ރާއްޖެ ކުޅިވަރު

ތިނަދޫ ފުޓްސަލް ކަޕްގެ ފައިނަލު މިރޭ، ބްލާސްޓާއި އެސްއޯޕީ

Jun 15, 2017

ތިނަދޫގައި ކުރިއަށްދާ އަގުބޮޑު ފުޓްސަލް މުބާރާތް، 'ޑައެވޫ ކިންގްސް ފުޓްސަލް' މުބާރާތުގެ ފައިނަލަށް، އެސްއޯޕީ އާއި ބްލެކް ބްލާސްޓް ދަތުރު ކޮށްފި އެވެ.

ބްލާސްޓް ފައިނަލަށް ދަތުރު ކުރީ، ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލު މެޗުގައި، ރޯޔަލް އެފްސީގެ މައްޗަށް 6-2 ން ކާމިޔާބު ހޯދައިގެން ނެވެ. އެ މެޗުގެ ބްލާސްޓްގެ އިބްރާހިމް ފާރިސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުވީ މުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ މެޗަށެވެ. ލަމްބާޑާ އާއި އެސްއޯޕީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީރު ނަތީޖާ އެއްވަރު ވެފައި ވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން ނެވެ. ޕެނަލްޓީގައި އެސްއޯޕީ ކުރި ހޯދީ 7-6 ން ނެވެ.

މިރޭ 10 ޖަހާއިރު، ކުޅޭ ފައިނަލު މެޗު، 'ޔެސް ޓީވީ' އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑައެވޫ ކިންގްސް ފުޓްސަލް ކަޕަކީ، ތިނަދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. ސޯޅަ ޓީމު ވާދަ ކުރި މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި އެކަނިވެސް 100000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ ދޭއިރު، ރަނަރަފު ޓީމަށް 25000 ރުފިޔާ ލިބިގެން ދާނެ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ދެކުނު ކޮރެއާގެ މަޝްހޫރު ޑައެވޫ ބްރޭންޑްގެ ރާއްޖޭގެ ޑިސްޓްރަބިޔުޓާ އެވެ.