އަލިރަސްގެފާނު ޒިޔާރަތްތެރެ ކޮންނަނީ ޝަހީދު އަލީ ހިނގުމުގައި ހެދޭ ފެން ހިންދަން އެތަނުގައި ޕަމްޕް ސްޓޭޝަނެއް ގާއިމް ކުރަން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ޝަހީދު އަލީ ހިންގުމުގައި ފެން ހިންދުމަށްޓަކައި ގާއިމްކުރާ ޕަމްޕް ތަކުގެ ތެރެއިން އެއް ޕަމްޕް ބަހައްޓާނީ އަލިރަސްގެފާނު ޒިޔާރަތުގެ ތެރޭގައި ކަމަށާއި އެތަނުގައި މިހާރު ކުރިއަށް ދަނީ އެމަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ ހެރިޓޭޖް ޑިޕާރްޓްމެންޓްގެ އެއްބާރުލުމާއި އިރުޝާދުގެ ދަށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދަނީ އެތަނުގައިވާ އެއްވެސް ތާރީހީ އެއްޗަކަށް އުނިކަމެއް ނުވަތަ ގެއްލުމެއް ނުވާ ގޮތަށެވެ.
"ޕަމްޕްގެ މަސައްކަތް ކުރިއަށްދަނީ ހެރިޓޭޖާ ގުޅިގެން. އެހެން ކަމުން އެތަނުގައި ބަހައްޓާ ޕަމްޕުން އެއްވެސް ގެއްލުމެއް އެތަނުގައި ހުރި ތަރީހީ އެއްޗެއްސަކަށް ނުކުރާނެ. ޕަމްޕް ސްޓޭޝަން ގާއިމް ކުރަނީ ބިމު އަޑީގައި. އެހެން ކަމުން ބިމުން މައްޗަށް އެއްވެސް އެއްޗެއް ފެންނާކަށް ނުހުންނާނެ" މިނިސްޓަރު ވިދާޅުވި އެވެ.