ބޮލީވުޑް

ޖޯން އަބްރަހަމް ދެން ކުޅޭނީ ލޯބީގެ ފިލްމެއް

Jun 13, 2017

އެކްޓަރު ޖޯން އަބްރަހަމްގެ ފަހުން ރިލީޒްވި ހުރިހާ ފިލްމުތަކަކީ ވެސް އެކްޝަން ފިލްމުތަކެވެ. މިދިޔަ އަހަރު ނިކުތް ޖޯންގެ ތިން ފިލްމު، "ރޮކީ ހޭންޑްސަމް" އާއި "ފޯސް 2" އަދި "ދިޝޫމް" އަކީ އެކްޝަން ތިން ފިލްމެވެ.

އަހަރުތަކެއް ފަހުން އަލުން ޖޯން އަށް ލޯބީގެ ފިލްމަކުން މިވަނީ ފުރުސަތެއް ލިބިފަ އެވެ. "ވެލްކަމް ބެކް" ގެ ޑައިރެކްޓަރު އަނީޒް ބަޒްމީ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީ ފިލްމަކުން ޖޯން އަށް ހުށަހެޅުން ލިބި އޭނާ ވަނީ އެ ފިލްމު ކުޅެން ނިންމާފަ އެވެ.

މި ފިލްމުގައި ޖޯން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ރޯލު ޕަރިނީތީ ޗޯޕްޅާ އަށް ދޭން ފިލްމު އުފައްދާ ފަރާތުން ވާހަކަ ދައްކަމުން އަންނަ ކަމަށްވެ އެވެ.

ނަމަވެސް ޕަރިނީތީ މި ފިލްމު ކުޅޭކަން އޭނާގެ ސްޕޯކްސްޕާސަން ވަނީ ނެރުނު ބަޔާނެއްގައި ދޮގުކޮށްފަ އެވެ.

މި ފިލްމުގެ ޝޫޓިން އޮކްޓޯބަރުގެ މަހުގެ ތެރޭގައި ފަށާނެ ކަމަށްވާއިރު، މި ފިލްމުގައި ޖޯން އާއި ޕަރިނީތީ އެކުގައި ފެނިގެންދާނަމަ މިއީ މިދެތަރިން އެކުގައި ކުޅޭނެ ފުރަތަމަ ފިލްމެވެ.

ޖޯން މިހާރު އަންނަނީ ޑަޔާނާ ޕެންޓީ އާއެކު ކުޅޭ ފިލްމު "ޕޮކްރަން" ގެ މަންޒަރުތައް ނަގަމުންނެވެ. އެ ފިލްމަކީ ޖޯން އަމިއްލަ އަށް ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ކުރިއަށް އޭނާ ތަމަންނާ ބާޓިއާ އާއެކު ކުޅޭ "ޗޯރް ނިކަލްގެ ބާގާ" އާއި އޭނާ ކުޅޭ ފުރަތަމަ ބައޮޕިކްގެ ވެސް ހިމެނެ އެވެ. އެ ފިލްމަކީ އިންޑިއާގެ ހެވީ ވެއިޓް ބޮކްސިން ތެޅުންތެރިޔާ ހަވާ ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.