ބޮލީވުޑް

ކަރީނާ ދެން ކުޅޭނީ އަހަރަކު ފިލްމެއް!

Jun 9, 2017

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަކީ ކުރިން ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ބިޒީ އެއް ބަތަލާ އެވެ. ކުރިން އަހަރަކު އޭނާގެ ދެތިން ފިލްމު ރިލީޒްވާނެ އެވެ.

މިދިޔަ އަހަރު ވެސް ކަރިނާގެ ދެ ފިލްމެއް ވަނީ ރިލީޒްވެފަ އެވެ. އެއީ "ކީ އެންޑް ކާ" އާއި "އުޅްތާ ޕަންޖާބް" އެވެ. މި ދެ ފިލްމުގެ ތެރެއިން "އުޅްތާ ޕަންޖާބު" ރިލީޒްވުމުގެ ކުރިން ކަރީނާ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފަ އެވެ.

ކަރިނާ ބަނޑުބޮޑުވުމުން މިދިޔަ އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައި އޮތް "ވީރޭ ދި ވެޑިން" ވެސް ވަނީ މިއަހަރަށް ލަސްކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރުގައި ފުރަތަމަ ދަރިފުޅު ތައިމުރް ވިހޭފަހުން ކަރީނާ އަންނަނީ އޭނާގެ ކުރީގެ ލޫޅާފަތި ހަށިގަނޑު އަނބުރާ ހޯދުމަށް ގިނަގުނަ މަސައްކަތެއް ކުރަމުންނެވެ. ތައިމޫރް ވިހޭތާ މަހެއްހާ ދުވަސްފަހުން ކަރީނާ ބަރުދަން ލުއިކޮށް، ބަނޑުބޮޑުވުމުގެ ސަބަބުން ހަށިގަނޑުގައި ޖެހި މަސްތައް ވިރުވާލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެގޮތުން ކަރީނާ މިހާރު ގަވާއިދުން ޖިމް ޖައްސައި ޔޯގާ ހަދަައި އަންނަނީ ކުރީގެ ބައްޓަމަށް ދިއުމާ ވަރަށް ގާތްކޮށްފަ އެވެ.

އަލުން ކުރީގެ ހުރި ވަރަށް ހަށިގަނޑު ގެންދަން ކަރީނާ މިހާރު ކިތަންމެ މަސައްކަތެއް ކުރަމުން އައި ނަމަވެސް އޭނާ މިވަނީ ދަރިފުޅު ތައިމޫރާ އެކު ވީހާވެސް ގިނަ ވަގުތެއް ހޭދަކުރަން ބޭނުންވާތީ ދެން އަހަރަކު އެންމެ ފިލްމަށް ވުރެ ގިނައިން ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

ކަރީނާ ވަނީ ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރުމަކީ އޭނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއްގެ އިތުރުން ލިބޭ ބޮޑު އުފަލަށް ވާތީ ދެން ކުޅޭ ފިލްމުތައް ނިންމާނީ ވަރަށް ބަލައިގެން ވީހާވެސް ރަނގަޅު ސްކްރިޕްޓް ތަކުގެ ފިލްމުތައް ކަމަށެވެ. އަދި ގިނަ ފިލްމުތައް އަހަރެއްގެ ތެރޭގައި ކުޅެން ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި ބޭނުންވަނީ ވީހާވެސް ގިނަ ވަގުތު ދަރިފުޅާ އެކު އުޅެން ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ.

"ވީރޭ ދި ވެޑިން" ގެ އިތުރުން ކަރިނާ އަށް އޮމަންގް ކުމާރު އުފައްދަން ނިންމާފައިވާ ބައޮޕިކަކުން ހުށަހެޅުން ލިބިފައިވާ ކަމަށްވެ އެވެ.