ވިޔަފާރި

ސްމާޓް ސިޓީއަކަށް ހުޅުމާލެ ހަދަން އުރީދޫން މަޝްރޫއެއް ފަށައިފި

Jun 11, 2017

އުރީދޫގެ އިސް ނެގުމަކާއެކު ހުޅުމާލެ ސްމާޓް ސިޓީއަކަށް ހަދަން، ޔޫއެންޑީޕީ ގުޅިގެން ބޮޑު މަޝްރޫއެއް މިއަދު ފަށައިފި އެވެ.

ޒުވާނުންގެ ސިޓީގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރާ ހުޅުމާލޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ޔޫއެންޑީޕީގެ ރެސިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ ވިދާޅުވީ އުރީދޫ ފަދަ ކުންފުންޏަކާއެކު މިފަދަ މަޝްރޫއެއް ފެށިގެން ދިއުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މިކަން ކުރިއަށް ގެންދިއުމުގައި އުރީދޫން ދޭ ފައިނޭޝަލް ސަޕޯޓު އަޅުގަނޑުމެން ފާހަގަކޮށް އުރީދޫއަށް ޝުކުރު އަދާކުރަން،" ޝޯކޯ ވިދާޅުވި އެވެ.

އުރީދޫގެ އިސްނެގުމަކަށް ހުޅުމާލޭގައި ކުރިއަށް ގެންދާ މި މަޝްރޫއަށް އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓެއް ކުރާނެ އެވެ. އުރީދޫ އާއި ޔޫއެންޑީޕީއިން ވެފައިވާ ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން، އިންސާނީ ތަރައްގީ އާއި ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި، ކުރީއްސުރެ އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ އެވެ.

ސްމާޓް ސިޓީޒް މަޝްރޫއަކީ، އުފެއްދުންތެރި، ސްމާޓް ސޮލިއުޝަން ތަކެއް މެދުވެރިކޮށް ދިރިރުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްނަގައިގެން ކުރާ މަސައްކަތެކެވެ. މިގޮތުން، މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ، ހުޅުމާލެ ސްމާޓް ސިޓީއެއް ގޮތުގައި ތަރައްގީޤީކުރަމުންދާއިރު، ތައާރަފްކުރެވޭ ހުރިހާ ޓެކްނޮލޮޖީތަކާއި ސްމާޓް ހައްލުތަކަކީ ހުޅުމާލޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ފޯރުކޮށްދެވޭ ހިދުމަތްތަކެއްކަން ޔަގީންކުރުމާއެކު އެވެ. މި ޕްރޮޖެކްޓްގެ ދަށުން މިއަހަރު ތެރޭގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގެ މުޖުތަމައު ތެރޭގައި އިތުރަށް ގުޅުން ބަދަހިކޮށް އިޖްތިމާއީ ރޫހު އާލާކުރުން، އަދި އޯޕަން ޑޭޓާ މެދުވެރިކޮށް ހުޅުމާލެ ތަރައްގީކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ވެސް ހިމެނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ސްމާޓް ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުމުގެ ފެންވަރާއި ހިދުމަތްތަކަށް ގިނަ ބަދަލު ތަކެއް ގެނެވިދާނެ ކަމަށެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުގައި، އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާ ތަރައްގީ ކުރުމުގައި ސްމާޓް ޓެކްނޮލޮޖީގެ ދައުރު ދަނީ ފުޅާވަމުން. ހަމައެއާއި އެކު، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޓެކްނޮލޮޖީގެ ދައުރުގެ މުހިންމުކަން ވަނީ އެނގިފަ. އަޅުގަނޑުމެންގެ އަމާޒަކީ، ޓެކްނޮލޮޖީ މެދުވެރިކޮށް ރައްޔިތުންގެ ޙަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ އަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބަސްވެފައިވާ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ކަމަށްވާ ޖީއެސްއެމްއޭގައި ހިމެނޭ މޮބައިލް އޮޕަރޭޓަރެވެ