ކުޅިވަރު

ބޫޓާން މެޗުން ގައުމީ ކޯޗަށް ދެ އުފާ

Jun 14, 2017
1

އޭޝިއަން ކަޕް ކޮލިފައިންގައި، ރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ މޮޅުވި މެޗުން، ކޯޗް، ޑަރެން ސްޓްވާޓަށް، ދެ އުފަލެއް ލިބިފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ބޫޓާންގެ ވެރިރަށް ތިމްޕޫގައި ކުޅުނު މެޗުން، ރާއްޖެ މޮޅުވީ 2-0 ން ނެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު އަބްދުﷲ (ލިލީ) އެވެ.

ރޭ ގެ މެޗަށްފަހު، ބޫޓާންގައި ހުރެ، އަވަސްއާ ވާހަކަ ދައްކަމުން، ސްޓްވާޓް ބުނީ، މޮޅުވުމުގެ އިތުރަށް، ބޫޓާނުން ރާއްޖެ ކޮޅަށް ލަނޑެއް ޖެހިޔަ ނުދީ ނިންމާ ލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިއީ އަށް އަހަރު ފަހުން، ރާއްޖެއާ ބޫޓާން ބައްދަލު ކުރި މެޗެއްގައި، ރާއްޖެކޮޅަށް، ބޫޓާން ލަނޑެއް ޖެހިޔަ ނުދީ ފުރިހަމަ ކުރި ފުރަތަމަ މެޗެވެ. އޭގެ ކުރިން، ބޫޓާނުން ލަނޑެއް ޖެހިޔަ ނުދީ، ރާއްޖެއަށް މެޗެއް ފުރިހަމަ ކުރެވުނީ 2006 ވަނަ އަހަރު ކުޅުނު އެކުވެރި ކަމުގެ މެޗެއް ގައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ 5-0 ން ނެވެ.

"ޓީމުގެ މަސައްކަތް ވަރަށް ރަނގަޅު ޑިފެންސްގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ، އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ސްޓްވާޓް ބުންޏެވެ.

އޭނާ ބުނީ، ރާއްޖެއަށް ބޭނުންވި ފެންވަރަށް ނުކުޅެވުނަސް، އުފެއްދުނު މަދު ފުރުސަތުތަކުން، ދެ ގޯލް ޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރެމެން މިތަނަށް އައީ ތިން ޕޮއިންޓް ހޯދަން، އޭގެ އިތުރަށް ލަނޑެއް ޖެހިޔަ ނުދީ މެޗު ފުރިހަމަ ކުރެވުމުން އިތުރަށް ހިތްހަމަ ޖެހޭ."

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ފަލަސްތީނާއި އޮމާން ބައްދަލު ކުރި މެޗު، ފަލަސްތިން ކާމިޔާބު ކުރީ 2-1 ން ނެވެ. ފަލަސްތީން މޮޅުވުމުން، އެ ޓީމަށް ވަނީ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއް ވަނަ ލިބިފަ އެވެ. ރާއްޖެއާ އޮމާން އަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއް އަދަކަށެވެ. ނަމަވެސް އޮމާން އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުން ނެވެ.