ދުނިޔެ

އެމެރިކާ މަނަވަރުން ގެއްލުނު މީހުންގެ ހަށިތައް ފެނިއްޖެ

Jun 18, 2017

ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި މުދާ އުފުލާ ބޯޓެއްގައި ޖެހުނު އެމެރިކާގެ މަނަވަރުން ގެއްލުނު ހަތް މީހުންގެ މަރުވެފައިވާ ހަށިގަނޑު މިއަދު ފެނިއްޖެއެވެ.

ޔޫއެސްއެސް ފިޒްގެރަލްޑް އާއި ޖަޕާނުގެ ކުންފުންޏަކުން ޗާޓަރުކޮށްފައިވާ ފިލިޕީންސްގެ އާގު ބޯޓް ޖެހުނު ހާދިސާގައި އެ މަަނަވަރު ކިރިޔާ ނުފެތި އޮތް އިރު މަނަވަރުން ގެއްލުނު ހަތް މީހުންގެ އިތުރުން ތިން މީހުން ޒަހަމްވެސް ވިއެވެ. އެެމެރިކާ ނޭވީ އާ ހަވާލާދީ ބީބީސީ ބުނީ ގެއްލުނު މީހުންގެ ހަށިތައް ފެނުނީ މަނަވަރުގެ ހަލާކުވެފައިވާ ބައިތަކުގެ ތެރެއަށް ވަދެވޭގޮތް ވުމުން ކަމަށެވެ.

އެމެރިކާ ނޭވީއާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ ޔޫއެސްއެސް ފިޒް ގެެރަލްޑް ނަމަކަށް ކިޔާ ގައިޑެޑް މިސައިލް ޑެސްޓްރޯޔާ މުދާ އުފުލާ ބޯޓެއްގައި ޖެހުނީ ޖަޕާނުގެ ޔޮކޮސޫކާ ނަމަކަށް ކިޔާ ރަށުގެ ހުޅަނގު ދެކުނުން 56 މޭލު ދުރުގައި، ޖަޕާނު ގަޑިގެން މެންދަމުން އަލިވެ 2.30 އެހާއިރު ކަމަށެވެ.

ހާދިސާގައި އެމެރިކާ މަނަވަރަށް ބޮޑެތި ގެއްލުންތައް ލިބި ދިޔަވަމުން ދާއިރު އާގުބޯޓަށް މާބޮޑު ކަމެއް ނުވެއެވެ. ޖަޕާނުގެ ނިޕޮން ޔޫސެން ކޭކޭ ނަމަކަށް ކިޔާ ކުންފުނިން ބުނީ އެކުންފުނިން ޗާޓަރު ކޮށްފައިވާ އޭއެސް އެކްސް ކްރިސްޓަލް ނަމަކަށް ކިޔާ އާގުބޯޓާއި އެމެރިކާގެ މަނަވަރު ޖެހުނު ހާދިސާ ތަހުގީގު ކުރަން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު، 29000 ޓަނުގެ މުދާ އުފުލޭ އެބޯޓް ދަތުކުރުމަނުން ދިޔައީ ނަގޯޔާއިން ޓޯކްޔޯއަށް 1080 ކޮންޓެއިނާ ހިފައިގެންނެވެ. އެބޯޓަކީ ހާދިސާގައި ގެއްލުން ލިބުނު މަނަވަރަށް ވުރެ ތިން ގުނަ ބޮޑު ބޯޓެކެވެ.

ނިޕޮން ޔޫސެން އިން ބުނީ ބޯޓްގައި ތިބި 20 މީހުންނަކީ ވެސް ފިލިޕީންސް މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.