ސިއްހަތު

ލުނބޯ ޖޫހަކީ ބަނޑު ހިންދަން ޖާދުލެއްތަ؟

Apr 10, 2015

ބަނޑުގައި ޖަހާފައި ހުންނަ މަސްތައް ދުއްވާލަން އަޒުމު ކަނޑަައަޅައިފި ނަމަ އެއީ ސިއްހަތަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. ބަނޑުގައި މަސްޖަހާފައި ހުރުމަކީ ޓައިޕް-2 ޑައެބެޓީސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަކަށް ވާތީ އެވެ. ބަނޑުގައި ހުންނަ މަސްތައް ވިރުވާލަން ލުނބޯގެ ބޭނުން އެކި ގޮތްގޮތަށް ހިފުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. އެކަމަކު ހަގީގަތަކީ ލުނބޮޔަކީ މިކަމަށް އާދަޔާ ހިލާފް މޮޅު އެއްޗެއް ނޫންކަމެވެ.

އެއްވެސް ކާނާއަކުން ބަނޑުގައި ހުންނަ ފެޓް އާދަޔާ ހިލާފް ގޮތަކަށް ވިރުވާލައެއް ނުދެ އެވެ. ހަށިގަނޑުގެ ފެޓް މަދުވާނީ ހަށިގަނޑަށް އެތެރެވާ ކެލަރީ އަށް ވުރެ އަންދާ ކެލަރީ އިތުރު ކުރެވިގެންނެވެ. ކުރުކޮށް ބުނާ ނަމަ، އެތެރެވާ އެއްޗަކަށް ވުރެ ބޭރުވާ އެއްޗެހި ގިނަވެގެންނެވެ. ބަނޑު ހިންދުމަށް ލުނބޯ ބޭނުންކުރާ މީހުން ގިނަ ނަމަވެސް ހަގީގަތަކީ ހަށިގަނޑުގެ ވަކި ތަނަކުން ފެޓް ވިރުވަ ދޭނެ ކާނާއެއް ނުހުންނާނެ ކަމެވެ. ލުނބޯ ޖޫހުން ކެލަރީ އަންދަނީއެއް ނޫނެވެ. އެކަމަކު ކެލަރީ އެތެރެވާ މިންވަރު މަދުކުރުމަށް އެހީވެދެ އެވެ. ލުނބޮއެއް ހަތަރު ފަޅިއަށް ފަޅާލާފައި އޮންނަ އިރު އެއިން ކޮންމެ ފަޅިއެއް އެއީ އެންމެ ކެލަރީއެކެވެ. އެހެންވެ ލުނބޯ ޖޫހަކީ އެހެން ޖޫސްތަކަށް ވުރެ ކެލަރީ އެތައް ގުނައެއް މަދު އެއްޗަކަށް ވުމުން ކެލަރީ ދަށްކުރުމަށް އެހެން ޖޫސްތަކަށް ވުރެ ރަނގަޅެވެ.

ބަނޑުގައި ގޭސް އުފެދުން ލުނބޯ ޖޫހުން ކުޑަކޮށްދެ އެވެ. އެއާ އެކު މިއީ ކުޑަކަމު ދިއުން އަވަސްކުރުވާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މާނަ އަކީ ސެލްތަކުން ފެނުގެ ބައި ދަމައިގަތުމެވެ. އެހެން އަވަސް އަވަހަށް ކުޑަކަމުދާން މެދުވެރިވެ އެވެ. އަދި ހަމަ އެއާ އެކު ބޮޑުކަމު ދެވޭ ވަރު ވެސް އިތުރުވެ އެވެ. ނަތީޖާ އަކީ ހަށިގަނޑުން ފެން ބޭރުވުން އިތުރުވެ ހަށިގަނޑު ހިކިކޮށް ފެނުމެވެ. ހަށިގަނޑުން ފެން މަދުވުމަކީ ސިއްހަތަށް ރަނގަޅު ކަމެއް ނޫނެވެ.

މީގެ ކުރިން ބެލެވިފައި އޮންނަނީ ލުނބޯ ޖޫސް ބުއިމުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އިތުރުވާ ކަމަށެވެ. މެޓަބޮލިޒަމް ރޭޓް މައްޗަށް ދިއުމުން ހަށިގަނޑު ހިކުމަށް އެހީއަކަށްވެ އެވެ. އެކަމަކު ފަހުގެ ހޯދުންތަކުން ދައްކަނީ މެޓަބޮލިޒަމް އިތުރުވަނީ ލުނބޯގެ ސަބަބުން ނޫންކަމެވެ. ލުނބޯ ޖޫހުގައި ގިނައީ ފެން ކަމަށް ވުމުން މެޓަބޮލިޒަމް އިތުރުވުން ގުޅިފައި ވަނީ ފެނަށެވެ. މިކަން ހާމަކޮށްފައި ވަނީ ޖާނަލް އޮފް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމް ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގަ އެވެ. އެ ދިރާސާ އިން ދައްކާފައިވާ ގޮތުގައި 500 މިލިލީޓަރުގެ ފެން ބުއިމަށް ފަހު އަންހެނުން އަދި ފިރިހެނުންގެ ހަށިގަނޑުގައި ވެސް، ޖެހިގެން އަންނަ ގަޑިއެއްހާއިރު ތެރޭ މެޓަބޮލިޒަމް އިތުރުވެ ކެލަރީ އަންދާވަރު ގިނަވެ އެވެ. އެހެންވެ ހިކުމުގެ ނިޔަތުގައި ލުނބޯ ޖޫސް ބުއިމެކޭ ފެން ބުއިމެކޭ ތަފާތެއް ނެތެވެ.

ލުނބޮޔަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ ޖުމްލަކޮށް ބަލާއިރު ހަށިގަނޑަށް ފައިދާހުރި މާއްދާއެކެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގައި ފެޓް އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާއެކެވެ. ޖާނަލް އޮފް ދި އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ހަށިގަނޑުގައި ވިޓަމިން ސީ ހުންނަންޖެހޭ ވަރަށް ހުންނަ މީހުން ކަސްރަތު ކުރުމުން ފެޓް އަންދާ މިންވަރު، ވިޓަމިން ސީ މަދު މީހުންނަށް ވުރެ 30 ޕަސެންޓް އިތުރުވާ ކަމަށެވެ.

ލުނބޮޔަކީ ޕެކްޓިން ކިޔާ ފައިބައެއް ވެސް ގިނަ މޭވާއެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ހަކުރުގެ ބައި މައްޗަށް ދިއުން ލަސްކުރުވާ މާއްދާއެކެވެ. އެހެންވެ ވިޓަމިން ސީ އާއި ޕެކްޓިން އަކީ ވެސް ހިކެން ބޭނުންވާ މީހަކަށް ރަނގަޅު ދެ މާއްދާ އެވެ.

އެހެންވެ ހިކުުމުގެ މަސައްކަތް ފަށާ މީހާ ކޮންމެހެން ލުނބޮޔަށް އިސްކަން ދޭކަށް ނުޖެހެ އެވެ. ބެލް ޕެޕާ އާއި ކިވީ އާއި ބްރޮކޮލީ އާއި ފަޅޮލާއި ސްޓްރޯބެރީ އަކީ ވެސް ވިޓަމިން ސީ އިން މުއްސަނދި ބާވަތްތަކެވެ. އަދި އާފަލާއި އޮރެންޖާއި ގްރޭޕް ފުރުޓަކީ ޕެކްޓިން އިން މުއްސަނދި މޭވާތަކެވެ. އެހެންވެ ވިޓަމިން ސީ އާއި ޕެކްޓިން ލިއްބައިދޭ ތަރުކާރީ އާއި މޭވާ ބޭނުންކުރާ ނަމަ ލުނބޯ ކޮންމެހެން މުހިންމެއް ނޫނެވެ.