ދުނިޔެ

އިންޑިއާގައި މުޒާހަރާ ރޫޅަން ޑްރޯން ބޭނުންކޮށްގެން ޕެޕަ ސްޕްރޭ ޖަހަން ފަށަނީ

Apr 9, 2015

އިންޑިއާގެ ލަކްނޯގައި މުޒާހަރާތައް ރޫޅާލުމަށް ޕެޕަ ސްޕްރޭ ޖެހުމަށް ޑްރޯން ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ލަކްނޯގެ ފުލުހުންގެ ވެރިޔާ ޔަޝާވީ ޔަދާވް އޭއެފްޕީ އަށް ވިދާޅުވީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ޑްރޯނުން ޕެޕަ ސްޕްރޭ ޖެހުމުގެ ތަމްރީންތައް ފުލުހުން މިހާރު ހަދާފައިވާ ކަމަށެވެ.

"ނަތީޖާ ވަރަށް ރަނގަޅު. ވައި ޖެހޭއިރު އާއި މީހުން ވަރަށް ގިނަވެފައި ވަނިކޮށް ވެސް މުޒާހަރާތެރޭގައި ހަަމަނުޖެހުން ހިންގާ މީހުންނަށް ވަކިން އަމާޒުކޮށް މި ޑްރޯން ބޭނުންކުރެވޭ،" ޔަދާވް ވިދާޅުވެފައިވެ އެވެ.

ފޮޓޯ ނެގުން ފަދަ އާންމު ބޭނުންތަކަށް ޑްރޯން ތައާރަފްވެގެން އައި ނަމަވެސް ސަލާމަތީ ބާރުތަކުގެ ބޭނުމަށް އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ޑްރޯން ބޭނުންކުރަން ފެށުމާ އެކު، ޑްރޯން އުފައްދާ ކުންފުނިތަކުން ދަނީ އެފަދަ ފަރާތްތަކުގެ ބޭނުންތަކަށް ހާއްސަކޮށްގެން ވެސް ޑްރޯން އުފައްދަމުންނެވެ.