ބޮލީވުޑް

މިދިޔަ އަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޝާހްރުކަށް

Jun 14, 2017

ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާންމުކުރާ ދުނިޔޭގެ އެންމެ އަގުބޮޑު ތަރިންގެ މިދިޔަ އަހަރުގެ ލިސްޓު މިވަނީ އާންމުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން މި އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އެންމެ ބޮޑު އާމްދަނީ ލިބުނު 100 ތަރިންގެ ލިސްޓު މިވަނީ އިއްޔެ އާންމުކޮށްފަ އެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި، ލަވަކިޔުންތެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން މި ލިސްޓުގެ ކުރީގެ ޖާގަތައް ހޯދާފައިވާއިރު، ބޮލީވުޑްގެ ތަރިންގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ހިމެނިފައިވަނީ ޝާހްރުކް ޚާން އާއި ސަލްމާން ޚާން އަދި އަކްޝޭ ކުމާރު އެކަންޏެވެ.

ސަތޭކަ ތިރީސް މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިގެން މަޝްހޫރު ރެޕާ ޑިޑީ މި ލިސްޓުގެ އެއްވަނައިގައި ހިމެނުނުއިރު، ޝާހްރުކް ހިމެނިފައިވަނީ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 38 މިލިއަން ޑޮލަރު ލިބިގެން ލިސްޓުގެ 65 ވަނައިގަ އެވެ. ޝާހްރުކަށް ވުރެން އެއް މިލިއަންގެ މަދު އާމްދަނީ އެއް ސަލްމާނަށް ލިބުނި ނަމަވެސް އޭނާ އަށް މި ލިސްޓުގައި ލިބިފައިވަނީ ޝާހްރުކަށް ވުރެން ހަ ދަރަޖަ ދަށްކޮށެވެ.

ޝާހްރުކަށް އިންޑިއާގެ އެންމެ އަގު ބޮޑު އާމްދަނީއެއް ލިބޭ ފިލްމީ ތަރީގެ ގޮތުގައި މި ލިސްޓުގައި ހިމެނުމާ ގުޅިގެން ފޯބްސްއިން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ރިލީޒްވި އޭނާގެ ފިލްމު "ރައީސް" ކުޅެގެން ލިބުނު އާމްދަނީގެ އިތުރުން ފިލްމަށް ލިބުނު ފައިދާއިން ވެސް އޭނާ އަށް ބައެއް ލިބިފައިވާ ކަމަށެވެ. އަދި ޝާހްރުކަކީ ގިނަ ބްރޭންޑްތަކެއް އެންޑޯޒްކުރާ ތަރިއަކަށް ވުމުން އިޝްތިހާރުތައް ކުޅެގެން އޭނާ އަށް ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ދެން މި ލިސްޓުގައި ހިމެނުނު ސަލްމާންގެ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ސުލްތާން" އަކީ މިދިޔަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމު ކަމަށްވާއިރު، އެ ފިލްމު ކުޅެގެނ ލިބުނު ފައިސާ އާއި ފިލްމު ޕްރޮޑިއުސްކޮށްގެން ލިބުނު އާމްދަނީ ހިމެނޭ ކަމަށެވެ.

ޝާހްރުކާއި ސަލްމާނަށް ފަހު މި ލިސްޓުން ދެން ޖާގަ ލިބުނު ބޮލީވުޑްގެ ތަރިއަކީ އަކްޝޭ އެވެ. އޭނާ އަށް އަމްދަނީގެ ގޮތުގައި 35.5 މިލިއަން ޑޮލަރު ލިބި ވަނީ ލިސްޓުގެ 80 ވަނައިގައި ހިމެނިފަ އެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ބްރިޓްނީ ސްޕިއާޒް އާއި ކެޓީ ޕެރީ ވެސް މި ލިސްޓުގައި ހިމެނިފައިވަނީ އަކްޝޭ އަށް ވުރެން ދަށުގަ އެވެ.

މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނޭޝަނަލް އެވޯޑް ވެސް ލިބުނު އަކްޝޭގެ ހަތަރު ފިލްމެއް މިދިޔަ ޖޫންއިން މިއަހަރުގެ ޖޫންއާ ހަމައަށް ރިލީޒްވެފައިވާއިރު، އޭނާގެ ރިލީްޒވި ހުރިހާ ފިލްމުތަކަކަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ. އެ ފިލްމުތަކުން ބޮޑު ކާމިޔާބެއް ލިބުމުގެ އިތުރުން އަަކްޝޭ އަކީ ގިނަ ޕްރޮޑަކްޓްތަކެއް އެންޑޯޒް ވެސް ކުރާ ތަރިއެކެވެ.

މިދިޔަ އަހަރު އާންމުކުރި ފޯބްސްގެ އެންމެ ގިނަ އާމްދަނީ ލިބޭ 100 ތަރިންގެ ލިސްޓް މެގަސްޓާ އަމީތާބް ބައްޗަން ހިމެނު ނަމަވެސް މިއަހަރުގެ ލިސްޓުގައި އޭނާ ހިމެނިފައެއްނުވެ އެވެ.

ޑިޑީ އަށް ފަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ލިސްޓުގެ ދެވަނައިގައި ހިމެނިފައިވަނީ ލަވަކިޔުންތެރިޔާ ބިއޮންސޭ އެވެ. އޭނާ އަށް ވަނީ އާމްދަނީގެ ގޮތުގައި 105 މިލިއަން ޑޮލަރު ލިބިފަ އެވެ.

މި ލިސްޓުގެ ގަދަ ދިހައެއްގައި އެންމެ ގިނައިން ހިމެނިފައިވަނީ ލަވަކިޔުންތެރިންނާއި މިއުޒިޝިއަނުންނެވެ. ދެ ލިޔުންތެރިން ވެސް ގަދަ ދިހައެއްގައި ހިމެނުނުއިރު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 93 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިގެނ ލިސްޓުގެ ފަސް ވަނައިގައި ހިމެނިފަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކު ފޯބްސް އިން އާންމުކުރަމުން އަންނަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 ތަރިންގެ ލިސްޓްގައި ހިމެނޭ ފަންނާނުން އެކުލަވާލުމަށް ވަކި ގައުމެއްގެ ވަކި ނަސްލަކަށް ނުބަލައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަންނާނުންގެ އާމްދަނީއަށް ބަލައިގެން އަހަރަކު އެއްފަހަރު އާންމުކުރާ ލިސްޓެކެވެ.