މިދިޔަ އަހަރު ނިކުތް "ރޮކް އޮން 2" ގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ދިޔަ ދެ ތަރިން ކަމަށްވާ ފަރްހާން އަހްތަރް އާއި ޝްރަދާ ކަޕޫރުގެ ގުޅުން ބަދަހިވެ، އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.
ފަރްހާނާ ބައްދަލުކުރަން ޝްރަދާ އެ ގެއަށް ވަންނަ މަންޒަރު ޕަޕަރާޒީންގެ ކެމެރާތަކަށް އެތަކެއް ފަހަރު ވަނީ އަރާފަ އެވެ.
ފަރްހާނާއި ޝްރަދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަރާފައިވަނީ އޭނާ އާއި އަންހެނުން އަދޫނާ ބަބާނީގެ މެދުގައި މައްސަލަޖެހި ދެމީހުން ވަރި ފަށަށް އެރި ހިސާބުންނެވެ. އޭގެފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެވޭއިރު، "ރޮކް އޮން 2" އަށް ފަހު މި ދެތަރިންނަށް އެކުގައި އެހެން ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށްވެ އެވެ.
މޯހިތު ސުރީ ދެން ޑައިރެކްޓްކުރާ ފިލްމެއްގައި އެކަނިވެރި ބައްޕައެއްގެ ރޯލުން ފަރްހާން ފެނިގެންދާއިރު، އޭނާގެ ލޯބިވެރިޔާ އާއި އަންހެނުންގެ ރޯލު ކުޅެން މޯހިތު މީގެކުރިން އުފައްދާފައިވާ ކާމިޔާބު ތިން ފިލްމު "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "ހާފްގާލްފްރެންޑް" ގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވާ ޝްރަދާ ހަމަޖައްސާފައިވާ ކަމަށްވެ އެވެ.
ފަރްހާން ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ ބައްޕަ އަކާއި ފުރާވަރު އުމުރުގެ ފިރިހެން ކުއްޖެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޝްރަދާ ވަނީ މޯހިތުގެ ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. މި ފިލްމުގެ ބަތަލާގެ ރޯލުން އޭނާ ފެނިގެންދާ ކަމުގެ ވާހަކަތައް ދެކެވިފައިވަނީ އެ ފޮޓޯތައް އާންމުކުރި ފަހުންނެވެ.
އަންނަ މަހުގައި ޝްރަދާ ހަސީނާ ޕަރްކާރްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ހަސީނާ" އިން ފެނިގެންދާނެ އެވެ. އަދި އޭނާ މިހާރު ވަނީ ބެޑްމިންޓަން ޗެމްޕިއަން ސާއިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅުމަށް ބެޓްމިންޓަން ކުޅެން ފަރިތަކުރަން ފަށާފަ އެވެ.