ޒިޔާންގެ އިނގިލިތައް ފޭވެގެން ދިއުމާއެކު ސަމާގެ ހިމަހިމަ އިނގިލިތައް ވަދެ ހުދުހަމުގައި ހޫނުކަން އުފައްދާލި އެވެ. ބުލޫ ސަފަޔާ ޖަހާފައިވާ އަގު ބޮޑު ދެ އަނގޮޓި ބައްދަލުވެ ވިދާ ބަބުޅައިގަތެވެ.
"އުމް!" މިނިއައިން ޖަރީކޮށްފައިވާ މުޅިން ހުދު ކުލައިގެ ލޭސް ފޮތީގެ ވެޑިންޑްރެސްގެ ތެރެއިން ސަމާގެ ހިމަ ހަށިގަނޑު ވާންވެ މައްޗަށް އުފުލުނެވެ.
"ވައިގެ ތެރެއަށް މަރުހަބާ" ޖަހާފާއިވާ ދިދައެއް ވިހުރެމުންދިޔަ "އޯޝަން އެއާ" ގެ ބޯޓަށޑް ފުރަތަމަ އެރީ އަތުގުޅާލައިގެން ތިބި ޒިޔާނާއި ސަމާ އެވެ. ދެން އެރީ ގާޒީއާ ހެކި ވެރިންނެވެ. އޭގެ ފަހަތުން ޒިޔާނާއި ސަމާގެ ދެ އާއިލާގެ މީހުންނާއި ނޫސްވެރިންނާއި ފޮޓޯ ނަގާ މީހުންނެވެ. ބޯޓުގެ 44 ގޮނޑި ވަރީ ފުރިފަ އެވެ.
ވައިގެ ތެރޭގައި ބޯޓު އުދުހެން ފެށުމާއެކު ޒިޔާނާއި ސަމާ ހިތް ބޯޓުގެ ބޭރުން ފެންނަ މަންޒަރުތަކުން ފުރާލި އެވެ. ދޮން ފަޅުތަކާއި ނޫ ވިލުތަކާއި ފެހި ރަށްތައް، މާސިންގާ ގަދަނޫ ކަނޑުމަތީގައި ކިހާ ތަރުތީބު ހެއްޔެވެ؟ އިރުކޮޅެއް ފަހުން ބޯ ވިލާގަނޑެއްގެ ތެރެއަށް ބޯޓު ވަދެ ތެޅިގަތުމާ އެކު ހިތްގައިމު މަންޒަރު ހަޑިކޮށްލައިފި އެވެ.
ވިލާތަކުގެ ތެރޭގައި ބޯޓު ދަތުރުކުރަމުން ދިޔައިރު ކައިވެނީގެ ރަސްމިއްޔާތު ހިނގަން ފަށައިފި އެވެ. ވަށައިގެން އަންނަ ކެމެރާގެ ފްލޭޝް އަލި، ސަމާ އާއި ޒިޔާންގެ ލޮލަށް މެދުނުކެނޑި އުނދަގޫ ކުރަމުންދިޔަ އެވެ. "ވައިގެ ތެރޭގައި ކައިވެންޏަށް މަރުހަބާ" ޖަހާފައިވާ ކުލަކުލައިގެ ކަރުދާސް ކޮޅަތައް ބޯޓުގެ ތެރޭގެ އެކި ދިމާއިން އެނބުރެމުން އައިސް ބޮލަށާއި ގަޔަށް ފައިބަމުން ދެ އެވެ. ބައެއް ކަރުދާސްތައް ވިލާ ކޮޅުކޮޅުހެން އުދުހެމުން ދެ އެވެ.
ޒިޔާން އާއި ސަމާގެ ކައިވެންޏަށްފަހު ވެސް ބައިގަޑިއިރު ބޯޓު އުދުހުނެވެ. ބައެއް ފަހަރަށް ވަރަށް އުހަށް ދަތުރުކުރެ އެވެ. ބައެއް ފަހަރަށް ހީވަނީ ދެންމެ ތަނެއްގައި ޖައްސަން އުޅެނީ ހެނެވެ.
"ހެޕީތަ؟ އަހަރެން ވައުދު ވީމެއްނު ވައިގެ ތެރޭގައި ކައިވެނި ކުރަން، އެކަން މިނިމުނީ،" ސަމާގެ ކޮލުގައި ހިފާލި އެވެ.
"ޖުނޭމެންގެ ކައިވެނި ކަނޑު އަޑީގައި! އަހަރުމެން އުޑުމަތީގައި!"
ޖުނޭއާ ހުނޭފަކީ ޒިޔާން އާއި ސަމާއާ އެކު އެސްއީސީގައި ކިޔަވަން އުޅުނު ދެ ރައްޓެހިންނެވެ. އެމީހުން ކައިވެނި ކުރީ ވޭލް ސަބްމެރީންގައި ކަނޑު އަޑީގަ އެވެ. އެއީ ތާރީޚީ ދުވަހެކެވެ.
ބޯޓު ޖައްސައިފި އެވެ. އެންމެން މާލެ ވެސް އަތުވެއްޖެ އެވެ. ހުރިހާ އެންމެން ތިބީ ކާމް ހޮޓަލުގެ ލޮބީ ތެރޭގަ އެވެ. ސަމާ އާއި ޒިޔާން އާ ސަލާން ކުރުމަށްފަހު ފަހަރަކު މީހަކު ނުކުމެގެން ދެ އެވެ.
ތަންކޮޅެއް ދުރުގައި ސަމާގެ މަންމަ ހުއްޓެވެ. ޝަރީފާ ވިސްނަނީ އެވެ. އެތައް ދުވަހަކަށްފަހު ސަމާ، އޭނާއާ ދުރައް ދާތީ ހިތް ރޮނީ އެވެ. އޭނާއާ ދުރުވެ ފިރިމީހާއާ ގާތްވަމުން ދާތީ އެވެ.
ޝަރީފާ ހިތް ބުނެ އެވެ: ބޮޑެތި ކަންތައް ކުރިމަތިވީމާ އަހަރެންގެ ސަމާ ހާސްވެ އެވެ. އެކަމަކު މިއަދު ބަލައިލާށެވެ. އެހެރަ އުފަލުން ނަށަނީ އެވެ. ކައިވެނި ކުރީ ވިލާތަކުގެ ތެރޭގަ އެވެ. އާ ކައިވެނީގެ ފުރަތަމަ ރޭ ހޭދަ ކުރާނީ މި އުސް ހޮޓަލުގަ އެވެ. އުފަލަށްޓަކައި މިތާ ޓެރަސް ވަނީ ކުއްޔައް ހިފާފަ އެވެ. ދެން ދިރިއުޅެން ދާނީ އަދި މިއަށް ވުރެ އުސް އިމާރާތަކަށެވެ. ބަލައިބަލާށެވެ. އެހެންޏާ އެއީ ކިރިޔާ އުސްތަނަކަށް އަރަން ޖެހުނަސް ބިރު ގަންނަ ކުއްޖެކެވެ. ކިހާ ބޮޑު ބަދަލެއް ހެއްޔެވެ؟ އަހަރެންގެ ސަމާއަކީ ބޮޑުވާން ބޭނުންވި ކުއްޖެއް ވެސް ނޫނެވެ. ތަސައްރަފް ފުރުނު ދުވަހު ވެސް ރޮއެރޮއެ ހަލާކުނުވީ ކިރިޔާ އެވެެ. ދަތް ފެޅި ދުވަސް ވަރު ގާތުން ދިން އިރު އަހަންނަށް ތަދު ކުރި ފަދައިން ބޮޑު ނުވާންވެގެން ނިޔަފަތި ތަކުން އަހަންނަށް ތަދު ކުރަމުން ދިޔައީ ހިތު ޖެހިފަ އެވެ. އެވަރަށް ގިސްލެވުނެވެ. އެކަމަކު މިހާރު ބަަލައިބަލާށެވެ. އަހަރެންގެ ސަމާ އެހެރީ ބޮޑުވެފަ އެވެ. އެއީ މީހއްގެ އަންބެކެވެ.
"މަންމާ" ސިޑިން އަރަމުން ފަހަތަށް އެނބުރި ސަމާ ގޮވާލި އެވެ. ދުވެފައި އައިސް މަންމަގެ ގައިގައި ބައްދާލި އެވެ. އިރުކޮޅަކުން މަންމަ ވެސް ހިނގައްޖެ އެވެ.
އެންމެން ގޮސް އަވަދިވުމުން ޒިޔާނާއި ސަމާ ގޮސް ކޮޓަރި އަށް ވަދެއްޖެ އެވެ. މުއްސަނދި ކޮޓަރި އެކެވެ. ރީތި ބޮކިތަކާއި ބޮޑު ތަސްވީރެކެވެ. މާސިންގާ ވޯޓާ ބެޑެވެ. މުޅި އެނދު ޒީނަތްތެރިކޮށްފައިވަނީ ފިނިފެންމަލުގެ ފިޔައިންނެވެ. ފައިލާ ކޮޅުގައި "ވެލްކަމް ޓު ހަނިމޫން" އަޅާފައިވެ އެވެ.
"ވާވް! ހާދަ ރީއްޗޭ!" ސަމާ ޒިޔާންގެ ގައިގައި އޮޅުލައިގަތެވެ. ޒިޔާން ދޮރު ލައްޕާލި އެވެ.
އަރާމު ތަންމަތީގައި ނިދާލުމުގެ ކުރިން ޒިޔާން އާއި ސަމާ ވެސް ބޭނުންވީ ޓެރަސް މައްޗަށް ދާށެވެ. ތަރިތަކުގެ ރިހި އަލިން ފެންވަރާލާށެވެ. ހަނދުވަރުގެ އަލީގައި ސާމާސާ ކޮށްލާށެވެ.
ޒިޔާނަކީ އިރުހަނދާ ތަރިތަކާ ހެދި މޮޔަވާ މީހެކެވެ. ޒިޔާނާ އެކު އުޅެއުޅެ ސަމާ ވެސް ހުންނަނީ އެގޮތް އާދަވެފަ އެވެ. ވައިގެ ތެރޭގައި ކައިވެނި ކުރަން ނިންމީ ވެސް އެހެންވެ އެވެ.
ޓެރަސް މައްޗަށް އެރުމާއެކު ހަނދުގެ އަލިން ކުލަތައް މަސްހުނި ވެފައިވާ ވިލާ ފޮތިތައް ސަމާއާ ޒިޔާނަށް މަރުހަބާ ކިޔެވެ. އުޑުމަތީގައިވާ ކޮންމެ ވިލާ ކޮޅެއް ޒިޔާނަށް ހީވީ ސަމާ ހެނެވެ. އެއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟
އުޑުގައިވާ ވިލާތައް ފިޔަވައި ބޭނުން އެއްޗެއްގެ ސިފަ އަންނަ އެއްޗެއް ނުހުރެ އެވެ. ބޭނުމިއްޔާ ބޮޑު ވިލާގަނޑަކުން އަންހެން ކުއްޖެއްގެ ތުންފަތް ވެސް ސިފަ ކުރެވިދާނެ އެވެ.
"ބަލާބަލަ ހަނދު ކިހާ ރީތި. އެނގޭތަ ކާއިނާތުގައި އެކަހަލަ އެތައް ހަނދެއް ވޭ. މި ފެންނަނީ އެންމެ ހަނދެއްގެ ހަނދުވަރު. ތަރިތައް ވެސް އެހާގިނަ،"
"ކިހިނެތް އެނގޭނީ؟" ސުވާލު ކުރަމުން ސަމާ ޒިޔާނާ ގާތްވެލި އެވެ.
"މި ކާއިނާތުގެ އަޖާއިބުތަކުގެ ހިލަން އަހަރެމެންނަށް ނުވި ކަމުގައި ވިޔަސް މި ނިޒާމުގެ ހަރުދަނާ ސިއްރުތަކުގެ ކޮންމެވެސް މިންވަރެއް ސައިންސްވެރިން ވަނީ ހޯދާފަ.
ގާތްގަނޑަކަށް ހަތަރު ބިލިއަން އަހަރަށް ވުރެ ދޮށި ކަމަށް ބުނާ މި ދުނިޔޭގައި އަހަންނާއި ސަމާ ފިކުރެއްނެތި އުޅުނަސް ދުނިޔެއާ އެތައް ބިލިއަން އަލި އަހަރުތަކެއްގެ ދުރުގައި ހިނގާ ގުދުރަތީ ބޮޑެތި ހާދިސާތަކަށް ސައިންސްވެރިން ފިކުރު ހިންގާ. އެންމެ ފަހުން ފެނުނު އަޖާއިބަކީ ގާމާ ދޯދި ގޮވުމާއި ތަރިތަކުގެ އުފެދުމާ ހުރި ގުޅުން."
"އެއީ ކޯންޗެއް؟" ސަމާގެ ޝައުގުވެރިކަން ބޮޑުވަމުން ދިޔަ ވަރަކަށް ޒިޔާން ސަމާ ގޮވައިގެން ތަރިތަކުގެ އާލަމުގައި އުދުހެމުން ދިޔަ އެވެ.
"އެއީ ކާއިނާތުގެ ހިރަފުހާއި ގޭހުގެ ބައިތަކުގެ ތެރެއިން ދަތުރު ކުރާ އެއްޗެއް. ނޫނީ ތަރިތައް އުފެދޭ ސަރަހައްދުތައް ދައްކައިދޭ ނިޝާންތަކެކޭ ވެސް ބުނެވޭ."
"އެހެންތަ! ކޯންޗަކަށް އަލި އަހަރު ތަކޭ ތިކިޔަނީ؟"
"އަލި އަހަރަކީ އަހަރެއްގެ ތެރޭގައި އަލި ދަތުރުކުރާ ދުރުމިން. އެއީ ގާތްގަނޑަކަށް ހަ ޓްރިލިއަން މޭލު."
"ބަލާ، އެހެރަ ސަޅި ތަރިއެއް. ފިޔަވެސް އެބަޖަހާ، ކުލަ ވެސް އެބަ އަރާ." ސަމާ ހީވީ ކުޑަ ކުއްޖެއް އުޅުނުހެނެވެ.
"އެ ތަރި ފިޔަ ޖަހާހެން ސަމާއަށް ހީވަނީ ވައިގެ ބާނިތަކާ އެކުވެގެން އަންނަ އަލީގެ ލނެބުންތައް ސަމާގެ ލޮލަށް ފެންނަ ގޮތުން. އެނގޭތަ؟ ތަރިތަކުގެ ދައުރު ވުމާއު އިންސާނުންގެ ދިރިއުޅުމާ ގުޅުން ހުންނަ ކަމަށް ގަބޫލު ކުރާ ތިއަރީއެއް އެމެރިކާގެ ފަލަކީ އިލްމު ވެރި އެއް ކަމަށްވާ އެޑްވިން ހަބްލް ވަނީ ހާމަކޮށްފަ. އެއީ ކާއިނާތުގައިވާ ތަރިތައް ދުނިޔެއާ ދުރަށް ޖެހެުންދާކަން ސައިންސްގެ އެހީގައި ހާމަކޮށްދިން އިލްމުވެރިޔާ. ހަބްލް ޓެލެސްކޯޕަށް ނަން ދީފައިވަނީ އޭނާގެ ނަމުން،" އުޑު މައްޗަށް ބަލަހައްޓައިގެން ހުރެ ތަރިތަކުގެ ވަނަވަރު ޒިޔާން، ސަމާއަށް ކިޔައިދެމުން ދިޔައީ ޝައުގުވެރިކަމާ އެކުގަ އެވެ.
"ޒިޔާން ވަރަށް މޮޅު."
"މޮޅުތަ؟" ޒިޔާން ވެސް ކުރީ ސުވާލެކެވެ.
"އާން! އެހެންވިއްޔާ ބުނެބަލަ އުޑުގައިވާ އެންމެ އަލިގަދަ ތަރިއަކީ ކޮބާ؟ ކޮން ތަރިއެއް ދުނިޔެއާ އެންމެ ގާތީ؟" ޒިޔާން ކައިރިއަށް ޖެހިލުމަށްފަހު ސަމާ މުޅި އުޑުމަތި ބަލައިލި އެވެ. ޒިޔާން ވެސް ހީނލި އެވެ. ދެން ސަމާގެ އަތުގެ މުލައްދަނޑީގައި ހަނދާ ދިމާއަށް އަތް އުފުލާލި އެވެ.
"ހުރިހާ ތަރިތައް ވެސް ފަނާވާނެ. ތަރިއަކީ ނެތިދާ އެއްޗެއް. ތަރިތައް ފަނާވުމުން އާ ތަރިތައް އުފަން ވާނެ. އެެންމެ އަލިގަދަ ތަރިއަކީ 'ސައިރަސް'. އެތަރި ހުންނާނީ ދުނިޔެއާ 8.8 އަލި އަހަރު ދުރުގައި. ދުނިޔޭގެ އެންމެ ދެކުނު ބިތުގައި ހުންނާނީ ވެސް ވަރަށް އަލިގަދަ ތަރިއެއް އެއީ 'ޕޮލާރިސް'. އެންމެ ކައިރީގައި އިންނާނީ 'ޕްރޮކްސިމާ'. އިތުރު ސުވާލެއް އެބައޮތްތަ؟" ސަމާއާ ދިމާއަށް އެނބުރިލަމުން ޒިޔާން ސަމާގެ ކޮލުގައި އަތުން މަޑުމަޑުން ޖަހާލި އެވެ.
"ދެން ނެތް ސުވާލެއް."
"އެހެންވިއްޔާ ހިނގާ ރޫމަށް." ސަމާ ގޮވައިގެން ޒިޔާން ޓެރަސް މަތިން ހިނގައިގަތެވެ. އިރުކޮޅަކުން ތިބީ ރީތި ކޮޓަރީގެ ތެރޭގަ އެވެ.
ސަމާ ހުރީ ކޮޓަރީގެ ތެރޭގައި ކޮޅަށެވެ. ޒިޔާން އިނީ އެނދުގައި އިށީނދެލައިގެނެވެ. އެކަކު އަނެކަކަށް މިލްކުވުމުން ދެ މީހުންނަށް ވެސް އެއް އިހުސާސެއް ކުރަނީކަން ނޭނގެ އެވެ. ޒިޔާން އާއި ސަމާ ވެސް ވަނީ ހިނިތުންވެފަ އެވެ.
ސަމާ، ޒިޔާނާ ދިމާއަށް ހިނގަން ފެށިއިރު ޒިޔާން އިނީ ކަޅި ޖަހާ ނުލައި ބަލާށެވެ. އަގު ބޮޑު ވެޑިން ޑްރެސްގައި ސަމާ ހީވަނީ އަސްލު އިސްކޮޅަށް ވުރެ ވެސް ދިގުހެނެވެ. ލޮލުގައިވާ ވިދުމާއި ތުންފަތުގައިވާ ހިނިތުންވުމާއި ކޯތާފަތުގައިވާ ފިޔާތަށިކުލަ އެކުވެގެން ޒުވާން ކަމުގެ ތާޒާކަން ޒިޔާންގެ ހުރިހާ ހިއްސުތަކުގައި ވަކި ހިއްޕާލައިފި އެވެ.
"ސަމާ ތީ ވާގޯ އެއްނު؟ ސަމާމެންގެ މިޒާޖާ ތަރިތަކުގެ ގުޅުން ފުރިހަމަވާން ފަށާނީ އުމުރުގެ ވަކި ހިސާބަށް ދިޔައިމަ. ތި ރާހީގެ ފިރިހެނުންނަކީ ވަރަށް އިޝްގީ ބައެއް. ލޯބީގައި އެމީހުން އެދުންވެރިކަން ބޮޑުވާނެ. ލޯތްބަށް އެދޭނީ ވަރަށް ބޮޑަށް. ވާގޯ ރާހީގެ ދެ ޖިންސަށް ވެސް އެންމެ އުފާވެރިވާނީ ނޮވެމްބަރު. ވާގޯ އާ އެންމެ ގުޅޭނީ ސްކޯޕިއޯ." ސަމާ އައިސް ޒިޔާންގެ ކައިރީގައި ޖެހި ފިތިގެން އިށީނެވެ. އެނދުން ފޭބުމަށްފަހު ސަމާގެ ކުރިމަތީގައި ޒިޔާން އިށީނެވެ.
"ތިހެން އިންނައިރު ވަރަށް ރީތިކޮށް ސަމާ ކުރަހާ ލެވިދާނެ،" ސަމާ ހަމައެކަނި ހީލި އެވެ.
"މިހާރުތަ؟"
"މިހާރުވެސް ކުރެހިދާނެ. ތިގޮތަށް އިނދޭ ތިހެނެއްނޫނޭ..!" ޒިޔާން ސަމާ ވެޑިން ދްރެސްގެ މޭމަތިން އައްސާލާފައިވާ ޓައީ މޮހެލި އެވެ. ފައިގެ ކުޑަކަޅުވާއިން ތިރި ފެންނަ ގޮތަށް ވެޑިން ޑްރެސް އުފުލާލި އެެވެ. ސަމާ ވަރަށް ދޮނެވެ. އެހާ އޮމާނެވެ. ސަމާގެ ފަން އިސްތަށިގަނޑު ވާތު ކޮނޑުމަތިން ކުރިމައްޗަށް ލައިދިނީ ވެސް ޒިޔާނެވެ. ސަމާ އިނީ ގުޑައި ވެސް ނުލާ ޒިޔާންގެ މޫނަށް ބަލަހައްޓައިގެނެވެ.
"ތިއުޅެނީ ކުރަހަންތަ؟" ސަމާ އިނީ ވަރަށް ލަދުންނެވެ.
"މިހާރު ވަރަށް ރީތި ތިހެން އިނދޭ، ދެން ލޯމަރާލާ. އުހުނ! އެބަ ތެޅުވޭ..ބޮޑަށް ލޯމަރާ." ސަމާ ލޯ މަރާލުމުން ޒިޔާން އިނގިލިތައް ސަމާގެ ކަނދުރާ މަތިން ގެންގޮސް ރީތި ލަފުގެ ލޯލިތައް މަތީގައި ކާއްތާލި އެވެ. މަސްތުގައި ސަމާ ގެ ލޯ ކުރިޔަށް ވުރެ ވެސް ބޮޑަށް މެރުމުން ހީވީ ފޮޓޯ ގަނޑެއް ހެނެވެ.
"ވަރަށް ރީތި!" ސަމާއާ ދިމާއަށް ޒިޔާން ފުންކޮށް ބަލައިލި ވަގުތު ސަމާ ލޯ ހުޅުވާލި އެވެ. އޭރު ޒިޔާން އިނގިލިތައް ސަމާގެ ފެހި ކުލައިގެ ލަފު މަތިން ވީއްލެނީ އެވެ.
"ކޮބާ؟" ސަމާ މޭމަތީގައި އަތް އަޅަމުން ބުންޏެވެ.
"ނިމުނީ" ދެ އަތް ދައްކާލަމުން ޒިޔާން ބުންޏެވެ.
"ކޮންތާކު ކުރެހީ؟" ސަމާ އިނީ ހެވިފަ އެވެ.
"ވިންދުތައް ހިތުގެ އެތަން މިތާގައި ސަމާގެ ފޮޓޯ ކުރަހައިފިން. ބަލަން ބޭނުންތަ؟" މޭ މަތީގައި އަތް ޖައްސާލަމުން ޒިޔާން ބުންޏެވެ.
އާނ! މިހާރު ފެނިއްޖެ. ވަރަށް ރީތި. ޒިޔާންގެ މޭ އިރާލައިގެން ބެލީ." ސަމާ އާއި ޒިޔާން ވެސް ދިޔައީ ހެމުންނެވެ.
އެނދުމަތީގައިވާ ފިނިފެން މަލުގެ ފިޔަތައް މަތީގައި ސަމާ އާއި ޒިޔާން އުޅުނީ ނިމުމެއް ނެތް އީދެއްގެ ތެރޭގަ އެވެ. އެކަކު އަނެކަކުގެ ބޮލަށް ފިޔަތައް އަޅަމުންދިޔަ ވަރަކަށް ހިއްސުތައް ދެމި ހަށިގަނޑުގައި ކަރަންޓުގެ ރާޅު އުފެދެމުންދިޔަ އެވެ. ދެ މީހުން ގާތްވަމުން ދިޔަ އެވެ. ކޮޓަރީގެ ހުދު އަލި، މަޑު ރަތް އައްޔަކަށް ބަދަލުވެ، ބޮޑު ވޯޓާ ބެޑުގައި ދުއްވަމުން ދިޔަ ރާޅުބާނި ހަލުއި ވަމުންދިޔަ އެވެ.
އެނދު މަތީގައި ދެ ގަޑިއިރަށް ވުރެ ވެސް ގިނަ ވެއްޖެ އެވެ. ސަމާ ވަރުބަލި ވެއްޖެ އެވެ. ޒިޔާންގެ އެސްފިޔަތައް ބަރު ވެއްޖެ އެވެ. ފިތި ބާރު ވެގެން ތިބެ ޒިޔާން އާއި ސަމާ މަރު ނިދީގައި ނިދައިފި އެވެ.
****
"ޔްރޮނޯޓިކް ސްޕޭސް އޭޖެންސީ" ން ފައްސަތޭކަ މިލިއަން ޑޮލަރުގެ ޓިކެޓެއް ގަތުމާއެކު ޒިޔާން އާއި ސަމާ ގްރެވިޓީއަށް ހާއްސަ ޓްރޭނިންތައް ހަދައި ދުނިޔެ ވަށާ ބުރު ޖަހަމުންދާ ހޮޓަލުގެ ތެރެއަށް ދެ މީހުން ދެމި ގަތެވެ.
ސަތޭކައަށް ވުރެ ގިނަ ކޮޓަރި ހުންނަ ވައް ބޯޅައެއްގެ ސިފައިގައިވާ ހޮޓަލުގައި ހަނީމުން ހަދަމުން ދިޔައިރު ޒިޔާނާއި ސަމާ އެންމެ ޝައުގުވެރިވީ ކުޑަދޮރުތަކުން ބޭރު ބަލާށެވެ.
"ހުޅުވާލަންތަ؟" ސަމާ ބުންޏެވެ.
"އުހުނ!ހުޅުވާލާ ވަގުތު މުޅި ޖަށްވުގެ ތެރޭގައި ހޮޓާ ކުދިކުދިވެގެންދާނެ،"
"ޒިޔާން! ކީކޭ ތިކިޔަނީ. އޭ، އޭއި، ތެދުވެބަލަ އިރު އަރައިފިއޭ،" ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލުމަށް ފަހު ސަމާ ޒިޔާނަށް ގޮވައިލި އެވެ. ސަމާ ހީކުރީ ޒިޔާނު އޮތީ ހޭލާ ކަމަށެވެ. އެކަމަކު ދެއްކި ވާހަކައިން އޭނާ އޮތީ ނިދާފައިކަން އެނގުނެވެ.
"ހުވަފެނުގައި އަހަރުމެން އުޅުނީ ޖައްވީ އުޅަނދެއްގެ ތެރޭގައި،" ބެޑު ކަވަރުން ސަލާމަތްވެ ސަމާގެ ގައިގައި ބައްދާލަމުން ޒިޔާން ބުންޏެވެ. އާ ކައިވެނީގެ އުފާވެރި ރެއަށް ފަހު ގެއަށް ދިއުމުގެ ކުރިން ޒިޔާން އާއި ސަމާ އިރުގަނޑަކު އެގޮތުގައި ތިއްބެވެ.