ބޮލީވުޑް

އާ ފިލްމުގައި ފަރްހާނަށް އެކަނިވެރި ބައްޕައެއްގެ ރޯލް

Jun 12, 2017

މޯހިތު ސުރީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު "ހާފްގާލްފްރެންޑް" އަށް ފަހު ތައްޔާރުވަމުން އަންނަނީ ބައޮޕިކެއް އުފެއްދުމަށެވެ. ކާމިޔާބު ލޯބީގެ ފިލްމުތައް ކަމަށްވާ "އާޝިގީ 2" އާއި "އޭކްވިލަން" އުފައްދާފައިވާ މޯހިތު އުފައްދާ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ކަމަށް ވަނީ ފަރްހާން އަހްތަރެވެ.

ފަރްހާން ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އެކަނިވެރި ބައްޕަ އަކާއި ޅަ ކުއްޖެއްގެ ދެމެދުގައި އޮންނަ ގުޅުން ފެނިގެންދާ ފިލްމެކެވެ.

ހަބަރުތައް ބުނާގޮތުން މި ފިލްމުގެ ލީޑްރޯލަށް ފަރްހާން ހަމަޖައްސައި، ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ހަށިގަނޑުގެ މަސްތައް ވަރުގަދަކުރަން ފަށާފަ އެވެ. މި ފިލްމުގައި ފަރްހާން ފެނިގެންދާނެ ކަމަށް ވަނީ ތަފާތު ދެ އުމުރެއްގެ ރޯލުންނެވެ. އެއީ އޭނާގެ ޒުވާން އުމުރުގައި އާއި ދަރިޔަކު ލިބި އޭނާގެ މެދު އުމުރުގައި ބައްޕައެއްގެ ރޯލުންނެވެ.

މޯހިތު ވަނީ އޭނާގެ ފިލްމެއް ކުޅެން ފަރްހާނަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ފަރްހާނަށް ފިލްމުގެ ސްކްރިޕްޓް ކަމުދިޔަ ކަމަށް ބުނެފައިވާއިރު އެ ފިލްމަކީ އެކަނިވެރި ބައްޕައަކު ކުޑަ ދަރިފުޅު ބަލާ ބޮޑުކުރާ ގޮތް ފެނިގެންދާނެ ފިލްމެއް ކަމަށް ވެސް ބުންޏެވެ.

"މިއީ އަހަރެންގެ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް. އަދި ފިލްމުގެ ވާހަކަ އަކީ އަހަރެންގެ ހަގީގީ ދިރިއުޅުމާ ވެސް ވަރަށް ގުޅޭ ފިލްމެއް. އަހަރެންގެ އުމުރުން އަށް އަހަރުގައި މަންމަ މަރުވުމުން، އަހަރެން ބަލައި ބޮޑުކުރީ ބައްޕަ އެކަނި. އެހެންކަމުން މި ފިލްމުގައި ވެސް ފެނިގެންދަނީ އުމުރުން 36 އަހަރުގެ ބައްޕަ އަކު އެކަނިމާ އެކަނި ކުޑަ ދަރިޔަކު ބަލަން ކުރާ ބުރަ މަސައްކަތް" ފިލްމާ ގުޅޭގޮތުން މޯހިތު ބުނެފައިވެ އެވެ.

ބުނެވޭ ގޮތުގައި މި ފިލްމަކީ 1979 ވަނަ އަހަރު އުފެއްދި ހިންދީ ފލްމު " ދަ ޗޭމްޕް" ގެ އަސްލަކަށް ބަލައިގެން، ޒަމާނީ ރަހަތަކެއް ހިމަނައިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމަކީ ފަރްހާން ފެނިގެންދާނެ ދެވަނަ ބައޮޕިކެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ދުވުންތެރިޔާ މިއްކާ ސިންގްގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުގައި އޭނާގެ ރޯލުން ފެނިގެން ގޮސްފަ އެވެ.