ކުޅިވަރު

ތިން މަހަށް ފަހު ކުޑަހީނާ ވެލެންސިއާގެ ޕްރެކްޓިހަށް

Jun 11, 2017

ވެލެންސިއާގެ މަސައްކަތާ ދުރުގައި ހުރި، އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓާ އިސްމާއިލް އާސިފް (ކުޑަ ހީނާ) ތިން މަހަށްފަހު ޓީމުގެ ފަރިތަކުންތަކަށް ނުކުންނަން ފަށައިފި އެވެ.

މިދިޔަ އަހަރު، އެފްއޭކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އަށް ހޯދައދިން، ކުޑަ ހިނާ ވެލެންސިއާގެ މަސައްކަތްތަކުން ގެއްލުމުން، ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ނަމަވެސް، ވެލެންސިއާގެ ހެޑްކޯޗް މަސްއޫލިއްޔަތު އުފުލާ އަހްމަދު މުޖުތަބާ (ފެސްކޯ) ބުނީ، ކުޑަ ހީނާ ދުރަށް ޖެހިލީ، ބަލިވެ އުޅުމުން ކަމަށެވެ.

ކުލަބުގެ މަސައްކަތްތަކާ ދުރުގައި ހުންނަން ކުޑަހިނާ އަށް "މަޖުބޫރު ކުރުވީ" ގޭސް ސްޓްރިކް މައްސަލަ އާއި އޭނާގެ ބުރަކަށީގައި އުފެދިފައިވާ ސިސްޓެއްގެ އުނދަގުލާ ހުރ އެވެ.

ނަމަވެސް، މިދިޔަ މަހު، އޭނާ ވަނީ ތައިލެންޑްގައި، އޭނާގެ ބައްޔަށް ފަރުވާ ހޯދާފަ އެވެ. އަދި އޮޕަރޭޝަން ކުރުމަށްފަހު ސިސްޓްވެސް ވަނީ ނަގާފަ އެވެ.

"މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެ، މަސައްކަތަށް ނިކުންނަށް ޑޮކްޓަރުގެ އިއުތިރާޒެއް ނެތުމުން، މަސައްކަތަށް މި ނިކުތީ، މިހާރު އަށެއްކަ ދުވަސް ވެއްޖެ، ޕްރެކްޓިހުގައި ބައިވެރިވާތާ." އަވަސް އަށް ކުޑާ ހިނާ ބުންޏެވެ.

އޭނާ އެނބުރި ޓީމަށް އައިއިރު، ވެލެންސިއާ އަށް މާލޭ ލީގްގެ ގަދަ ހަަތަރެއްގެ ޖާގަ ޔަގީން ނުވުމުން، ވަނީ ދިވެހި ޕްރިމިއާ ލީގްގެ ޖާގަ ގެއްލިފަ އެވެ. މިއީ އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާއަށް ކުރިމަތިވި ބޮޑު މައްސަލައެކެވެ.

ވެލެންސިއާއިން ސީޒން ފެށީ، ހަތަރު މީހުން އެކުލެވޭ ކޯޗިން ޓީމަކާއެކު އެވެ. ޓީމު ޓްރެއިނިންތައް ކުރިއަށް ގެންދިޔައީ ކުޑަ ހީނާ އެވެ. ނަމަވެސް ކުޑަ ހީނާ ޓީމާ ދުރުވުމުން، ޓީމުގެ ޕްރެކްޓިހުގައި އިސްކޮށް އުޅެނީ، ހެޑްކޯޗް ފެސްކޯ އެވެ.

"ދެން ދިވެހި ލީގުން ފުރުސަތު ނުލިބޭނެ، މިހާރު މިއޮތީ، ޓީމު ފުރަތަމަ 11 ގައި ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް، މުޅި ކޯޗިން ޓީމު އެކުގައި އަނެއްކާވެސް މަސައްކަތް ކޮށް، ހުރި މައްސަލަތައް ދެނެގަނެ، މާލޭ ލީގްގައި ވެސް ރަނގަޅު ހިސާބަކަށް ދެވޭނެ." ހީނާ ބުންޏެވެ.

މިއަހަރު އޭއެފްސީ ކަޕް ޕްލޭއޮފް ކުޅުނު ވެލެންސިއާ ޓީމު، ބޫޓާނަށް ދިޔައިރު، ކުޑަ ހީނާ ނުދެ އެވެ. އޭނާ ބުނީ ބޫޓާނަށް ނުދިޔައީ، އެދުވަސް ވަރު ބޫޓާންގެ ފިނިކަން ގަދަ ވުމުން، އޭނާ އަށް އިތުރަށް އުނދަގުވާނެ ތީ ކަަމަށެވެ.