ދުނިޔެ

ޕެނަމާގެ ކުރީގެ ރައީސް އެމެރިކާގައި ހައްޔަރުކޮށްފި

Jun 13, 2017
1

ޕެނަމާގެ ކުރީގެ ރައީސް ރިކާޑޯ މާޓިނެލީ އެމެރިކާގައި ހައްޔަރުކޮށްފިއެވެ. ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ޖާސޫސް ކުރެއްވުމާއި ޚިޔާނާތުގެ ކުށުގައި ހައްޔަރުކުރުމަށް މާޓިނެލީ ފޮނުވައި ދޭން ޕެނަމާ ސަރުކާރުން އެމެރިކާ ސަރުކާރުގައި އެދުނީ މިދިޔަ އަހަރުއެވެ.

އެމެރިކާގެ މާޝަލްސް ސާވިސްއާ ހަވާލާދީ ބީބީސީ ބުނީ އުމުރުން 65 އަހަރުގެ މާޓިނެލީ ހައްޔަރުކުރީ ފްލޮރިޑާގެ ކޮރަލް ގޭބްލްސް ނަަމަކަށް ކިޔާ ޝަހަރުގައިވާ އޭނާގެ ގޭގެ ކައިރިން ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެމެރިކާގެ ފެޑެރަލް ކޯޓަކަށް އޭނާ ހާޒިރު ކުރާނެ ކަމަށް ވެސް މާޝަލް ސާވިސް އިން ވަނީ ބުނެފައެވެ.

މާޓިނެލީ ޕެނަމާގެ ވެރިކަަން ކުރެއްވީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށެވެ.

ނުފޫޒު ގަދަ 150 މީހަކާ ދެކޮޅަށް ޖާސޫސް ކުރުމަށް ދައުލަތުގެ ފައިސާ ހަރަދުކުރެއްވި ކަމުގެ ތުހުމަތަށް މާޓިނެލީ ހައްޔަރު ކުރުމުގެ އަމުރެއް ޕެނަމާގެ ސުޕްރީމްކޯޓުން ނެރުނީ 2015 ވަނަ އަހަރުއެވެ. އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުގައި ބުނެފައިވާ ގޮތުން އޭނާގެ އަމުރަށް އެބަޔަކާ ދެކޮޅަށް ޖާސޫސް ކުރި މީހުންގެ ތެރޭގައި ސިޔާސީ މީހުންނާއި އެކްޓިވިސްޓުންނާއި ގާނޫނީ ވަކީލުންނާއި ވިޔަފާރިވެރިން ހިމެނެއެވެ.

މާޓިނެލީއާ ދެކޮޅަށް ކުރާ ދައުވާ ތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.