ބޮލީވުޑް

ސާރާ ފިލްމު ކުޅެން ސައިފް ގަބޫލެއްނޫން

Jun 17, 2017

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު އަދި ފުރަތަމަ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅު، ސާރާ އަލީ ޚާން ވެސް ބައްޕަ އާއި މަންމަގެ ފިޔަވަޅު މަތިން ނިކުންނަނީ ބޮލީވުޑަށެވެ.

މިދިޔަ އަހަރު ނިއުޔޯކްގައި ހުންނަ ކޮލަމްބިއާ ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކޮށްގެން އެނބުރި އިންޑިއާ އަށް އައި ގޮތަށް އުމުރުން 23 އަހަރުގެ ސާރާގެ އަތުކުރި އޮޅާލީ ބޮލީވުޑަށް ނިކުންނާށެވެ.

އެގޮތުން އޭނާގެ ފުރަތަމަ ކުޅޭ ފިލްމު މިހާރު ވަނީ ނިންމާފަ އެވެ. ޑައިރެކްޓަރު އަބީޝެކް ކަޕޫރު އުފައްދާ ފިލްމު "ކެދާނަތް" އިން ޒުވާން އެކްޓަރު ސިޝާންތް ސިންގް ރާޖްޕުތާ އެކު ސާރާ ބޮލީވުޑަށް ނިކުންނާނެ އެވެ.

މި އަހަރުގެ ފަހުކޮޅު އެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ސާރާ މިހާރު ވަނީ ފިލްމަށް ތައްޔާރުވާން ވެސް ފަށާފަ އެވެ.

ބައްޕަ އާއި މަންމަ އަދި ދޮން މަންމަ ކަރީނާ ކަޕޫރާއި ބޮޑު ދައިތަ ސޮހާ އަލީ ޚާން ގޮތަށް ސާރާ ފިލްމީ ދާއިރާއިން ކުރިއަށް ދާން ނިންމުމަކީ ބައްޕަ ސައިފް އެހާ ހިތްހަމަ ޖެހުނު ނިންމުމެއް ނޫނެވެ.

ސައިފް އަކީ ދަރިންނާ ވަރަށް ގާތް ގުުޅުމެއް އޮންނަ ދަރިންގެ ކަންކަމަށް ހިތްވަރުދޭ ބައްޕައެއް ނަމަވެސް އޭނާ ވަނީ ސާރާ ފިލްމު ކުޅުމަށް ވުރެން ޒިންމާދާރު އެހެން ވާޒީފާއެއް އިހްތިޔާރުކުރާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައިފް ވަނީ ސާރާގެ އަކީ މޮޅަށް ކިޔަވައިގެން ހުރި ކުއްޖަކަށް ވާތީ ކޮންމެ ބައްޕަ އަކު ވެސް ދަރިންނަށް ރަނގަޅު މުސްތަގުބަލަކަށް އެދޭ ގޮތަށް އޭނާގެ ވެސް އެދުމަކީ ސާރާ ކޮންމެ ވެސް އެހެން ދާއިރާ އަކުން ކުރިއަށް ގޮސް ކިޔެވި އެއްޗެއްގެ ބޭނުން ހިފުން ކަމަށް ބުނެފަ އެވެ.

"އެކްޓިން އަކީ އެންމެ ސްޓޭބަލް ޕްރޮފެޝަން އެއް ނޫން. ކިތަންމެ މަޝްހޫރު ތަރިއެއް ނަމަވެސް އަބަދުވެސް ހިތުގައި އޮންނަ އެންމެ ބޮޑު ބިރަކީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ވެއްޓި ދާނެ އޭ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މި ދާއިރާގައި ކާމިޔާބު ނުވެދާނެ. ފިލްމީ ހަޔާތަކީ އެއްވެސް މަޔަކު އަދި ބަފަޔަކު ދަރިން ކުރިއަށް ދާން ބޭނުންވާނެ ދާއިރާއެއް ނޫން،" ސައިފް ބުނެފައިވެ އެވެ.

ސައިފް ވަނީ ސާރާ އެކްޓަރަކަށް ވާން ބޭނުންވާކަން އޭނާ އަށް ވަރަށް ކުރިން އިނގޭ ކަމަށް ބުނެފަ އެވެ. ސަލްމާން ޚާން އާއެކު ބޭރު ގައުމެއްގައި ބޭއްވި އިވެންޓެއްގައި އޭނާ އާއި ސަލްމާން ސްޓޭޖުގައި ޕާފޯމް ކުރަމުން ދިޔައިރު ސާރާ ބެކްސްޓޭޖުގައި އެމީހުންގެ ހުރިހާ ހަރަކާތެއް ބަލަމުން އައި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ސާރާ ބޭނުންވީ ފިލްމީ ތަރިއަކަށްވެ، ބެލުންތެރިންގެ މެދުގައި މަގުބޫލު ތަރިއަކަށް ވާން ކަމަށް ސައިފް ވަނީ ބުނެފަ އެވެ.

މިހާރު ބޮލީވުޑްގައި އެންމެ ގަދަޔަށް ވިދަމުން އަންނަ ތިން ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަަން އަދި ސިދާތް މަލްހޯތުރާ ބޮލީވުޑަށް ނެރެދިން މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ސާރާ ބޮލީވުޑަށް ނެރެން އުޅޭ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ސާރާ، އޭނާގެ ފުރަތަމަ ފިލްމަކަށް ނިންމާފައިވަނީ އަބީޝެކްގެ ފިލްމެކެވެ.

ގިނަ ފިލްމުތަކަކުން ފުރުސަތު ލިބުނު ނަމަވެސް ސާރާ ފުރަތަމަ ކުޅެން ނިންމާފައިވާ ފިލްމު "ކެދާނަތް" ކުޅެން ނިންމުމުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށް ސައިފް ވަނީ ބުނެފަ އެވެ. ނަމަވެސް ސާރާ ފިލްމުތަކާ ގުޅޭގޮތުން ވާހަކަދައްކަން ބޭނުންވެ އެހީއެއް ބޭނުންނަމަ އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފަ އެވެ.