ބޮލީވުޑް

"ދޭވްދާސް" 3ޑީ ކޮށް ނެރެނީ

Jun 14, 2017

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު ދޭވްދާސް" ރިލީޒްކުރިތާ އަންނަ މަހުގެ 12 ވަނަ ދުވަހަށް ފަނަރު އަހަރު ފުރޭނެ އެވެ. މި ފިލްމު ރިލީޒްކުރިތާ ފަނަރު އަހަރުވީ ނަމަވެސް އަދިވެސް މި ފިލްމަކީ އެތަކެއް ހާސް ބައެއްގެ މެދުގައި މަގުބޫލު ފިލްމެކެވެ.

ޝާހްރުކް ޚާނާއި އައިޝްވާރިޔާ ރާއި އަދި މާދުރީ ޑިކްޝިޓް ލީޑްރޯލުން ފެނިގެން ގޮސްފައިވާ މި ފިލްމަށް ފަނަރު އަހަރު ފުރުން ފާހަގަކުރުމުގެ ފިލްމު އުފެއްދި ފަރާތުން މިވަނީ ފިލްމުގެ 3ޑީ ވާޝަނެއް ނެރެން ނިންމާފަ އެވެ.

މި ފިލްމު 3ޑީ ކޮށް ބަލާފައިވާ ފިލްމުގައި މަސައްކަތްކުރި ފަރާތަކުން ވަނީ ފިލްމުގެ 3ޑީ ކޮޕީ ވެސް ވަރަށް ފުރިހަމަ ކަމަށް ބުނެފަ އެވެ.

"ދޭވްދާސް" ގެ 3ޑީ ކޮޕީއެއް ނެރުމާ ބެހޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު ބަންސާލީ ވަނީ، ފިލްމުގެ 3ޑީ ކޮޕީއެއް އުފައްދަން އޭނާ އަށް ގަބޫލުކުރެވުނީ ފިލްމުގެ އޮރިޖިނަލް ކޮޕީ ޝޫޓްކުރެވިފައިވާލެއް މޮޅު ކަމުން ކަމަށެވެ. އެހެންކަމުން "ދޭވްދާސް" އަކީ ފަސޭހައިން 3ޑީ ކޮށްލެވުނު ފިލްމެއް ކަމަށް ވެސް ބަންސާލީ ވަނީ ބުނެފަ އެވެ.

މި ފިލްމުގެ 3ޑީ ވާޝަން ބޮޑުކޮށް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށްވާއިރު، ހަބަރުތައް ބުނާގޮތުން މި ފިލްމުގެ 3ޑީ ކޮށް އުފައްދައި ނެރެނީ އިންޓަނޭޝަނަލް މާކެޓަށް ޓާގެޓްކޮށެވެ. ހޮލީވުޑްގެ ސުޕަހީރޯ 3ޑީ ފިލްމުތަކަށް ބޮޑެތި ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އިންޑިއާގައި ބޮޑު ކާމިޔާބީއެއް ލިބުނު ތަމަޅަ ފިލްމު "ބާހުބަލީ" އަށް ވެސް އިންޓަނޭޝަން މާކެޓުގައި ބޮޑު ކާމިޔާބެއް ނުލިބުނީ އެ ފިލްމުގެ 3ޑީ ކޮށް ރިލީޒްނުކުރާތީވެ އެވެ. އެހެންކަމުން ބަންސާލީ ބޭނުންވަނީ 'ދޭވްދާސް" ގެ 3ޑީ ކޮޕީއެއް ނެރެ ބޮޑު ކާމިޔާބީއެއް ބޭރު ގައުމުތަކުން ހޯދުމެވެ.