ބޮލީވުޑް

ސްރީދޭވީ ފިރިމީހާއާ ދެމެދަށް ތިން މަހުގެ ދުރު ކަމެއް

Jun 5, 2017

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދެވީގެ ފިލްމެއް އަހަރުތަކެއްގެ ބްރޭކަކަށްފަހު އަލުން ރިލީޒްވާން އަންނަނީ ތައްޔާރުވަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރު ނުކުތް "އިންގްލިޝް ވިންގްލިޝް" އަށް ފަހު ރިލީޒްވާ މި ފިލްމު، "މޮމް" ގެ ޓްރެއިލާ ހޮނިހިރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. ޓްރެއިލާ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ސްރީދޭވީ ވަނީ މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ތިން މަސް ދުވަހު އޭނާ ފިރިމީހާ ބޯނީ ކަޕޫރާ ފިރިމީހާގެ ގޮތުގައި ވާހަކަ ނުދައްކާ ކަމަށެވެ.

ފިރިމީހާ ބޯނީ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ތިން މަސް ދުވަހުގައި ބޯނީއާ އޭނާ ހަމައެކަނި ދައްކާ ވާހަކަ އަކީ ހެނދުނު ބާއްޖަވެރި ހެނދުނަކަށް އެދުމާއި ޝޫޓިން އަށް ފަހު ރޭގަނޑު ގުޑް ނައިޓް ބުނުން އެކަނި ކަމަށެވެ.

"އެއީ އަހަރުމުން ހަމަ އެކަނި ދައްކާ ވާހަކަ އަކީ" ސްރީދޭވީ ބުނެފައިވެ އެވެ.

ސްރީދޭވީ އިތުރަށް ވަނީ އޭނާ އަކީ ޑައިރެކްޓަރުން ބުނާ ގޮތަކަށް ވަރަށް ކަމާ ވެގެން މަސައްކަތްކުރާ އެކްޓަރެއް ކަމަށާއި އެހެން ކަމުން އޭނާގެ ހުރިހާ ވަގުތެއް ހުސްކުރީ މި ފިލްމަށް ކަމަށް ބުނެފަ އެވެ. އަދި ޑައިރެކްޓަރުގެ ހައިސިއްޔަތުން ރަވީ އުދްޔަވަރް ކޮށްފައިވާ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. ސްރީދޭވީ ވަނީ "މޮމް" އަކީ އޭނާ ފިލްމީ ދާއިރާގައި ހަރަކާތްރިވާތާ 25 އަހަރު ފުރުމުން ބޯނީގެ ފަރާތުން ލިބުނު ހަދިޔާއެއް ކަމަށް ބުނެފަ އެވެ.

"މޮމް" ގައި ސްރީދޭވީ ފެނިގެންދަނީ އޭނާގެ އަންހެން ދަރިފުޅު ނުރައްކަލަކުން ސަލާމަތްކުރަން މަސައްކަތްކުރާ މަންމައެއްގެ ގޮތުގަ އެވެ. ނަވާޒުއްދީން ސިއްދީގީ އާއި އަކްޝޭ ކަންނާ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގައި ޕާކިސްތާނުގެ ދެ ތަރިން ކަމަށްވާ އަދްނާން ސިއްދީގީ އާއި ސަޖަލް އަލީ ފެނިގެންދާނެ އެވެ.

ސްރީދޭވީ ބޮނީ ކަޕޫރާ ކައިވެނިކޮށްފައިވަނީ 1996 ވަނަ އަހަރު އެވެ. މިދެމަފިރިންގެ ފުރާވަރުގެ ދެ އަންހެން ކުދިން ވެސް ތިބެ އެވެ.