލީންގެ އތުކުރި އަށް ފިތާލި އެވެ.

"މި ތަކެތި ގަވާއިދުން ފިއުމިގޭޓް ކުރޭ، އެހެންވީމަ އެ ހުރި ވަރަށް ވުރެ އިތުރަށް ފަނާނުވެ ހުރެދާނެ...ތި ކުދިންގެ ކައިވެނި ވެސް ކެނޑިގެން ނުގޮސް ދާއިމީ ކައިވެންޏަކަށް ވާން ޖެހޭނެ!" ކިއުރޭޓާ ސަމާސާ ކޮށްލުމުން އިސްކޮޅުން ދިގު އަލަތު ފިރިމީހާގެ ކޮނޑުން ތިރީގައި ޝިއުލީން މޫނު ޖައްސާލި އެވެ. ރަކިވީ އެވެ.

ކައިވެންޏަށް ފަހު ޝިއުލީނާއި ރިޝީފު ދާރުލް އާސާރުން ބޭރަށް ނުކުތީ ރާއްޖޭގެ ތާރީހުގެ އެތަކެއް ސޮފްހާއެއް ނިއުޅާ ބަލާލައިފަ އެވެ. ދާރުލް އާސާރުގައި ކުރެވުނު އެންމެ ފުރަތަމަ ކައިވެނީހެ ޝަރަފާ ވެސް އެކުގަ އެވެ.

ޕާކުން ނުކުންނަން ހިނގައިގަންނަމުން ޝިއުލީން، ރިޝީފުގެ އަތުގައި ހިފެހެއްޓި އެވެ. އުޅުނީ އެއްޗެއް ބުނާށެވެ. އެކަމަކު އަޑު އިވޭހާ ގާތުގައި ކައިވެނި ކޮށްދެއްވި ގާޒީ ހުންނެވެމުން، ހުޅުވާލި އަނގަ ލެއްޕުނީ އެވެ. ލަދު ގަތީ އެވެ. ބޮޑަށް ލަދުގަތީ ރިސޯޓަށް ދާ އިރު އެމީހުންނާ އެކުގައި ގާޒީ ވެސް ދުވަހެއް ކުރުކޮށްލަން ދުރުވާކަން އެނގުމުންނެވެ. އެކުގައި ދަތުރު ކުރަން ޖެހޭނެތީ އެވެ. ރިސޯޓުގެ މާހައުލުގައި ރިޝީފާއެކު ވަގުތު ދުއްވާލާ ގޮތް ގާޒީގެ ލޮލުގައި އަޅައިގަންނާނެތީ އެވެ.

މައްސަލައަކީ ކޮބައި؟ ރިޝީފު އެއީ މަގޭ ފިރިމީހާ! ގާޒީގެ މޫނަށް ބަލާލާފައި ޝިއުލީން ގަދަކަމުން ހިނިތުންވެލި އެވެ.

***

ހުޅުލޭ ފަޅުގައި އޮތް އެއާ ޓެކްސީ ފިރުކެން ފެށި އެވެ. ރެސްމަތިން އެހެރަ ފާޅުވާ ގަދަ ކުލަތަކުގެ ތެރެއިން އަޅައިފަ އެވެ. 'ސިންގަރު' ފަހާ ފޮއްޓެއް ފަދައިން ބޯޓު ރޫރޫ އަޅުވާލަން ނެގީ އިރުކޮޅެކެވެ. ބޯ ވިލާތައް ފޫ ދުއްވާލުމަށްފަހު މައްޗަށް އަރާ ބަނޑު ދަމާލި އެވެ. ދުރުން ބަލާއިރު ހީވާނެ އެވެ. ސުމާރެއް ނުބަލައި ކަފަ އަވީ ލާފައިވާ ދަނޑެއް މަތިން ކޮކާލެއް އުދުހެނީ އެވެ.

'ލޯބި!' ރިޝީފުގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ޝިއުލީން ކުޑަދޮރުން ބޭރު ބަލައިލި އެވެ. ނޫ ވިލުތަކާއި ދޮން ފަޅުތަކެވެ. ހުދު ތުނޑިތަކާއި ފެހި ވިނަތައް މި ދުނިޔެމަތީ ކަމެކޭ ހީވާހައެއް ނުވެ އެވެ.

ވައިގެ ތެރޭގައި ފޫހި ނުވަނީސް ރިސޯޓަށް ދެވުނު އިރު ހަވީރު ފިނި ޖެހި، އުދަރެސް މަތީގައި ރަތްވިލާތައް ފިރކުނެ އެވެ. "ހިނގާ ކޮފީ ޝޮޕަށް!" ޝިއުލީން ބޭނުންވީ ކަރު ތެންމާލައި، ހައިކަން ފިލުވާލާށެވެ.

ކޮފީ ޝޮޕަށް ދާން، ކާރަށް ފުރަތަމަ އެރީ ޝިއުލީނެވެ.

"ހާދަ ބަރޭ!" ފަހަތުން ރިޝީފު އަރާ އިށީނުމުން ބެޓެރި ހަކަތައިގެ ކާރަށް ގުޑުން އަރައިގެން ދިޔަ އެވެ.

ބަރުކަން އެނގޭނީ އަދި ފަހުން! ހިތަށް އެރި އެއްޗަކުން ރިޝީފު ގާތަށް ހިނި އައެެވެ.

"ކީއްވެ ހިނިއައީ؟"

"ބަރޭ ބުނީމަ ދުރު ހަނދާނެއް އާވީ... އަހަރެން ކުޑައިރު ބައްޕަ ބަރާ އޮޑި ހަދައިދޭއިރު ބުނާނެ ބަރާ އޮޑިއަކަށް ބިސްމި ލިޔަސް އޮންނާނީ ބަރުވެފައޭ..." ރިޝީފު ވާހަކަ ހުއްޓާލީ ކޮފީ ޝޮޕް ކުރިމައްޗަށް ކާރު މަޑު ޖައްސާލުމުންނެވެ.

ކޮން ފާޑެއްގެ މޭކަޕެއް! ކޮފީ ޝޮޕަށް ވުރެ ކުރެން ރިޝީފު ބަލައިލީ ކާރު ދުއްވަން އިން ތައި އަންހެން ކުއްޖާ އަށެވެ. ތުންފަތުގައި އޮރެންޖު ފާޑުގެ ލިޕްލައިނާއެއް އަޅާފައި ހުރުމުން އެ ކުއްޖާގެ އަނގަމަތި ފެންނަނީ ތުން ރީނދޫ ވެނެއްގެ ސިފައިގަ އެވެ.

"ވާއޮ!" ކޮފީޝޮޕްގެ ތެރެއަށް ވަނުމާއެކު ރިޝީފު އިހުތިޔާރުން ބޭރުވި އެވެ. އެ މާހައުލާ ކުޅެމުން ދިޔައީ މިއުޒިކު ކުޅުންތެރިޔާ ޝާހިދުގެ ސެކްސަފޯން މިއުޒިކް އަލްބަމްގައި ހިމެނޭ "ތުރޫ ދަ ނައިޓް" ގެ ރާގެވެ.

ބައިގަޑި އިރު ފަހެވެ؛ ހުރަހެއް ނެތި ދުރުން ފެންނަން އޮތް ކަނޑުގެ ސަތަހަ ފޫ ދުއްވާލުމަށް ފަހު ދުވާލުގެ އިރު ދިޔާ އަލިފާން ގުޅައެއްހެން އޮހެމުންދިޔަ އެވެ. އިރުން ފަތުރާލާފައި ރަތް ކުލައިގެ ދަޅައެއް އެޅިފައިވާ ދެ މޫނު މވެސް ވަނީ ލެނބިލާފަ އެވެ.

***

ގަޑިން 12:30 އެވެ؛ މޫދު ކޮޓަރިތަކުގެ ތެރޭގައި ހުރި ސުއިޓު ރޫމުގެ ބޭރުގައު ޝިއުލީން މަޑު ކޮށްލުމަށްފަހު އިސްތަށިގަނޑުގެ ހުޅީގެ ތެރެއަށް ތަނޑާއެކު ހުރަހެއް ފަދައިން ވައްދާލާފައި އިން ފިނިފެންމާ ދަމައިގަތެވެ. ކަށިތަކުގައި އިދިކޮޅަށް އިނގިލި ކާތަމުން ވިސްނާލި އެވެ.

ހިނިތުންވެފައި ހުރެ، އާ ކައިވެނީގެ ރޭގެ މި ކަހަލަ މުހިންމު ވަގުތެއްގައި ޝިއުލީން ވިސްނަންވީ ކޮން ކަމަކާ ހެއްޔެވެ؟ ދުރަށް ނަޒަރު ގެންގޮސް ހިތުތެރޭގައި އުފައްދަންވީ ކޮން ހިޔާލުތަކެއް ހެއްޔެވެ؟

ޝިއުލީން ފާލަމުގެ ދުރު ބަލައިލި އެވެ. ގާޒީ! އެއް ކޮޓަރި ދޫކޮށް ދެން ހުރި ކޮޓަރި ކައިރީ ހުރި ސަރަންފީގައި އޮތީ ގާޒީ އެވެ. ބައްޕަ ކުރައްވާ ކަންތައް! ފެންނަ ހިސާބުގައި ހުންނަން ބޭނުން ނުވުމުން ޝިއުލީން ކޮޓަރި އަށް ވަނެވެ.

"މި ރޭ ވެސް ފޯނާ ކުޅެންތަ އިންނަނީ!" ދޮރު ޖެހުމާއެކު ޝިއުލީން ރިޝީފުގެ މޮބައިލް ފޯނު އަތުލި އެވެ. ނޭނގޭ ގޮތަށް ސިމް ކާޑު ނަގާ ފޮރުވި އެވެ. ޝިއުލީން ބޭނުންވީ މިއޮށް ހުރިހާ ދުވަހު އޭނާ ތަޅުވައި ސަމާސާ ކުރި ގޮތަށް ސަމާކޮށްލާ ރިޝީފް ހާސްކޮށްލާށެވެ.

"މިއީ އަހަރެމެންގެ ރެއެއް... މިރޭ ސުވާލު ކޮށްބަލަ ކޮން ކުލައެއްތޯ؟" ކުޑަކުޑަ މޭޒުމަތީގައި ފޯނު ބާއްވަމުން ޝިއުލީން ބުންޏެވެ.

ވެޑިން ޑްރެސްގެ ޒިޕު ދެކޮޅަށް ހިންގާލި އެވެ. ހުސް ފިނިފެން މަލުގެ ހިތެއްގެ ތެރޭގައި ފިނިފެންމާ ފިޔައިން 'ހެޕީ މެރިޖް' ޖަހާފައިވާ އެނދުގައި ޝިއުލީން އޮށޯވެލި އެވެ. އެ ވަގުތު ރިޝީފު ގޮސް ހުރިހާ މާތަކާއި ފިޔަތައް ބޮނޑި ކޮށް، ޝިއުލީންގެ މޫނު މައްޗަށް އޮއްސާލި އެވެ. ޝިއުލީން ބޭނުންވީ އެ ގޮތެވެ. ރިޝީފުގެ ވިންދުތަކުގެ ކޮންޓްރޯލް އަތުލާށެވެ.

ގަޑިން 2:30 އެވެ. ރޫ ބޮނޑިއަކަށް ވެފައިވާ އެނދުމަތީގައި މަޑުމަޑުން އޮތް ޝިއުލީންގެ ކަނދުރާގެ އަރިމަތީގައި ރިޝީފުގެ އަތްތިލަ ބީއްސާލިއިރު ޝިއުލީން އޮތީ ބޮޑު ދެ ލޯ ހުޅުވާލައިގެން ހެވިފަ އެވެ.

"ކަލޭ ހާދަ ބަރޭ! ކަލޭ ދުރަށް ދޭ! ކަލޭ ދުރަށް ދޭ! ހައްހައްހާ! ހައްހާ! ރައްކާވޭ!" ދަތްކުނޑި ވިކާލުމަށްފަހު ކުއްލިއަކަށް ޝިއުލީން ތެދުވެ، ރިޝީފުގެ ކަރުގައި ހިފި އެވެ. ނިޔަފަތި އަޅުވާ، މޭމަތިން ރޮނގަކަށް ތެޔޮ ހަން ދުއްވާލި އެވެ.

"ޝިއޫ..މި ގަޑީގައި ސަމާސާ ނުކޮށްބަލަ!"

އޭ..އޭތް! ކަލޭތީ ކާކު އަހަރެން ގައިގައި އަތް ލަން! މޮޔަ ވެގެންތަ ތި އުޅެނީ! ޗި! ތި އަޑު ހީވަނީ ހިމާރެއްގެ އަޑު އެހުން! އެއީ ހާދަ ހުތުރު އަޑެކެ!" ޝިއުލީން، ރިޔަނެއްހާ ދުރަށް ރިޝީފު ކޮށްޕާލި އެވެ. ކުޑަ ދޮރުތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ބޯ ހާވާލާފައި ހޭން ފެށި އެވެ. ވެޑިން ޑްރެސް އިރަން ފެށި އެވެ. ރިޝީފު ހާސްވެ، ހާސްވެ، ދެ ލޯ ބޮޑުވެފައި އެވެ. "ޝިއޫ ތި ހެން ހުރެ ނުކުންނައްޗޭ!" ޝިއުލީން ދުއްވައިގަތުމުން ރިޝީފު އުޅުނީ އޭނާގެ އަރުތެރެ އަށް ގެންދާށެވެ.

"ދޫކޮށްލާ! ދޫކުރޭ! އެ މީހުން އަހަރެން ބަލާ އެބަ އާދޭ! މިހާރު އެ ތިބީ ފާލަންމަތީގައި. އަވަހަށް އަހަރެން ދޫކޮށްލާ! އަހަންނަށް... އަހަންނަށް ލަސްވަނީއޭ..."

ޝިއު ޖިންނި މޮޔަވީބާ! ވެގެން އުޅޭ ގޮތް ރިޝީފަށް ވިސްނުނީ އެހެން ގޮތަކަށެވެ. ޝިއުލީންގެ ގައިގައި ބާރަށް ބެއްދި ވަގުތު ރިޝީފަށް ރޮވެން ފެށި އެވެ. ބިރުގެންފި އެވެ.

"އައްދޯތް!" ޝިއުލީން އޮތީ ރިޝީފުގެ ވައަތު މުލައްދަނޑީގައި ދަތް އަޅައިގެނެވެ. އިރުކޮޅަކުން ވީއްލިގެން ދުވެފައި ގޮސް އެނދުމަތިން ބާލީހެއް ނަގައި ނިޔަފަތިން އިރާލީ އެވެ.

"ހުޅުވާ! ދޮރު ހުޅުވާ! ހައްހައްހާ!" ބާލީހުގެ ކަފަތައް ކޮޓަރީގެ ތެރެއަށް އުދުއްސަމުން ޝިއުލީން އަޑުގެ ކޮޅަށް ހެމުން ދިޔަ އެވެ. މަޑުމަޑުން އެނދު ދޮށަށް ވަދެ މޫނުގައި ދެ އަތް އެޅި އެވެ.

"ޝިއޫ..." ރިޝީފު އުޅުނީ ޖިންނި މޮޔަވާ މީހުން މައިތިރި ކުރުވަން އާންމުކޮށް ހަދާ ގޮތަށް ނޭފަތުގައި ހިފާށެވެ. އެ ވަގުތު ހީވީ އޭނާގެ މެޔަށް ފެން އެއްޗެއް އޮއްސާލި ހެނެވެ. ތަންދޮށުގައި އިން ޝިއުލީން އެނދުގެ ފިލާގަނޑާއި ގޮދަޑި ފުރޮޅާލާފައި އެނދުގެ ތެރެއިން ތެދުވެި އެވެ.

"އަހަރެން ދޫކޮށްލާށޭ! އެހެން ނޫނީ ހީސް ލަނީ... ލަނީ! މިހާރު ލަނީ! ދޮރު ހުޅުވާ! ހީސް ލަނީ! ކިއްކިއް ހައްހައްހާ! ކަލެއަށް ބޮޅެއް! އަހަރެން ހީސްލީޔޯ!" ހުރި ތަނަށް ޝިއުލީން ތެމި ފޯވަމުން ދާ ތަން ދެކެން ރިޝީފަށް ކުޅަދާނައެއް ނުވި އެވެ. ބިރުން ރޫރޫ އެޅިޔަސް ބޭނުންވީ ޝިއުލީން ހުއްޓުވާށެވެ. އެހެންނޫނީ ޖިންނި އެއްގެ އެހީގައި ކޮންމެ ފަދަ ގެއްލުމެއް ވެސް ދީފާނެ އެވެ. ރިޝީފު ލޮލުން ކަރުނަ ފޮހެލުމަށްފަހު ފޯނު ނެގި އެވެ.

"ހައް! މި އޮތީ ޔޯ!" ޝިއުލީން އަނގައިގެ ތެރޭން ނަގައި ދައްކާލީ ފޯނުގެ ސިމް ކާޑެވެ. އޮތީ ހަފާލައިފަ އެވެ. އަނެއް އަތަށް އޮޅުލާފައި އޮތީ ކޮޓަރީގެ ފޯނުގެ ނަރެވެ.

ޝިއުލީން ގާތަށް ރިޝީފު ޖެހިލި އެވެ. އެ ވަގުތު ހަސްނެތިފައިވާ އެނދުގެ ތަންޑެއް ނަގައިގެން މަޅައިގަތެވެ. މޭޒުމަތީގައި އަނދައަނދާ ހުރި އުއްބަތި، ބިއްލޫރި ހޮޅިގަނޑާއެކު ރިޝީފާ ދިމާއަށް ހޫރާލި އެވެ.

"އަހަރެން ދޫކޮށްލާށޭ! ވަރި ކުރާށޭ! އަހަރެން ބަލާ އައިސްފިޔޭ! މިހާރު އެ ތިބީ ވަރަށް ކައިރީގައި. ވަރި ކުރޭ! ކުރޭ!" ޝިއުލީންގެ ކަނދުރާ އިން ހުރީ ނާރު ފުފިފަ އެވެ. ރިޝީފު ގޮސް ޖެހުނީ ދޮރުފަތުގަ އެވެ.

"ބިއްލޫގަނޑު ފަޅަލާފައި މޫދަށް ފުންމާލާނީ! ފުންމާލާނީ! ޑައިވެއް ޖަހާލާނީ! އެހެން ނޫނީ ވަރިކުރޭ!!" ކަރު ކެހިލާފައު ރިޝީފުގެ މޫނަސް ކުޅެއް ޖެހުމަށް ފަހޖު ޝިއުލީން ޕަކަޕަކަ އަޅާފައި ހޭން ފެށި އެވެ.

ގަޑިން 4:30 އެވެ. ޝިއުލީން މައިތިރި ކުރަން ތެޅިތެޅި ރިޝީފު ލޮޑުވެއްޖެ އެވެ. ދެރަވެގެން ރޮއެރޮއެ ދެ ލޯ ރަތް ވެއްޖެ އެވެ.

ބިރުގެންފާވާލެއް ބޮޑުކަމުން ވާނުވާ އޮޅޭ ވަރުވެއްޖެ އެވެ. އެންމެ ފަހުން ފަންޑިތަ ހުސްވެފައިވާ އެދުރުބޭކަލެއް ހެން ފުށަ ބޮލުގައި އަތް އަޅައިގެން ފަހަތަށް ޖެހެމުން ގޮސް ދޮރު ހުޅުވާލި އެވެ.

"އަހަރެން ޝިއުލީން ވަރި ކޮށްފިން! ވަރި ކޮށްފިން!" އެ ބަސް ބޭރުކޮށް ނުލާން ރިޝީފު ހިތްވަރު ކުރި އެވެ. އެންމެ ފަހުން ވިރެމުން ގޮސް އައިސް ކިއުބެއް ފަދައިން އޭނާ ވިރި ހުސްވީ އެވެ. ހަތަރު އުދަރެސް ފެނު ޖެހުނީ އެވެ. އެ ވަގުތު އިއްތިފާގުވީ ފަތިސް ނަމާދަށް ދިއުމަށްޓަކައި ހިނގަމުން ދިޔަ ގާޒީ އަސް އެ ހިސާބަށް އާދެވުމެވެ. ގާޒީ ދޮރު މައްޗަށް ހުއްޓުނީ ވަރީގެ ޖުމްލައާ މެދު އިގުރާރު ވަމުންނެވެ.

"ގާޒީ. އަޅުގަނޑު ޝިއުލީން ވަރިކޮށްފިން!" ދެ ލޮލުން ކަރުނަ އޮއްސަމުން ދިޔަ ރިޝީފަށް ގާޒީ ފެނުމުން މޫނުގައި ދެ އަތް އެޅި އެވެ. ޝިއުލީން ހުރީ ދުރުގައި ހިމޭން ވެފަ އެވެ. ކުއްލިއަކަށް ޝިއުލީން ވެސް ރޯން ފެށި އެވެ.

"ގާޒީ އެ ބަސް އަނބުރާ ގެންގޮސް ދެއްވާ. މިއީ އަހަރެން ކުރި ސަމާސާއެއް! މިއީ ސަމާސާއެކޭ! ރިޝީ، ޕްލީޒް އެ ބަސް އަނބުރާ ގެންދޭ! ގެންދޭ! އެހެން ނޫނީ އަހަރެން މޮޔަވެދާނެ! ޕްލީޒް އަހަރެން ސަމާސާކޮށްލީއޭ..." ޝިއުލީން ދުވެފައި އައިސް ގާޒީގެ އަތުގައި ހިފި އެވެ. އެއާއެކު ރިޝީފުގެ ގައިގައި އޮޅުލާން ފެށި އެވެ.

"ދެން ނުވާނެ! އެ ގޮށް މޮހެވިއްޖެ! ދެން ބާރެއް ނުވާނެ!" ގާޒީ ބުންޏެވެ.

ޝިއުލީނަށް ހީވީ ހުރި ދިމާއިން އޭނާ ގަނބަމުން އަޑި އަށް ދަނީ ހެނެވެ. ހެޔަށް ގޮތްވެ، ފާލަން މައްޗަށް ތިރިވި އެވެ. ފެންނަ ފަށުގައި ހުރި ރިޝީފަށް ރޮވުނީ އެވެ. ފުންކޮށް ނެވާލައިފައި ފުރަތަމަ ބަލައިލީ ކޮޓަރި ތެރެއަށެވެ. މުޅިތަން ވަނީ ފުނޑާލާފަ އެވެ. ދުރު ބަލައިލި އެވެ.

ބޮލަށް ތާކިހާ ހެޔޮވަރު ކުރަމުން ގާޒީ ގޮސް ގެއްލެނީ އެވެ. އަބެއް ފަރާތުން ރަން ބޯޅައެއްގެ ސިފައިގައި އާ ދުވަހެއްގެ އިރު އެހެރަގެން ފާޅުވަނީ އެވެ. ފާލަން މަތީގައި އެކަނިވެފައި ހުރި ރިޝީފުގެ މޫނުމަތިން މޮޔައެއްގެ ހުރިހާ އަސަރެއް ފާޅުވެ އެވެ. (ނިމުނީ)