ހުސްވި މަހުގެ ފީފާ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖެ އަށް ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.
މިދިޔަ މަހު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ތަޖިކިސްތާން އަތުން އަމިއްލަ ދަނޑުގައި 2-0 އިން ރާއްޖެ ބަލިވި މެޗުގެ ނަތީޖާއާއެކު، ފީފާ އިން މިއަދު އާންމުކުރި މިދިޔަ މަހުގެ ރޭންކިންގައި ރާއްޖެ ވަނީ އަށް ދަރަޖަ ފަހަތަށް ޖެހި، ރޭންކިންގެ 141 ވަނަ އަށް ވެއްޓިފަ އެވެ.
އޭޝިއާގެ ސަރަހައްދީ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 20 ވަނައިގަ އެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕްގެ ކޮލިފައިން އެއްކޮށްލައިގެން އޭއެފްސީން މި އަހަރުން ފެށިގެން ކުރިއަށް ގެންދާއިރު، ޓީމުތައް ސީޑުކުރާނީ މި ފަހަަރުގެ ރޭންކިން އަށް ބަލައިގެނެވެ. މިހާރު ރޭންކިންގައި ރާއްޖެ އޮތް މަގާމުން ރާއްޖެ ލައްވާލާނީ ޕޮޓް ތިނަކަށެވެ. ތަޖިކިސްތާން އަތުން މޮޅުވި ނަަމަ، ރޭންކިންގައި ކުރިއެރުމެއް ލިބި، ދެވަނަ ޕޮޓަށް ރާއްޖެ ސީޑުވުމުގެ ފުރުސަތު އޮތެވެ. ދެވަނަ ޕޮޓަށް ސީޑުކުރަނީ އޭޝިއާ ރޭންކިންގެ ނުވަ ވަނަ މަގާމުން ފެށިގެން 16 ވަނަ މަގާމާ ހަމައަށް އޮންނަ ޓީމުތަކެކެވެ. ތިން ވަނަ ޕޮޓަށް ދަނީ 17 ވަނަ އިން ފެށިގެން 24 ވަނަ މަގާމުގައި އޮންނަ ޓީމުތަކެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އަދިވެސް އޮތީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. ދެވަނައިގައި އާޖެންޓީނާ އޮތްއިރު، އެއް ދަރަޖަ ކުރިއަށް ޖެހި، ބެލްޖިއަމް ވަނީ ތިން ވަނަ އަށް އަރައިފަ އެވެ. ކޮލަމްބިއާ ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތީ ބްރެޒިލް އެވެ.