ކުޅިވަރު

ގްރީޒްމަން އެތުލެޓިކޯގެ އެއްބަސްވުން އާ ކޮށްފި

Jun 13, 2017

ދެހާސް ބާވިސް ވަނަ އަހަރާ ހަމަޔަށް، އެތުލެޓިކޯ މެޑްރިޑްގައި މަޑުކަުރަން، ފްރާންސްގެ ފޯވަޑް އެންޓޯން ގްރީޒްމަން އެއްބަސް ވުން އާ ކޮށްފި އެވެ.

މިދިޔަ ސީޒަން ނިމެން ކައިރިވެފައި ވަނިކޮށް، ގްރިޒްމަން ވަނީ އެތުލެތީކޯ މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަ ދައްކާފަ އެވެ. އޭނާ ގެންދަން މަސައްކަތް ކުރަނީ މެންޗެސްޓާ ޔުނައީޓަޑުން ނެވެ. އޭނާ ބުނީ ޔުނައިޓަޑަށް އޭނާ ބަދަލުވުމުގައި އޮތީ 10 ން ހައެއްގެ ފުރުސަތެއް ކަމަށެވެ.

ފަހުން އޭނާ ވަނީ، އެތުލެޓިކޯ ދޫކޮށްލަން އޭނާ ބޭޏުންވާ ކަމަށް ސީދާ ބުނެފަ އެވެ. އޭނާގެ މިވާހަކަ އާ ގުޅިގެން، އެ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި އިތުރަށް ސީރިއަސްކަން އުފެދުނެވެ.

"އަހަރެން މިހުރީ ދާން ތައްޔާރަށް، އަހަރެން ބޭނުން ވަނީ ތަށި ހޯދަން، ހޫނު މޫސުމުގައި އަހަރެންގެ ކުރިމަގު ބިނާ ކުރާނީ އެކަމުގެ މައްޗަށް." ގްރީޒްމަން ބުނެފައި ވެއެވެ.

ނަމަވެސް، މަސްރަހް އެފުށްމިފުށަށް ޖެހުނީ، މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި، އެތުލެޓިކޯއަށް އާ އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ ކަމަށް، ފީފާއިން ނިންމާފައިވާ ނިންމުމަށް ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން ތާއީދު ކުރުމުން ނެވެ.

"މިހާރު ކުރިއަށް ވުރެ ބޮޑަށް އެތުލެޓިކޯގައި." އާ އެއްބަސް ވުމުގައި ސޮއި ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ގްރީޒްމަން ބުނެފައި ވެއެވެ.

ކޯޓްގެ ހުކުމަށްފަހު، ފްރާންސްގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން، ގްރީޒްމަން ބުނީ، މިވަގުތު އެތުލެޓިކޯ ދޫކޮށްލުމަކީ ހަޑިކަމަކަށް ވާނެ ކަމަށެވެ.

"ކޯޓުގެ ހުކުމް އައިސްފައި އެއޮތީ، އެތުލެޓިކޯއަށް އާ ކުޅުންތެރިން ނުގެނެވޭނެ ކަމަށް، އަހަރެންގެ ކުޅިވަރުގެ އެޑްވައިޒަރު، އެރިކް އޮލްހެޓްސް އާއި އަހަރެން މަޝްވަރާ ކުރުމަށްފަހު، އަހަރެމެން ނިންމީ [އަހަރެން] އެތުލެޓިކޯގައި މަޑު ކުރަން، މިއީ ކުލަބަށް އުނދަގޫ ވަގުތެއް، މިވަގުތު އަހަރެން ޓީމު ދޫކޮށް ލައިފިނަމަ އެ ވާނީ ވަރަށް ހަޑި ކަމަކަށް." ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން، ގްރީޒްމަން ބުނެފައި ވެއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގެނައުމުގައި ފީފާގެ ގަވައިދާ ހިލާފަށް އަމަލުކޮށްފައި ވާތީ، ފީފާއިން ވަނީ އެތުލެޓިކޯ މެޑްރިޑާއި ވާދަވެރި ރެއާލް މެޑްރިޑްވެސް ޓްރާންސްފާ ދެ ޕީރިއަޑްގައި އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

ނަމަވެސް، ރެއާލް މެޑްރިޑުން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި، އިސްތިއުނާފް މައްސަލަ އެޓީމަށް ކާމިޔާބު ވުމުން، މި ޓްރާންސްފާ ޕީރިއަޑްގައި ރެއާލް އަށް ކުޅުންތެރިން ގެނެވޭނެ އެވެ.

ރެއާލުން ވަނީ، ލޯން އެއްބަސްވުމެއްގެ ދަށުން، ޖަރުމަންގެ ފްރޭންކްފާޓަށް ދޫކޮށްފައިވާ ޖީސަސް ވަލޭހޯ އަލުން އެ ޓީމަށް ގެނެސްފަ އެވެ. ސެންޓްރަލް ޑިފެންޑަރަަކަށް ކުޅޭ ވަލޭހޯ އަލުން ޓީމަށް ގެނައީ، ޕެޕޭ ދޫކޮށް ލުމަށްފަހު އެވެ.