އެމެރިކާ

އެމެރިކާގެ ސްޓޭޓަކަށް ވާން ފެނޭތޯ ޕޯޓޯ ރިކޯ މީހުން ވޯޓްލާން ފަށައިފި

Jun 11, 2017

އެމެރިކާގެ ދަށުގައި އޮންނަ ކެރީބިއަންގެ ޖަޒީރާއެއް ކަމަށްވާ ޕޯޓޯ ރިކޯއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމަށް ވާން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އެ ރަށު މީހުން ވޯޓްލާން ފަށައިފި އެވެ.

ޕޯޓޯ ރިކޯ މީހުން މިފަދަ ވޯޓެއް ލާން ފަށާފައި މިވަނީ އިގުތިސާދީ ގޮތުން އެރަށަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެރަށުގެ ދަރަނި 70 ބިލިޔަން ޑޮލަރަށް އަރާފައި ވާއިރު ވަޒީފާނެތް މީހުންގެ ނިސްބަތް އޮތީ 45 ޕަސެންޓްގައެވެ. އެރަށުގެ ސްކޫލްތަކުގެ ނަތީޖާ އިންތިހާއަށް ދަށް ވެފައި ވާއިރު ޕެންޝަނާއި ސިއްހީ ނިޒާމު ވަނީ ބޮއްސުންލާފައެވެ. އެހުރިހާ ކަމެއް އެގޮތަށް ހުއްޓާ އެމެރިކާގެ ސްޓޭޓަކަށް ވާން އެރަށު މީހުން ފާސްކޮށްފި ނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ސަރުކާރަށް އެކަން ވަރަށް ބޮޑު މައްސަލައަކަށް ވާނެއެވެ،'

ޕޯޓޯރިކޯއަށް އެމެރިކާ އިން ވެރިވެ ގަތީ 1898 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ވެސް މާބޮޑު ހަމަޖެހުމެއް ނުލިބި އޮތް އެރަށް ބަންގްރޫޓްވެފައިވާކަން އިއުލާން ކުރީ މިދިޔަ މަހުއެވެ. އެއީ އެމެރިކާގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު މުނިސިޕަލް ބޭންކްރަޕްސީއެވެ.

ޕޯޓޯ ރިކޯގެ ބައެއްް ރައްޔިތުން ދެކޭ ގޮތުގައި އެފަދަ ހާލެއްގައި އެރަށް އޮއްވައި އެމެރިކާގެ ސްޓޭޓަކަށް އެރަށް ވާކަށް ސަރުކާރުން ފުރުސަތެެއް ނުދޭނެއެވެ.

"ސްޓޭޓަކަށް ނުވެވުނު މިދިޔަ 120 އަހަރުވެސް. މި ބަންގްރޫޓްވެފައިވާ ރަށް ސްޓޭޓަކަށް ހަދަން ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަންނަވަންވީ ކީއްވެ؟ އެކަން ވުމުގެ ކުރިން އަދި 120 އަހަރު ހޭދަވާނެ،" އުމުރުން 66 އަހަރުގެ މިރިއަމް ގޮންޒާލެޒް ރޮއިޓާސް އަށް ބުނެފައި ވެއެވެ.