ކުރު ވާހަކަ

އާމިރު

Jun 7, 2017
1

ތޫޕިޔާރުހޭ ކިސި އައުރުކާ ތުޖެ ޗާހަތާ...!
ތު ޕަސަންދުހޭ ކިސި އައުރުކާ!
ތުޖެ... ކޮއި އައުރުހޭ...!


ގޭގައި ގެންގުޅޭ އަވަރު ގޮތެއް ހުންނަ ކުމާރާގެ ބަސް ޕަރްވީން ގަބޫލުކުރެ އެވެ. ބޭސް ކާ ގަޑީ ގައި ވެސް ކުމާރާ ނޫން މީހަކަށް ޕަރްވީން ހަލާ ގޮތެއް ނޯވެ އެވެ. އެކަމަކު އޭނާ ރުހެނީ އެ ލަވަ ޖަހައި ދިނުމުންނެވެ.

"އަހަރެން މޮޅު ދޯ؟" ދެ ގުޅަ ބޭސް އެއް ފަހަރާ ދިރުވާލުމަށް ފަހު ފެންފޮދެއް ބޮއެގެން ޕަރްވީން ކުމާއާ ސުވާލެއް ކުރި އެވެ.

"ދެން އަރާމު ކޮށްލާ، ތީ މޮޅު ކުއްޖެކޭ..." ދިވެހި ބަހަށް ކޮށި ރާގަކަށް ކުމާރާ ބުންޏެވެ.

ކުމާރާ ދިއުމުން އެކަނި އެނދުމަތީގައި އުޑު ތިލައަށް އޮވެ ޕަރްވީން ހެދުމް ދިޔަ އެވެ.

"ބޮޑު މޮޔަ ގަނޑު، ކޭ ފޯ ކުމާރާ، އެމް ފޯ މޮޔަ..." ހީނހީ ވަރުބަލިވުމުން އެނދުމަތީގައި ބަރިބަރިއަށް ޖަހާފައިވާ ފޮޓޯތައް ތަރުތީބު ކޮށްލި އެވެ. ނިއުޅާފައިވާ ޕޯސްޓަރުތަކުގެ މަތީ ފެތުރިލައިގެން ހިމޭނުން އޮށުވެއްޖެ އެވެ. ދެ ފައި ދަމާލި އެވެ. ވަރުބަލި ކަމުގައި ލޯ މަރާލި އެެ. ލޯބީގެ އާލަމް ތެރެއަށް އުދުހިގަތެވެ.

"އައި ލަވް ޔޫ އޭކޭ،" މޫނާ ދިމާވާ ގޮތަށް އޮތް ޕޯސްޓަރާއި ޕަރްވީން ތުންފަތް ކައިރި ކުރަން ފެށި އެވެ. "އުމްމަ،" އެ އަޑު އެކަކަށްވެސް ނީވޭނެ އެވެ. ޕަރްވީން ހީނލި އެވެ. އިނގިލިތަކުގެ ބަނޑުފުށް ޕޯސްޓަރުގައި ކާއްތަން ފެށި އެވެ.

"ހެންސަމް، އައިނު އެޅީމަ ވަރަށް، ވަރަށް ލޯބި، ޔޫ އާ މައި ޕްލެޝާ... އުމމްމަ" ތުންފަތް ޕޯސްޓަރުގައި ޖެހެމުން ދަނިކޮށް ޕަރްވީން އެއްލިގެން ދިޔަ އެވެ. ޕަރްވީންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމަލާދޭން ބަލައިލިއިރު ދުވެފައި އައިސް އެނދުމައްޗަށް ޖެހިގަތީ ފަޒީ އެވެ.

"އޭތް ކިހާ ބޮޑު... ބަލާ..."

ދެން ޕަރްވީން އިނީ އެވެ. ގަނޑުވެފައެއް ނޫނެވެ. އެނދުމައްޗަށް ކޮޅަށް ޖެހިފަ އެވެ. އުފަލުން ގޮސް ދެ ތުންފަތް ހުޅުވިފަ އެވެ.

"ދޮގެއް ހަދައިފިއްޔާ ކޮއްކޮ މަރާލާނަން... ހުވާ މަރާލާނަން،" ފެށިގޮތަށް އަނގަ ހުއްޓައިނުލައި، ތަޅުވަމުން ދިޔަ ފަޒީގެ ވާހަކަ ނިމުމާ އެކު ޕަރްވީން ފުންމައިގެން ގޮސް ފަޒީގެ ކަރުގައި ހިފާ ބާރުކޮށްލި އެވެ.

"އެހެންވިއްޔާ މަށަށްވުރެ ކުރިން ދޮންތަ ގޮސް މަރާލަން ޖެހޭނީ 'ހަވީރު' ގައި މި ލިޔުނު މީހަކު!" ފުރަގަހަށްލައި ފޮރުވައިގެން އިން ހަވީރު ނޫސް ދިއްކޮށްލަމުން ފަޒީ، ޕަރްވީންގެ ދެ އަތް ފޮޅުވާލި އެވެ.

"އަޅެ، ފަޒީ... އައި ލަވް އިޓް! ތެން ކިޔޫ،" އާމިރު ހާނުގެ ފޮޓޯ ޖަހާފައިވާ ހަބަރު ޕަރްވީން އަވަސް އަވަހަށް ކިޔައިލި އެވެ. ހަބަރުގައި އޮތީ ފިލްމެއްގެ މަންޒަރެއް ނަގަން އާމިރު ކުރުނބާގައި ހުރި ވާހަކަ އާއި ފިލްމު ޝޫޓިން ހުކުރު ދުވަހު ވިލިމާލޭގައި އޮންނަ ވާހަކަ އެވެ. ހަބަރު ޖަހާފައިވާ ގަނޑު ޕަރުވީން މޭގައި ޖައްސާލުމަށްފަހު ލޯ މަރާލި އެވެ. މިނިޓެއް ނުވެ އެވެ. އެނދުމަތީގައި ފުމެމުން ގޮސް ކޮޓަރީގެ ތެރެއަށް އުކާލާފައިވާ ހުރި ފޮތްތައް ހާވައިގަތެވެ.

"ކޮބާ ޑިރެކްޓަރީ... ކަލެއެއްނު ނަމްބަރު ބަލައިގެން ބިޓުން ހައްދަން ނަގައިގެން އުޅުނީ، ހޯދާ މިހާރު. އެހެން ނޫނީ.." ޕަރްވީން ފަޒީއާ ގާތަށް ޖެހިގަތެވެ.

"ދޮންތާ، ހަމަޖެހިބަލަ، ދޮންތަ ހޯދާނެކަން އެނގޭތީވެ، ރިސޯޓުގެ ނަމްބަރު ހޯދައިގެނޭ މިއައީ. މިއޮތީ އުހުނ،" އަތްތިލަ ދައްކައިލުމުން ޕަރްވީން ހީވީ އެހެން ފަދަ ކަމެއް ހެނެވެ. ފަޒީގެ މޮބައިލް ފޯނު ޖަހައިގަނެގެން އެ ނަމްބަރަށް ގުޅައިލި އެވެ.

"ބައްޔެއްނު! މި ދިރާގު މީހުންނަށް ދުވަހަކު މި ނޫން ވަރެއް ނުވޭ...އަބަދު ޝާކިޓް ބިޒީވެފައި."

ޕަރްވީން އުޅޭ ގޮތުން ފަޒީ ހައިރާނެއް ނުވެ އެވެ. އާމިރާ ހެދި ދޮންތަ މޮޔަވުމަކީ އާ ކަމެއް ނޫނެވެ. ޕަރްވީންގެ އަތުގައި ހުރިވަރަށް އާމިރުގެ ގޭގައި ވެސް އާމިރުގެ ފޮޓޯ ނުހުންނާނެ އެވެ. އާމިރްގެ މައުލޫމާތު ޕަރްވީނާ އެއްވަރަށް ހިތުދަސް ދެވަނަ މީހަކު ނޫޅޭނެ އެވެ. ހިތުން ޕަރްވީން އުޅެނީ އާމިރާ ހިތާވެގެނެވެ. އަޅައިގަތީ ފިލްމީ ދާއިރާއަށް އާމިރު ތައާރަފުވި 'ގަޔާމަތުސޭ ގަޔާމަތު ތަކް' މާލޭގައި ހިނގި ދުވަސްވަރު އެވެ. އޭރުއްސުރެ އާމިރުގެ އެޑްރެސް ހޯދައިގެން ސިޓީ ފޮނުވަ އެވެ. އިންޓަނެޓް ތައާރަފު ވުމުން އާމިރުގެ އީމޭލް އެޑްރެސް ތައް ކަމަށް ލިބޭ ފޭކް އެޑްރެސްތަކަށް މެއިލް ކުރެ އެވެ. އާމިރާ ބެހޭ ގޮތުން އިންޓަނެޓްގައި ގާއިމު ކޮށްފައިވާ ވެބްސައިޓް ތަކުގައި ޕަރްވީން ނުފަތާ އެންމެ ދުވަހެއް ނުދެ އެވެ. ހުރިހާ ފިލްމު ފެއާއެއް ގަނެ ފޮޓޯތަކާއި ފޮޅުވަތްތައް ވަކިވަކިން ކިޔަ އެވެ. އާމިރުގެ ނަން ގަނެވިފައިވާ ޖުމްލައެއް އިނަސް އެ ހިތުދަސްކުރެ އެވެ. އާމިރުގެ ނަން ގަނެވިފައިވާ ޖުމްލައެއް އިނަސް އެ ހިތުދަސް ކުރެ އެވެ. އާމިރުގެ ފިލްމެއްވިއްޔާ ހޯދަން އެންމެ ފަސޭހަވާނީ ވީޑިއޯ ލައިބްރަރީއަކަށް ވުރެ ބޮޑަށް ޕަރްވީންގެ ކޮޓަރީންނެވެ. ގިނީސް ރިކޯޑަށް ހުށަހަޅައިފި ނަމަ އެކަކަށް އެންމެ ގިނަ ލޯބީގެ ސިޓީ ފޮނުވި އަންހެނަކަށް ޕަރްވީން ވުމަކީ ދުރުކަމެއް ނޫނެވެ.

"މަގޭ މޫނުން ކަލޭގެ ބިޓު ފެންނަނީތަ؟ ކަލޭ ދޭބަލަ މިތަނުން.." ކުރުނބާއާ ގުޅޭ ގޮތް ވުމުން ޕަރްވީން ފަޒީގެ މޭގައި އަތް އަޅާ ކޮށްޕާލި އެވެ. އެތަނުން ފޮނުވައިލަން ބޭނުންވި އެވެ. ޕަރްވީން ދެކޭ ގޮތުގައި އާމިރު ހާނަށް ވުރެ ފިރިހެންވަންތަ މީހަކު ދުނިޔޭގައި ވެސް ނުހުންނާނެ އެވެ. އެއީ އޭނާގެ މިލްކެކެވެ. ލޯބިވެރިޔާ އެވެ.

"މަގޭ ފޯނު!" ފަޒީ ބުނީ ވަރަށް މަޑުމަޑުންނެވެ. ބާރަށް ބުނެގެން ހޯދަން އުޅެފި ނަމަ ނުލިބޭނެތީ އެވެ.

"ދޭނަމޭ، އޭކޭއާ ގުޅުނީމަ. މަށެއް މިކާލާކަށް ނޫޅެމޭ. ދެން މިތަނުން ދޭ."

"ހަލޯ ކުރުނބާތޯ؟ ތި ރިސޯޓުގައި އޭކޭ އައިސް އެބަހުރިތަ؟" ފަޒީ ނުކުމުގެން ދިއުމުން ޕަރްވީން ދޮރުގެ ތަޅަށް ފިތާލުމަށްފަހު ވާހަކަ ދައްކަމުން އެނދު ހުރަހަށް އޮށޯވެލި އެވެ. ވާހަކަ ފެށީ އިނގިރޭސިބަހުންނެވެ. އެކޮޅުން ވާހަކަ ދެއްކީ ދިވެއްސެއް ކަން އެނގުމާއެކު ދިވެހި ބަހަށް ބަދަލު ކޮށްލި އެވެ. ރާގު ވެސް ތަފާޓު ކޮށްލި އެވެ.

"އޭކޭ އޭ!.."
"އާން! އޭކޭ، އާމިރު ހާން."
"އާދެ، އެބަހުރި."
"އަޅެ އޭކޭއާ ބައްދަލު ކުރެވިދާނެތަ؟ މީ އޭކޭގެ.."
"ފޭނެއް ދެއްތޯ؟"

"ތިހެން ވެސް ކިއިދާނޭ. އަޅެ، ބައްދަލު ކޮށްދީބަލަ؟"

"ބައްލަވާ ވަރަށް ސެކިއުރިޓީ ބޮޑު. އެއްވެސް މީހަކަށް ބައްދަލު ކުރެވޭ ގޮތަކަށް ނޫން އޮތީ..މާދަމާ ވިލިމާލޭގަ ޝޫޓު ކުރާއިރު އެތަނަށް ދުރުވަން ވީނޫންތޯ؟ އެތަނުން އާމިރު ޚާން އޮޓޯ ގްރާފަރު ދޭ ގޮތަށް އޮތީ."

"އަޅެ، ޕްލީޒް ބައްދަލެއް ނުވާނެތަ؟"

"އާދެ! އެއީ ހަމަޖެހިފައި އޮތް ގޮތް."

"ކަލޭތީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ. ކީއްވެތަ ބައްދަލު ނުކޮށްދޭން ތިއުޅެނީ. ހާދަ ހެއްވައޭދޯ؟ އޭކޭއާ އެއް ރަށެއްގައި ހުރެވުނީމަ ތިހިރީ ވިލާތަކަށް ވުރެ ވެސް އުހުގައިވިއްޔާ! އެކަމަކު ބުނަން ތިކަހަލަ ފިރިހެނަކަށް އޭކޭ ޝައުގުވެރި އެއް ނުވާނެ. ތީ ވަރަށް އުނދަގޫވާ އަޑެއްވެސްމެ، ހުއް.!" އެއްޗެހި ގޮވަމުން ގޮސް ޕަރްވީން ފޯނު ކަނޑާލުމާއެކު އަތުކޮޅަށް ފޯނު ހޫރާލި އެވެ. އެނބުރެމުން ދިޔަ މޮބައިލް ފޯނު ގޮސް ޖެހުނީ ފާރުގައި ތަތްކޮށްފައި ހުރި އާމިރުގެ ފޮޓޯއެއްގަ އެވެ. ޕަރްވީން ގާތަށް ހެސްކިޔާފައު ރުޅި އައެވެ. ދުވެފައި ގޮސް ބިންމަތީގައި އޮތް ފޯނުގެ ބެޓެރީގައި ފައިން ޖަހާ ދުރަށް ފޮނުވައިލި އެވެ. ރޮމުން ފޮޓޯގައި އަތް އުނގުޅަން ފެށި އެވެ.

"އަޅެ ލޯބި، ސޮރީ ޕްލީޒް ފޮގިވް މީ، ބުނޭ އިޓްސް އޯކޭ އޭ...އޭކޭ ޕްލީޒް،" ފާރު ކައިރީގައި ހުރެ ރޮއެރޮއެފައި ޕަރްވީން މައްޗަށް އުފުލި ފޮޓޯގައި މޫނު ޖައްސަމުން ދިޔަ އެވެ. އެ މޫނުގައި އެޅޭ ކޮންމެ ކޫރުމަކީ ޕަރްވީންގެ ހިތުގައި އެޅޭ ކޫރުމެކެވެ.

"ޕަރްވީން..ޖޫސް ތަށި." ތަޅުދަނޑި ޖަހައިގެން ކުމާރާ ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. ޕަރްވީން ބަހެއް ނުބުނެ ދެ ލޯ ފޮހެލި އެވެ. ޖޫސް ތައްޓަށް ބަލަހައްޓައިގެން ހުރެ ކުމާރާގެ އަތުން ޖޫސް ތަށި އަތުލައިގެން ތުންފަތާ ދިމާއަށް ގެންގޮސް ޕަކަޕަކަ އަޅާފައި ހޭންފެށި އެވެ. އަލަނާސި ފަނިތަށި ކުމާރާގެ ބޮލަށް އޮއްސާލި އެވެ.

"ޕަރްވީން ހާދަ ހަޑިކޮށޭ ތިއުޅެނީ." ކުމާރާ ދޮރަށް ޖެހިލި އެވެ.

"ޗި، މަށެއް ނުބޯނަން އެއެއް. އެއީ ޕައިންއެޕްލް ޖޫހެއް ނު؟ މޮޔައާ ބުނަންތަ، އޭކޭ އަކީ މަގޭ 'ޕައިން ލަވާ' އެއް ނޫނޭ. އެއީ މަގޭ ޓްރޫ ލަވް. ކަލެއަށް އިނގޭތަ އޭކޭ ރާއްޖެ އަތުވެއްޖޭ..ދޭ މިތަނުން މިބުނީނު ދާށޭ މިތަނުން. ދޭ،" އަޑުބާރުވުމާއެކު ބިއްލޫރި ތަށި ހޫރާލި އެވެ. އަޅުމުގައި ޖެހި ހިމުން ވެގެން ދިޔަ އެވެ.

***

ފެން ވަރާ ނިމިގެން ޕަރުވީން ލީ ކުރުކުރު ސޯޓަކާއި ތުނިތުނި ރީނދޫ ކުލައިގެ އަތްކުރު ގަމީހެކެވެ. ލޯގަނޑު ކައިރީގައި ހުރެ ރީތި ވެލައިގެން ތުންފަތުގައި ލިޕްސްޓިކް ޖެއްސުމަށްފަހު ދެ ތުންފަތް ޖައްސާ ބާރުކޮށްލި އެވެ. ގެއިން ނުކުތުމުގެ ކުރިން މޮބައިލް ފޯނު ހިފައިގެން ގޮސް އާމިރުގެ ފޮޓޯ ކައިރިއަށް ހުއްޓުނެވެ.

ޕަރްވީނާ އެއް ފެރީން ވިލިމާލެއަށް ފޭބި އެންމެންގެ ވެސް މިސްރާބު ހުރީ ވައިޓްވޯޓާ ސެންޓަރާ ދިމާ އަށެވެ. އެހެންވެ ދާންވީ ކޮން ދިމާއަކަަށް ކަމެއް ޕަރްވީނަކަށް އޮޅޭ ގޮތެއް ނުވި އެވެ. އެ ދިމާއަށް ހިނގި އެންމެނަށް ނަފްރަތުގެ ކަޅި އެކަމުން ޕަރްވީން ހިނގައިގަތެވެ. ވަކި ހިސާބަކުން ދުވަން ފެށި އެވެ. މާދުރުން ވެސް އޭނާއަށް އާމިރު ފާހަގަ ކުރެވުނީ އެވެ.

"އަޅޭ ލޯބި،" މާނޭވާ ލެވިފައި ހުރި ޕަރްވީނަށް ބުނެވުނެވެ.

ކޮއްޕާ ގަޅުވައި މީހުންތައް ފޭ ކުރަމުން ޕަރްވީން އެންމެ އެތެރެއަށް ވަންއިރު އާމިރު ހުރީ ގޮނޑު ދޮށުގަ އެވެ. ރަތް ކުލައިގެ ސޯޓާއެކު މަތިން އެއްޗެއް ނުލަ އެވެ. ރާޅުޖަހާ ފަށުގައި އޮތް ވިންޑްސާފް ކަނޑު ކައިރީގައި އުކުޅުގައި އަތް ވިދެލައިގެން ހުރީ އެއްގަމުގައި ހުރި ބޮޑެތި ކެމެރާތަކަށް ބަލާށެވެ. އިޝާރާތެއްވާއިރަށް ވިންޑްސާފާ އެކު އާމިރު މޫދު ތެރެއަށް ދުއްވައިގަނެ އެވެ.

ފުރަތަމަ ނަޒަރު އާމިރަށް ދިނުމަށްފަހު ޕަރްވީން ވަށައިގެން ބަލައިލި އެވެ. މުޅި ހިސާބުގަނޑުގައި ވަނީ ތޮއްޖެހިފަ އެވެ. ގިނައީ އަންހެން ކުދިންނެވެ. ދަތްކުނޑި ވިކައިލި އެވެ. އެއިން އެއްވެސް މީހަކު އާމިރަށް ބަލާކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ.

"އޭ ރާޖާ ހިންދުސްތާނީ.." ޕަރްވީނާ ޖެހިގެން ހުރި އަންހެން ކުއްޖަކު އަޑުގެ ކޮޅަށް ގޮވައިލުމާއެކު ޕަރްވީން އެކުއްޖާގެ މޫނަށް ބަލައިލި އެވެ. ހަމަ އެވަގުތު އެކުއްޖާގެ ފައިމައްޗަށް ޕަރްވީން ބޫޓާއެކު އަރާ ފިތާލި އެވެ.

"އައްދޯތް!"

"ސޮރީ" ނޫން ކަމަކަށް ހަދާލުމަށްފަހު ޕަރްވީން މާފަށް އެދުނެވެ. ވިސްނައިލި އެވެ. އާމިރުގެ މަންޒަރު ނަގަނީ މޫދު ތެރޭގަ އެވެ. އެންމެ ކައިރި އަށް ދެވޭނީ މޫދަށް އެރުމުންނެވެ. އެދިމާ މޫދުގައި އެކަކު ވެސް ނެތެވެ. އެރެންވީ އެވެ.

ޕަރްވީން ލައިގެން ހުރި ގަމީހުގެ އެންމެ މަތީ ތިންގޮށް ނައްޓާލުމަށްފަހު ބޫޓު ދަމައިގަތެވެ. އެންމެންގެ ތެރެއިން ދުވެފައި ގޮސް މޫދަށް އެރުނެވެ. މަޑުމަޑުން އެދިމާ ކައިރިއަށް ދިޔަ އެވެ.

ޕަރްވީން ހުރީ ނަޒަރު ހުއްޓުވާލައިގެެނެވެ. އިރުކޮޅަކުން އާމިރު ކަނދާއެކު ދުވެފައި މޫދަށް އެރި ކަނދު ދުއްވާލި އެވެ. ތަކުރާރުކޮށް އެމަންޒަރު ކުޅެނިމުނުއިރު ޕަރްވީން އަށް ހުރެވުނީ އާމިރާ ވަރަށް ގާތުގަ އެވެ.

ޕަރްވީން ހުރީ ދަނޑިވަޅަކަށް ވިސްނައިގެނެވެ. މަންޒަރު ނަގައި ނިމުނުކަން ޔަގީން ވުމާއެކު ޕަރްވީން އާމިރާ ދިމާއަށް ފަތައިގަތެވެ. އެންމެން ބަލަން ތިއްބަ އެވެ.

"އޭކޭ..."ޕަރްވީން ގޮވާލި އެވެ.

"އޮޓޯގްރާފް..އަހަރެން ބޭނުން އޭކޭއާއެކު ވިންޑް ސާފް ކުރަން.."

"އޯކޭ" އާޟިރުގެ ޖަވާބު އާއިރު ޕަރްވީން އޮތީ ކަނދުގައި އެލިގަނެގެނެވެ. ބޮޑު ކަމެއް ވީހެނެއް އާމިރަކަށް ހީއެއް ނުވެ އެވެ. ހުރީ މަޖާ ވެފަ އެވެ. ޕަރްވީން ކުއްލިއަކަށް އަރާ ކަނޑދުމަތީގައި އިށީނުމާއެކު ކަނދު ދުއްވާލި އެވެ.

"ހާދަ ރީއްޗޭ" ޕަރްވީން އިނގިރޭސި ބަހުން ބުންޏެވެ.

ވިލިމާލޭގެ އުރަފަށުން ކަނދު ބޭރުވުމާއެކު އެއްގަމުގައި ތިބި އެންމެނަށް ޕަރްވީން ވޭވް ކޮށްލި އެވެ. އެންމެނަށް ފޮނި ދައްކައިލުމަށްފަހު އާމިރުގެ މޫނަށާއި ހަށިގަނޑަށް ކަޅިޖަހައިނުލައި ބަލަން ފެށި އެވެ.

ހާދަ ރީއްޗޭ! ތީ މަގޭ ފިރިމީހާ! ތީ މަގޭ އޭކޭ. ރީނާ އަކާ އޭކޭއެއް ނުގުޅޭ! ޕަރްވީންގެ ތުންފަތަށް ހިނުތުންވުމެއް ގެނަ އެވެ. ދަތްކުނޑި ވިކާލުމަށްފަހު ފުން ކަނޑަށް ނަޒަރު ހިންގާލި އެވެ. ލޮނުގަނޑުގައި ޖެހިފައި ހުރީ ކަނދުގެ ފިން އެކަންޏެވެ. އެއިން ލޮނުގަނޑު ވަރަކަށް ބިއްލޫރި ކޮޅުކޮޅު ފުނޑުފުނޑު ވެގެންދާހެން ލޮނު ބުރަމުން ދެ އެވެ. ވައިރޯޅި އާއެކު ކަނދުގެ ދުވެލި ހާދަހާ ބާރެވެ. އިރުކޮޅެއްވީއިރު ވިލިނގިލީ ހުދުފަސްގަނޑު ފުސްވެއްޖެ އެވެ.

އާމިރު ކަނދުމަތީ ގައި ކުޅަދާނަކަން ދައްކަނީ އެވެ. ޕަރްވީން ހީނލި އެވެ. ވަޔާ ރާޅުގެ ރިދަމްވަނީ ގުޅި ލާމެހިފަ އެވެ. މިއުޒިކާ އެކު އެމީހުން އެވަނީ އެހެން ދުނިޔެއެއްގަ އެވެ.

"ހާދަ ކުޅަދާނައޭ. އަދި ބޭރަށް؟ ޕްލީޒް" ޕަރްވީން ކޮޅަށް ތެދުވި އެވެ. ވަގުތުގެ ބޭނުން ހިފައި ފުންކަނޑުގެ ބާނިތަކުގެ ތެރެއަށް ފުންމާލި އެވެ.

"އޭތް" އާމިރު ކަނދުގެ ރިޔާ ދޫކޮށްލިއިރު ސަލާމަތް ކޮށްދިނުމަށް އެދި ޕަރްވީން އަތްވަނީ ދެފެން ދޭތެރެއިން މައްޗަށް އުފުލިފަ އެވެ. އަވަސް ހަރަކާތަކާއެކު އާމިރު ގޮސް ޕަރްވީން އޭނާގެ ބުރަކަށި މައްޗަށްލި އެވެ.

"އަތްދިއްޔޯއް!" އެވަގުތު ޕަރްވީން އާމިރުގެ ކޮނޑުގައި ދަތް އެޅި އެވެ.

"ޕްލީޒް ގިވްމީ އަ ލައިފް ސަޕޯޓް، އައިމް ސިންކިން. އޭކޭ...ޕްލީޒް!" ވީތަދުން އާމިރު، ކަނޑުގެ ތެރެއަށް ޕަރްވީން ދޫކޮށްލުމާއެކު ޕަރްވީން ހަޅޭއް ލަވައިގަތެވެ. އަނގައިގައި ހުރި ލޮނުތައް ބުރުވަމުން ބަކަ ތަޅައިގަތެވެ. ޕަރްވީން ގެނބިދާނެ އެވެ. ނޫނެކެވެ. އަންހެން ކުއްޖަކު ގެނބި މަރުވާތަން ދެކޭކަށް އާމިރު ބޭނުމެއް ނޫނެވެ. އަނެއްކާވެސް ޕަރްވީންގެ ގައިގައި ބައްދާލުމަށްފަހު ގެނެސް ކަނދުމަތީގައި ބޭއްވި އެވެ. ހަށިގަނޑާ ތަތްވެފައިވާ ގަމީހުގެ މަތީން ބާރަށް ހިފެހެއްޓުމަށްފަހު ނޭވާ ލައްވައި ދިނުމަށް ތުންފަތް ކައިރި ކުރުމާއެކު އަނގައިގަ ހުރި ހުރިހާ ލޮނެއް އާމިރުގެ މޫނަށް ޕަރްވީން ބުރުވައިލި އެވެ. ފުންމައިގެން ތެދުވެ ބާރަށް ބައްދާލި އެވެ.

"އޭކޭ އައި ލަވްޔޫ..އޭކޭ އައިލަވްޔޫ،" ޕަރްވީންގެ އަޑު ވަރަށް ބާރެވެ.

"އޭކޭ ޕްލީޒް، ހެލްޕް މީ. އަހަރެން ބޭނުން އޭކޭއާ މެރީ ކުރަން. އޭކާއާ ރީނާ އުޅެނީ މައްސަލަ ވެސް ޖެހިގެނެއްނު! ވަރަށް މިނިވަންކޮށެއްނު ތިއުޅެނީ،"

"ތިއީ ކޮން ނަމެއް ކިޔާ ކުއްޖެއް. ކާކު؟" އާމިރު ޕަރްވީން ގާތަށް ޖެހިލި އެވެ. ހައިރާންވި އެވެ.

"ޕަރްވީން ހަމައެކަނި އޭކޭގެ. އަހަރެން ބޭނުން ކައިވެނި ކުރަން."

"ޕަރްވީން ކިހިނެތް އަހަރެން ދަންނަނީ؟"

"ޔާދޯންކީ ބާރާތުން..ދެން ގަޔާމަތުސޭ ގަޔާމަތު ތަކުން..އޭކޭ ތީ އަހަރެންގެ މީހެއްނު؟ ބުނެބަލަ އާނއެކޭ."

"އަހަރެން އޭކޭގެ ހުރިހާ ފިލްމެއް ބަލަން...ލަގާންގެ ކާމިޔާބަށް މަރުހަބާ!"

"ތެންކިޔޫ"

"ޔޫ ކަމްކަމް..އުމްމަ" ޕަރްވިން ތުންފަތް ގެންގޮސް އާމިރުހާނުގެ ތުންފަތާ ބައްދަލު ކުރުވަން އުޅުނެވެ.

"ސާދަ މާޗް އެއީ އޭކޭގެ އުފަން ދުވަހެއްނު އަހަރެން ވިޝް ކުރީމަ ކީއްވެ، ޖަވާބެއް ނުދިނީ ހާދަ ދެރަވިޔޭ،"
"ބައިވަރު މެސެޖްތައް ލިބޭ. ކިހިނެތް ޕަރްވީންގެ މެސެޖް ވަކި ކުރާނީ؟ އެކަމަކު ތެންކިޔޫ."

"ޔޫ ކަމްކަމް..މަށަށް އިނގޭ ފިލްމު ކުޅުމުގެ ކުރިން ޓެނިސް ކުޅުކަން ވެސް. މަހާރާސްތުރައިގެ ޓެނިސް ޗެމްޕިއަން، އެހެންނު؟ ދެ ކުދިން ތިއްބަސް ހެޔޮ އަހަރެން ވަރަށް ލޯބިވޭ."

"އެހެންތަ؟" އާމިރު ހީނލި އެވެ.

"އަހަރެންގެ ފިލްމުތަކުގެ ތެރެއިން ޕަރްވީނަށް އެންމެ ރީތީ ކޮން ފިލްމެއް؟"


"ތުމް މެރޭހޯ؟"
"ކާކު ބުނީ ރީނާއާ އަހަރެން މައްސަލަ ޖެހިގެން އުޅޭ ވާހަކަ...މައްސަލަ ޖެހުނަސް އަހަރެން ކިހިނެއް އެމީހުން ދޫކޮށްފައި އައިސް ޕަރްވީނާ މެރީ ކުރާނީ؟ ކިހާ ބޮދު މައްސަލައަކަށް ވާނެ"

"މައްސަލަ އޮށްވައެއްނު، ރީނާއާ މެރީ ކުރީ ވެސް. ކުރިން އެއީ މުސްލިމެއް ވެސް ނޫނެއްނު؟ ހެޔޮ އަހަރެން އެކޭއަކާ ވަތްކެއް ނުވާނަން. ކިހާ ދުވަހެއް ވެއްޖެ މިހާރު މިހެން ހުންނަތާ. ކަނދަކުން ނުފައިބާނަން. އޭކޭ ދުލެއް ނުކުރާނަން." އާމިރުގެ މޭ މަތީގައިވާ އިސްތަށިތަކާ ކުޅެމުން ގޮސް ޕަރްވީން ބައްދާލި އެވެ. މޭމަތީގައި މޫނު ފޮރުވި އެވެ.

"ތީ މަގޭ ޕައިން ލަވާއެއް ނޫން.. ތީ ޓްރޫ ލަވް މަށަށް ލިބެންޖެހޭނެ. އޭކޭ އަކީ މަގޭ ހައްގެއް. މަގޭ އޭކޭ އެއް..ތީ މަގޭ..ކޮބައި އޭކޭ." ފަހު ޖުމްލަ ވަރަށް ބާރަށް ބުނުމަށްފަހު ޕަރްވީން ރޯން ފެށި އެވެ. ވަށައިގެން ހޯދަމުން ދެ ލޯ ބޮޑު ކޮށްލި އެވެ. ކޮޅަށް ތެދުވި އެވެ. އޭނާއަށް އެ ހުރެވުނީ ވިންޑްސާފް ކަނދެއް މަތީގައި ހެއްޔެވެ؟

"އެންމެން ވެސް ހަދަނީ ދޮގު. ޔޫ އޯލް ލަޔާ. ބޯން އިޓް ލައި. އޭކޭ ވެސް ހަދަނީ ދޮގު..ކައިރިއަށް ނާންނައްޗޭ. އަތުވެއްޖެއްޔާ މަރާލާނަން...ނާންނާތި. މިކޮޅަށް،"

ކުމާރާއަށް ކުރިއަށް ފިޔަވަޅޭއް އަޅާކަށް ނުކެރުނެވެ. އެކަމަކު އޭނާ އަށް އެނގެ އެވެ. ބޭހުގެ ވަގުތު ހަމަވީ އެވެ. އަނެއްކާ ވެސް ޖެހޭނީ ބޭސް ދީފައި ނިންދަވާށެވެ. އެހެންނޫނީ ޕަރްވީން މައިތިރިއެއް ނުވާނެ އެވެ. އެކަމަކު ރުޅި އަރައިގެންފައި އެހެރަ އަންހެންކުއްޖާއާ ކައިރިވާން ކެރޭނީ ވެސް ކޮންފަދައަކުން ހެއްޔެވެ؟ އެހެރީ ހާލަތު ވަރަށް ގޯސްވެފަ އެވެ.

"ޕަރްވީން، ނިދީގައި އަނެއްކާ ވެސް ހުވަފެން ފެނުނީ! އަޅައިނުލާ އަހަރެމެން މިރޭ ހޭލައިގެން 'ލަގާން' ބަލާނީއޭ. ދެން އާދޭ ބޭސް ކާން. އާދޭ، އެހެންނޫނީ މަންމަ ދުރުވެދާނެ. މަންމަ ރުޅި ދުރުވާނެ."

އެނދުގައި އަތުރާފައިވާ އާމިރުގެ ފޮޓޯތަކުގެ މަތީގައި ކޮޅަށް ހުރުމަށް ފަހު ތަޅުން މައްޗަށް ޕަރްވީން ފުންމާލި އެވެ. މަޑުމަޑުން އައިސް ކުމާރާގެ ކުރިމައްޗަށް ހުއްޓި ގިސްލާން ފެށި އެވެ.

"ތިޔައީ ބަލި ކުއްޖެއްނު، އަވަހަށް ބޭސްގުޅަ ކާލާ."

ޕަރްވީން ސަލާމަތަށްޓަކައި ކޮންމެހެން ކާންޖެހޭ ދެ ގުޅަ ބޭސް ކެއީ އޭނާއަށް ރީތި ލަވަ ޖަހައި ދިނުމުންނެވެ. ލަވަޔާއެކު ޕަރްވީން ނިދައިފި އެވެ. އާމިރުހާނުގެ ހަނދާންތަކާ އެކުގަ އެވެ. ދެން ހޭލެވޭނީ އަނެއްކާ ވެސް ބޭހުގެ ބާރު ކެނޑެމުންނެވެ. ހޭލަން ދެން ވެސް އެ އަސަރު ގަދަ ލަވަ "ތޫޕިޔާރުހޭ.." ވަރަށް މަޑުމަޑުން އިވިއިވި ހުންނާނެ އެވެ. (ނިމުނީ)