ބޮލީވުޑް

ކަރަން އާއެކު އައިފާ ހޯސްޓް ކުރަނީ ސައިފް

Jun 17, 2017

ހިންދީ ފިލްމުތަކާއި ބޮލީވުޑްގެ ތަރިންނަށް ދޭ އެންމެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެވޯޑްސް (އައިފާ) އެމެރިކާގެ ނިއުޔޯކްގައި އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނާނެ އެވެ.

މުޅި ބޮލީވުޑް އެއްތަންވާ މި ހަފްލާގައި މަޝްހޫރު ތަރިންގެ ފަރި ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެ އެވެ.

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓްކުރުމަށް ހަމަޖެހިފައިވާ މި އެވޯޑް ހަފްލާ އޭނާ އާއެކު ދެން ހުށަހަޅަން ބައިވެރިވާނީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އެވެ.

"ރަންގޫން" އިން އެންމެފަހުން ފެނިގެން ގޮސްފައިވާ ސައިފް ނެރުނު ބަޔާނެއްގައި ވަނީ އަލުން ކޯ ހޯސްޓެއްގެ ގޮތުގައި އައިފާ އަށް ދެވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި ގާތް އެކުވެރިއެއް ކަމަށްވާ ކަރަން އާއެކު އައިފާ 2017 ހުށަހަޅަން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ސައިފް އިތުރަށް ވަނީ މި އަހަރުގެ އެވޯޑް ހަފްލާގެ ވަރަށް ގިނަ ސަޕްރައިޒެސްތަކެއް ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.

ކަރަން އާއި ސައިފް އިތުރުން ޒުވާން އެކްޓަރު ވަރުން ދަވަން ވެސް އެވޯޑް ހަފްލާގެ އެއް ސެގްމަންޓް ހޮސްޓް ކުރާނެ އެވެ.

މިދިޔަ އަހަރުގެ އައިފާ އެވޯޑްސް ހުށަހަޅާދިފައިވަނީ ޝާހިދު ކަޕޫރާއި ފަރްހާން އަހްތަރެވެ. އަދި ކުރިން ބޭއްވުނު ގިނަ އައިފާ އެވޯޑް ހަފްލާތައް ކަރަން އާއި ޝާހްރުކް ޚާން ވަނީ ހުށަހަޅާދީފަ އެވެ.

މި އަހަރުގެ އައިފާގައި ބޮލީވުޑްގެ ނަން މަޝްހޫރު ހުރިހާ ތަރިން ބައިވެރިވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ޝާހްރުކް ބައިވެރިނުވާނެ އެވެ. ސަބަބަކީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ އޮޕަރޭޝަނެއް އެވޯޑް ހަފްލާ އޮންނަ ދުވަސްކޮޅުގައި ކުރުމަށް ހަމަޖެހިފައި އޮތުމުންނެވެ.