ހިންދީ ފިލްމުތަކާއި ބޮލީވުޑްގެ ތަރިންނަށް ދޭ އެންމެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެވޯޑްސް (އައިފާ) މި އަހަރު ބާއްވަނީ އެމެރިކާގެ ނިއުޔޯކްގަ އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އެވޯޑް ހަފްލާ ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.
ބޮލީވުޑްގެ ނަން މަޝްހޫރު ހުރިހާ ތަރިންނާއެކު މުޅި ބޮލީވުޑް އެއްތަންވާ މި އެވޯޑް ހަފްލާއަކީ ކޮންމެ އަހަރަކު ވެސް މުނިފޫހިފިލިވުމުގެ އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދާ ހަފްލާ އެކެވެ.
އައިފާ އެވޯޑްސް ހާއްސާވާ އެންމެ ބޮޑު އެއް ސަބަބަކީ އިންޑިއާއިން ބޭރުގައި މި އެވޯޑް ހަފްލާ ކުލަ ގަދަކޮށް ބޭއްވުމެވެ.
ކޮންމެ އަހަރަކު މި އެވޯޑް ހަފްލާ އެންމެ ބޮޑަށް ފަޅުފިލުވައިދޭ އެއް ތަރިއަކީ ސުޕަސްޓާ ޝާހްރުކް ޚާން އެވެ. ކުރިން މި އެވޯޑް ހަފްލާ ބައެއް އަހަރުތަކުގައި ހުށަހަޅައި ވެސް ދީފައިވާ ޝާހްރުކަށް މި އަަހަރުގެ އެވޯޑް ހާފްލާގައި ބައިވެރި ނުވެވޭނެ ކަމަށްވެ އެވެ.
ސަބަބެއް ކަމަށް ވަނީ ޝާހްރުކްގެ އޮގަސްޓް މަހު ރިލީޒް ކުރާ ފިލްމު، "ޖަބް ހެރީ މެޓް ސޭޖަލް" ގެ ޕްރޮމޯޝަންތަކުގައި ބިޒީ ވުމާއި އޭނާގެ ދޮށީ ދަރިފުޅު އާރިޔަންގެ އޮޕަރޭޝަނެއް ކުރަން އިނގިރޭސި ވިލާތަށް ދާން ޖެހުމެވެ.
ސްކޫލުގައި ފުޓްބޯޅަ ކުޅެނިކޮށް ވެއްޓި އާރިޔަންގެ ނޭފަތް ބިންދައިގެން ގޮސް މިހާރު ފަރުވާ ހޯދަމުން އަންނައިރު، އޭނާ ބެލި ޑޮކްޓަރުން ވަނީ ނޭފަތުގެ އޮޕްރޭޝަނެއް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.
އާރްޔަންގެ އޮޕްރޭޝަން ވެސް ކުރާނީ އަންނަ މަހުގެ މެދުތެރޭގަ އެވެ. އެގޮތުން ދަރިފުޅު އޮޕަރޭޝަން ކުރާ ވަގުތު އެތާ ހުރުމުގެ ބަދަލުގައި އެވޯޑް ހަފްލާގައި ބައިވެރިވާން އޭނާ ބޭނުން ނުވަނީ އެވެ.