ބޮލީވުޑް

ދަރިފުޅުގެ ރޯލަށް ފަހު ފާތިމާ އާމިރްގެ އަންހެނުންގެ ރޯލުން

Jun 11, 2017

ސުޕަސްޓާ އާމިރް ޚާން މެގަސްޓާ އަމީތާބް ބައްޗަނާއެކު ކުޅެން ތައްޔާރުވަމުން އަންނަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު އޭނާ ފެނިގެންދާނީ މަހޭޝް މަތާއީ ޑައިރެކްޓްކުރާ "ސާރޭ ޖަހާސެ އައްޗާ" އިންނެވެ.

ޖައްވަށް ދިޔަ ފުރަތަމަ އިންޑިއާގެ އެސްޓްރޮނައުޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި އޭނާގެ އަންހެނުންގެ ރޯލުން އާމިރާއެކު ފެނިގެންދާނީ "ދަންގާލް" ގައި އޭނާގެ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެންދިޔަ ފާތިމާ ސަނާ ޝައިހް އެވެ. އެ ރޯލު ފާތިމާ އަށް ހުށަހަޅާފައިވަނީ ވެސް އާމިރް އެ ރޯލު އޭނާ އަށް ހުށަހަޅަން ބޭނުން ވުމުންނެވެ.

"ސާރޭ ޖަހާސެ އައްޗާ" ގައި އާމިރްގެ އަންހެނުންގެ ރޯލު ކުޅެން ފާތިމާ ހަމަޖައްސާފައިވާއިރު، އާމިރް ވަނީ އޭނާ ކުރެން "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު އިސްތަށިގަނޑު ވެސް ދިގު ކުރަން އެދިފަ އެވެ.

"ދަންގާލް" ގައި ރެސްލިންތެޅުން ތެރިޔާ ގީތާ ޕޯގަތްގެ ރޯލު ކުޅެން ވެގެން ފާތިމާ ވަނީ ބޯ ކަނދުރާއާ ހަމައަށް ކޮށާލާފަ އެވެ.

މި ފިލްމުގެ އިތުރުން ފާތިމާ، އާމިރާއި އަމީތާބާއާއެކު "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް ފެނިގެންދާނެ އެވެ.

ހިންދީ ސިނަމާގެ ތާރީހުގައި އުފެއްދި އެންމެ ކާމިޔާބު ފިލްމު، "ދަންގާލް" އިން އާމިރާއެކު ބޮލީވުޑަށް ތައާރަފުވެ ފާތިމާގެ ކެރިއަރު ވަނީ ހީނުކުރާ ބާރުމިނުގައި ކުރިއަށް ދާން ފަށާފަ އެވެ. އޭނާގެ ފުރަތަމަ ތިން ފިލްމު ވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރި، އާމިރާއެކު ކުޅެން ލިބުމަކީ ފާތިމާގެ ފިލްމީ ކެރިއަރު ކުރިއަތް އޮތް ތަނުގައި ވިދާލާނެކަން ޔަގީންވާ ކަމެކެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާގެ ރޯލު ފާތިމާ އަށް ހުށަހެޅުމާއެކު އޭނާގެ ފިލްމީ ކެރިއަރު ބިނާ ކުރަން އާމިރް އެހީވަމުން އަންނަ ކަމުގެ އަޑުތައް އޮތީ އަރާފަ އެވެ. އަދި "ސާރޭ ޖަހާސެ އައްޗާ" އިން ވެސް ރޯލު ފާތިމާ އަށް ހޯދައިދިނީ އާމިރް ކަމަށްވެ އެވެ.