ބޮލީވުޑް

ދިހަ އަހަރު ފަހުން ސަލްމާން ބަންސާލީގެ ފިލްމެއް ކުޅެނީ

Jun 12, 2017

ސަލްމާން ޚާން ވަނީ ތާރީހީ ފިލްމުތަކާއި ލޯބީގެ ފިލްމުތައް އުފައްދަން ދެވަނައެއް ނުވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު، "ހަމް ދިލްދޭ ޗުކޭ ސަނަމް" ގައި އައިޝްވާރިޔާ ރާއި އާއި އަޖޭ ދޭވްގަން އާއެކު ފެނިގެން ގޮސްފަ އެވެ.

އެ ފިލްމުގެ ފަހުން ބަންސާލީ އާއި ސަލްމާނާ ދެމެދު މައްސަލަ ޖެހުމުން ވަނީ 2002 ވަނަ އަހަރު ނިކުތް "ދޭވްދާސް" ގެ ލީޑްރޯލު ސަލްމާނަށް ހުށަހެޅުމަށްފަހު އެ ރޯލު ފަހުން ޝާހްރުކް ޚާނަށް ހުށަހަޅާފަ އެވެ. އަދި އޭގެ ފަހުން ސަލްމާނާއި ބަންސާލީ އާ ދެމެދު ޖެހުނު ކުނި ހައްލުވެ، ވަނީ 2007 ވަނަ އަހަރު ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ބޮލީވުޑަށް ނިކުތް "ސާވާރިޔާ" ގެ ކުޑަ ރޯލަކުން ފެނިގެން ގޮސްފަ އެވެ. ނަމަވެސް އަނެއްކާ ވެސް ސަލްމާން އާއި ބަންސާލީގެ ދެމެދުގައި މައްސަލަތައް ޖެހުނީ 2010 ވަނަ އަހަރު ނިކުތް ފިލްމު "ގުޒާރިޝް" ގެ ލީޑްރޯލު ސަލްމާނަށް ހުށަނާޅައި ރިތިކް ރޯޝަނަށް ހުށަހެޅުމުންނެވެ.

"ގުޒާރިޝް" ރިތިކަށް ދިން މައްސަލައިގައި ސަލްމާން ބަންސާލީއާ ވާހަކަ ނުދައްކައި ހުރިއިރު، އެ ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުވީ މިދިޔަ އަހަރު ބަންސާލީ، ސަލްމާންގެ ގެއަށް ގޮސް އޭނާއާ ބައްދަލުކޮށް ވާހަކަ ދެއްކުމުންނެވެ.

އެގޮތުން ބަންސާލީއާއެކު އޮތް ދުވަސްވީ ރުޅިވެރިކަން ނިމުމުން ސަލްމާން ވަނީ އޭނާގެ ފިލްމެއް ކުޅެން ނިންމާފަ އެވެ.

ހަތް އަހަރު ފަހުން ސަލްމާން އޭނާގެ ފިލްމެއްގެ ލީޑްރޯލުން ފެނިގެންދާކަން ބަންސާލީ ސަލްމާނާއެކު ވަރަށް ކުރިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކުރަމުން ވަނީ ޔަގީންކޮށްދީފަ އެވެ.

ބަންސާލީ އާއި ސަލްމާންގެ ރީޔޫނިއަން އެއްގެ ގޮތުގައި ސިފަކުރާ ފިލްމަކީ ޝާއިރީ ލިޔުންތެރިޔާ ސާހިރް ލުދިއަންވީ އާއި އަމްރިތާ ޕްރިތަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާނާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

ސާހިރާއި އަމްރިތާގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާ މި ފިލްމު ޕްރޮޑިއުސްކުރަން ނިންމާފައިވަނީ ބަންސާލީ އާއި ޕްރިޔަންކާ ގުޅިގެންނެވެ.

"ޓައިގާ ޒިންދާހޭ" ސަލްމާން މިހާރު ޝޫޓްކުރަމުން އަންނައިރު ކުރިއަށް ކުޅެން އޭނާ އަށް ގިނަ ފިލްމުތަކަކުން ވަނީ ހުށަހެޅުން ލިބިފަ އެވެ. އަދި ޕްރިޔަންކާ ވެސް ވަނީ އިތުރު ދެ ހޮލީވުޑް ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ.