ހަބަރު

ރާއްޖެއިން ހިމަބިހި ނައްތައިލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ ކަނޑައަޅައިފި

Jun 13, 2017
1

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ ބައްޔެެއް ކަމަށްވާ މީސުލްސް ( ހިމަބިހި) ރާއްޖެއާއި ބޫޓާނުން މުޅިން ނައްތައިލެވިއްޖެ ކަަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފިއެވެ.

ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެބަލި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން މީހަކަށް ރާއްޖޭން އެބަލި ޖެހިފައި ނުވާތީ އަދި 2012 ވަނަ އަހަރުން ފެށިގެން ބޫޓާނުން މީހަކަށް އެބަލި ޖެހިފައި ނުވާތީއެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރުއެވެ. އަދި ބޫޓާނުގައި އެމަސައްކަތް ފެށީ 1976 ވަނަ އަހަރުއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިން ވިދާޅުވީ ރާއްޖެއާއި ބޫޓާނުން މީސުލްސްއަށް ވެކްސިން ދެެވޭ މިންވަރު މަތިކޮށް ދަމަހައްޓާފައި ވަނީ ޖިއޮގްރަފީގެ ގޮތުން ހުރި ދަތިތަކާ ވެސް އެކުގައި ކަމަށެވެ. އަދި އެންމެ ފަހު ކޭސްއާ ހަަމައަށް ލެބޯޓްރީ ޓެސްޓްތަކުގެ އެހީގައި ބައްޔަށް ވާނުވާ ބެލުމުގައި ކޮށްފައިވާ މަަސައްކަތަށް އޭނާ ވަނީ ތައުރީފުކުރައްވާފައެވެ.

"މިބޮޑު ކާމިޔާބީ ހޯދުނީ ސިޔާސީ ގޮތުންް ދިން ވަރުގަދަ އެއްބާރުލުމާއި ސިއްހީ އެހީތެެރިންނާއި އޮފިޝަލުން ގުޅިގެން ކުރި ވަރުގަދަ މަސައްކަތުން، މިއީ ސަރަހައްދުން މީސުލްސް ނައްތާލައި ރުބެއްލާ ކޮންޓްރޯލް ކުރުމަށް ލިބުނު ހިތްވަރެއް،" ޑރ. ޕޫނަމް ކެތުރަޕާލް ސިން ވިދާޅުވި ކަމަށް ހިންދުސްތާން ޓައިމްސް ނޫހުން ބުންޏެވެ.

ދެގައުމުން މީސުލްސް ނައްްތައިލެނުވު ކަމަށް ވިޔަސް ސަރަހައްދުގެ ގައުމުތަކުން ބަލި އަލުން އެތެރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.