ބޮލީވުޑް

"ސަޅަކް 2" ގައި ސަންޖޭގެ ދަރިފުޅުގެ ރޯލުން އާލިއާ

Jun 13, 2017

ނަވާރަ ސަތޭކަ ނުވަދިހަ އެކެއްގައި ގައި ނުކުތް ޕޫޖާ އާއި ސަންޖޭގެ "ސަޅަކް" ގެ ދެ ވަނަ ބައެއް އުފެއްދުމާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕޫޖާ ވަނީ ބުނެފަ އެވެ.

"ސަޅަކް" ގެ ލީޑް ރޯލުން ޕޫޖާ އާއި ސަންޖޭ ފެނިގެންދިޔަ ނަމަވެސް "ސަޅަކް 2" ގެ ލީޑްރޯލުތަކުން ފެނިގެންދާނީ ސަންޖޭ އާއި ޒުވާން ބަތަލާ އަދި ޕޫޖާގެ އެއްބަފާ ކޮއްކޮ، އާލިއާ ބަޓް އެވެ. މި ފިލްމުގައި ފެނިގެންދާނީ 20 އަހަރު ފަހުގެ ވާހަކަތައް ކަމަށްވާއިރު، އާލިއާ ފެނިގެންދާނީ ސަންޖޭ އާއި ޕޫޖާ އަށް ލިބިފައި ހުންނަ ދަރިފުޅުގެ ރޯލުންނެވެ.

"ސަޅަކް" ޑައިރެކްޓްކޮށްފައިވަނީ ޕޫޖާގެ ބައްޕަ މަހޭޝް ބަޓް އެވެ. ނަމަވެސް އޭނާ ފިލްމު އުފެއްދުމުގެ މަސައްކަތުން މިހާރު ރިޓަޔާ ވެފައިވީ ނަމަވެސް "ސަޅަކް 2" ގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭނަ އެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ޝްރިޖިތު މުކަރުޖީ އެވެ.

"ސަޅަކް" އަކީ ޓެކްސީ ޑްރައިވަރު (ސަންޖޭ ދަތު) އަށް ޕްރޮސްޓިޓިއުޓެއްގެ ގޮތަށް މަސައްކަތްކުރަން މަޖުބޫރުވެފައިވާ އަންހެނަކު (ޕޫޖާ ބަޓް) ދެކެ ލޯބިވެވި، އޭނާ އެތަނުން ސަލާމަތްކޮށް ދެމީހުން އެކުގައި ފިލައިގެން ގޮސް ދިރިއުޅެން ފަށާ ގޮތް ފެނިގެންދާ ފިލްމެކެވެ. އަދި "ސަޅަކް 2" ގައި އެމިހުން ދިރިއުޅުން 20 އަހަރު ފަހުން ފެނިގެންދާނެ ކަމަށްވާއިރު، މި ފިލްމަކީ 1994 ގައި ނުކުތް ތަމަޅަ ޑްރާމާ "މަހަނާޑީ" ގެ ރިމޭކް އެއް ކަމަށް އަޑު އަރާފަ އެވެ. އެ ފިލްމަކީ ކޮރަޕްޝަނާއި ޗައިލްޑް ޓްރެޕިކިންގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އަދިވެސް މި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ފިލްމުގެ މަސައްކަތް ނުފެށޭނެ ކަމަށް ބެލެވޭ ކަމަށްވެ އެވެ.