ބޮލީވުޑްގެ ފިލްމުތަކުގެ ރަހަތައް ބަދަލުކޮށްލި ޑައިރެކްޓަރުގެ އަނޫރާގް ކަޝްޔަޕްގެ ހަގީދީ ދިރިއުޅުން އޭނާ އުފައްދާ ފިލްމުތައްހާ އޮޅުން ބޮޅެވެ.
ޑައިރެކްޓަރެއްގެ އިތުރުން ފިލްމުތައް ޕްރޮޑިއުސް ވެސް ކުރާ އަނޫރާގްގެ ވާހަކަ މިފަހަރު ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރާފައި މިވަނީ އޭނާ އަލަށް ލޯބީގެެ ގޮތުން ގުޅިގެން އުޅޭ ޒުވާން އަންހެން ކުއްޖާއާ ގުޅިގެންނެ އެވެ.
އަނޫރާގް މީގެ ކުރިން ވަނީ ދެ ކައިވެންޏެއް ކޮށްފަ އެވެ. އެއީ އޭނާގެ ފުރަތަމަ އަންހެނުން އާތީ ބަޖާޖްއާ ކުރި ކައިވެންޏާއި ބަތަލާ ކަލްކީ ކޯޗްލީންއާ ކުރި ކައިވެންޏެވެ.
ކަލްކީ އާއި އަނޫރާގް 2015 ވަނަ އަހަރު ވަނީ ވަރިވެފަ އެވެ. ކަލްކީ އާއި އަނޫރާގް ވަރިވިތާ ދެ އަހަރު ފަހުން އަނޫރާގްހެ ހަޔާތަށް އާ ލޯބިވެރިޔަކު އައިސްގެން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.
އަނޫރާގް އާއި އޭނާގެ އާ ލޯބިވެރިޔާގެ ވާހަކަތައް މާ ގަދަ އަށް ދެކެވެމުން އަންނަނީ އެ އަންހެން ކުއްޖާ އަކީ އަނޫރާގްގެ އަންހެން ދަރިފުޅު އާލިއާ އާއި ދާދި އެއް އުމުރެއްގެ ކުއްޖަކަށް ވުމުންނެވެ. އަލިއާގެ އުމުރުން މިހާރު 16 އަހަރެވެ.
އުމުރުން 44 އަހަރުގެ އަނޫރާގްގެ އިންސްޓަގްރާމަށް ބަލާލުމުން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ފެންޓަމް ފިލްމްސްގައި އެސްސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ 23 އަހަރުގެ ޝުބްރާ ޝެޓީއާ އެވެ.
އަނޫރާގަށް ވުރެން 21 އަހަރު ހަގު ޝުބްރާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެދެމީހުން ޔަގީންކޮށް ނުދިން ނަމަވެސް ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށް އަނޫރާގްގެ ގާތްފަރާތަކުން ބުނެފައިވާ ކަަމަށް ނޫސްތަކުގައިވެ އެވެ.
މިހާރު ލިވިން ރިލޭޝަންޝިޕެއްގައި އުޅެމުން އަންނަ އަނޫރާގް އާއި ޝުބްރާގެ ފޮޓޯތައް އަނޫރާގް އިންސްޓަގްރާމްގައި ޕޯސްޓްކުރަން ފަށާފައިވަނީ މި ހަފްތާއިން ފެށިގެންނެވެ.
ފޮޓޯތަކަށް ބަލައިލިމުން އެ ދެމީހުން އުޅެނީ ވަރަށް ލޯބިންކަން އެނގެ އެވެ.
މީގެކުރިން އަނޫރާގް ދީފައިވާ އިންޓަވިއުއެއްގައި ވަނީ އޭނާ އަކީ ދުވަހަކު ވެސް އޭނާގެ ލޯބީގެ ހަޔާތާ ބެހޭގޮތުން ކަންކަން ސިއްރުކުރާނެ މީހެއް ނޫން ކަމަށެވެ. ކޮންމެ ކަމަކާ މެދު ވެސް އޭނާ އަށް ޔަގީންކަން ލިބުމުން އެކަމެއް ހާމަކުރާނެ ކަމަށް އަނޫރާގް ވަނީ ބުނެފަ އެވެ.