ދުނިޔެ

އެފްބީއައިގެ ކުރީގެ ޑިރެކްޓަރަށް ވެސް ހިމާޔަތް ދޭން ތައްޔާރު: ރަޝިޔާ

Jun 15, 2017

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ( އެފްބީއައި)ގެ ކުރީގެ ޑައިރެކްޓަރު ޖޭމްސް ކޯމީއާއި ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ދެމެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން ކޯމީއަށް އަނިޔާ ލިބޭ ނަމަ އޭނާއަށް ހިމާޔަތްދޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް މީޑިއާއިން ފަތުރާ ވާހަކަ ތަކަަަކަށް ޖޯކް ޖައްސަވައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ވިދާޅުވީ އެމައްސަލައާ ގުޅިގެން ކޯމީއަށް އެއްވެސް ކަހަލަ އަނިޔާއަކާ ކުރިމަތިވެއްޖެ ނަމަ އޭނާއަށް ހިމާޔަތްދޭން ރަޝިޔާ އޮތީ ތައްޔާރަށް ކަމަށެވެ.

" އެފްބީއައި ގެ ޑައިރެކްޓަރަކަށް ހުރެމެ، ޓްރަމްޕާ އޭނާއާ ދެމެދު ދެކެވުނު ވާހަކަތައް އެކުވެރިއަކު މެދުވެރިކޮށް ކޯމީ މީޑިއާއަށް ދިން ކަމީ އަޖައިބު ކަމެއް. އެފްބީއައިގެ ޑިރެކްޓަރާ ސްނޯޑަންއާ ހުރި ތަފާތަކީ ކޮބާ؟" ސުވާލާއި ޖަވާނު ސެޝަނެއްގައި ކޯމީ އާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕުޓިން ވިދާޅުވިއެވެ.

ސްނޯޑަން އަކީ އެމެރިކާގެ ސިއްރު މައުލޫމާތު ތަކެއް ވިކިލީކްސްއަށް ދިންކަމުގެ ކުށުގައި އެމެރިކާއިން ހައްޔަރު ކުރަން އުޅޭތީ ރަޝިޔާއިން ހިމާޔަތް ހޯދައިގެން ހުރި މީހެކެވެ. އޭނާ މައުލޫމާތުތައް ބޭރުކުރީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ ( އެންއެސްއޭ)ގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެންނެވެ. އޭނާ ބޭރުކުރީ އެމެރިކާއިން މީހުންނާ ދެކޮޅަށް ޖާސޫސް ކުރާ ގޮތާ ބެހޭ ލިޔެ ކިއުންތަކެކެވެ.

" މިކަމާ ގުޅިގެން އޭނާ( ކޯމީ)އަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބޭ ނަމަ އަހަރެމެން ތިބޭނީ ތައްޔާރަށް އޭނާއަށް ރަޝިޔާއިން ސިޔާސީ ހިމާޔަތްދޭން،" ޕުޓިން ވިދާޅުވި ކަަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ ވާހަކަތަކަށް ޕުޓިން ކުރިން ވެސް ވަނީ ތަކުރާރުކޮށް ޖޯކް ޖައްސަވާފައެވެ. ކޯމީއަށް ހިމާޔަތް ދެއްވާނެ ކަަމަށް ވިދާޅުވެ ދެއްކެވި މިވާހަކަފުޅަކީ ވެސް އެ އުސޫލުން ދެއްކެވި ވާހަކަފުޅެކެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވައި، ރައީސް ޓްރަމްޕް ވެރިކަމަށް ގެނައުމަށް މަަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވެން ފެށީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތަކެއް ބަޔަކު ހެކްކޮށް ލީކްކޮށްލުމުންނެވެ. އީމެއިލްތައް ހެކްކުރީ ރަޝިޔާގެ ހެކަރުން ކަމަށާއި އެކަން ކުރީ ޕުޓިންގެ އަމުރަށް ކަމަށް ބުނާ ރިޕޯޓްތަކެއް އޭރުގައި އާއްމުވިއެވެ. އެމެރިކާގެ އެފްބީއައިއާއި އެގައުމުގެ ޕާލަމެންޓްގެ އިންޓެލިޖެންސް ކޮމިޓީން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ. ޖޭމްސް ކޯމީ އެފްބިއައިގެ ޑިރެކްޓަރު ކަމުން ވަކިކުރެއްވީ އެ ތަހުގީގަށް ހުރަސް އަޅުއްވަން ކަމަށް އޭނާ ވަނީ ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ވިދާޅުވެފައެވެ.