އުރީދޫ

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް ހަތް ވަނަ ދުވަހުގެ ރޭ

އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ މީހުންނަށް އޮންލައިންކޮށް ނުވަތަ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. އުރީދޫން ބުނި ގޮތުގައި ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ހިއްސާދާރުންނަށެވެ.

މީގެ އިތުރުން އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ މީހުންނާއި އޮންލައިންކޮށް ބައިވެރިވާ މީހުންނަށް އެ މައުލޫމާތު މާޗް ހަ ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އަންގާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނި ގޮތުގައި ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާ ކޮށްފައިވާ މީހުންނަށް ޖަލްސާގައި ބައިވެރިވެވޭނީ ހުޅުމާލެ ސެންޓްރަލް ޕާކް އިންނެވެ. އަދި އޮންލައިންކޮށް ބައިވެރިވާ މީހުންނަށް ޖަލްސާގައި ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗް ފަސް ވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާކުރާ މީހުންނަށެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާޣައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރާނެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރާނެ އެވެ. އަދި މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޓުގެ ގޮތުގައި ބަހާނެ އަދަދު ކަނޑައަޅައި ފާސްކުރާނެ އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓްރީވެފައިވާ މީހުންނަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ.