ކުޅިވަރު

ބާސްކެޓްގެ ކުރިމަގަށް މާލީ ގޮންޖެހުން

ބާސެކެޓްބޯލް އެސޯސިއޭޝަނަށް ކުރިމަތިވި އިންތިހާބީ މައްސަލަ ގަނޑުން އަރައި ގަނެވުނީ، މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. ގިނަ އާ ހިޔާލުތަކެއް، ބާސެކެޓް އާ އެކްސްކޯއިން ޖަމާކޮށް މަސައްކަތް ފަށައިގަތް ނަމަވެސް، ގިނަ ކަންކަމުގައި ހުރި ގެންޖެހުން ބޮޑެވެ.

އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ މާލީ ގޮންޖެހުންތަކެވެ. ޓީމުތަކުގެ ޝަކުވާ ތަކާއި މުބާރާތްތައް ހަރުދަނާ ކޮށް، ގައުމީ ޓީމުގެ ކަންކަން ވެސް ހައްލު ކުރަން ގުޅިފައިވަނީ ފައިސާއާ އެވެ. ހަތަރު އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ބޭއްވި އެމްބީއޭގެ ބަޖެޓް ފާސް ކުރާ ކޮންގްރެސްގައި، ޓީމުތަކުގެ ހުށަހެޅުންތަކުގައި ހިމެނެނީ، މުބާރާތަށް، ކަނޑައަޅާ، ފައިސާގެ އިނާމު ބޮޑު ކުރުމެވެ. އެ ހުށަހެޅުމަށް، އެމްބީއޭގެ ނައިބު ރައީސް ހަސަން އިސްމާއިލް ދެއްވި ޖަވާބު މިއޮތީ އެވެ.

"އިނާމު ފައިސާގެ އަދަދު އިތުރު ކޮށްފިއްޔާ އެއަކީ ކުޑަ ކުރެވެން އޮންނާނެ އެއްޗެއް ނޫން، މިއަހަރު ރަނގަޅު އެއްޗެއް ދީފިއްޔާ އަންނަ އަހަރު އެވަރު ދެވެން ނޯންނަންޏާ އެ ވާނެ ވަރަށް ބޮޑު މައްސަލައަކަށް، އެހެންވީމަ މިވަގުތު ހަލަތު އޮތް ގޮތުން، އަދަދުތައް މިގޮތުގައި ބޭއްވައިގެ ކުރިއަށް ގެންދެވޭނީ،" ހަސަން ވިދާޅުވި އެވެ.

ދެން އޮތީ، ޓީމުތަކަށް ޕްރެކްޓިސް ކުރަން، ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓް ނުލިބުމުގެ މައްސަލަ އެވެ. އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ތިން ކުޅިވަރު އެސޯސިއޭޝަނަކުން، އެންމެ އިންޑޯ ކޯޓެއް ބޭނުން ކުރަން ޖެހުމެވެ. ބާސެކެޓްގެ އިތުން، ވޯލީބޯޅަ އާއި ނެޓްބޯޅަ މުބާރާތްވެސް ބާއްވަން އޮތީ އެ ކޯޓް އެކަންޏެވެ. މިއީ އެމްބީއޭގެ އިތުރުން ވީއޭއެމް އާއި އެންއޭއެމް އަށް އަށްވެސް ކުރިމަތި ވެފައިވާ މައްސަލައެކެވެ.

ބާސެކެޓަށް ވަކި އިންޑޯ ކޯޓެއް އެޅުމަށް އޮތީ ބިންވެސް ހަމަޖެހިފަ އެވެ. އެ މަސައްކަތް ކުރަން، 2015 އިއުލާން ކުރިކަމަށް، ހަސަން ވިދާޅުވި އެވެ. ބާސެކެޓްގެ އިންޑޯ ކޯޓް އެޅުމަށް ހަމަޖެހިފައި ވަނީ، ކުޅިވަރު އެކުވެނީގެ އޮންނަ އައުޓްޑޯ ބާސެކެޓް ބޯޅަ ސަރަހައްދުގަ އެވެ.

"އޭރު އެ މަސައްކަތް އިއުލާން ކުރި ބައެއް ފަރާތްކުން މަސަކަތަށް އެސްޓިމޭޓްވެސް ހުށަހެޅި، ނަމަވެސް ފަހުން އެކަން ވެސް ހުއްޓުނީ އެއީވެސް އޭރު މާލީ ހާލަތު ހުރި ގޮތުން ކަމަށް ބެލެވެނީ،"

ގައުމީ ޓީމު ހަރުދަނާ ކުރުމަށްވެސް، މިހާރުގެ އެކްސްކޯއިން ޕްލޭންތަކެއް ގެންގުޅުނެވެ. ނަމަވެސް ގައުމީ ޓީމު ހަރުދަނާ ކުރުމުގެ ދާއިރާގައި އެންމެ އެކަށޭނެ ފިޔަވަޅު އެޅިފައެއް ނެތެވެ. އެންމެ ފުރަތަމަ ކަމަކީ ގައުމީ ޓީމަށް ދާއިމީ ކޯޗަކު ނެތުމެވެ. ކޯޗެއް ކަނޑައަޅަނީ ބައިނަލްއަގްވާމީ މުބާރާތަކަށް ދާން ކައިރިވުމުން ޕްރެކްޓިސް ފަށާ ހިސާބުންނެވެ.

"ވިސްނުމަކީ ބޭރުގެ ކޯޗަކާ ހަމަޔަށް ދިއުން ތިނެއް ނުވަތަ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ބޭރު ކޯޗަކު ހަމަޖައްސައި އެކޯޗްގެ ބެލުމުގެ ދަށުން ޓީމުގެ ކަންކަން ކުރިއަށް ގެންދިއުން، ކޮންމެ ފަހަރަކު މުބާރަތާކަށް ދާންވީމަ އާ ކޯޗަކު ހަމަޖެއްސުމުގެ ބަދަލު ކާމިޔާބު ކަމާއެކު މިކަން ގެންދެވޭނެ ގޮތަކީ މިއީ،" އެމްބީއޭގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިކަންވެސް ގުޅިފައި ވަނީ ފައިސާއާ އެވެ. ހަސަން ވިދާޅުވީ، ބޭރު ކޯޗެއް ގެނައުމަށް އެމްބީއޭގެ އެކްސްކޯއިން ވަރަށް ބޯޑަށް ވިސްނި ކަމަށާއި ނަމަވެސް ރަނގަޅު ކޯޗެއް ގެނެސް މުސާރަ ދިނުމުގައި މަައްސަލަ ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

"ރަނގަޅު ކޯޗެއްގެ މުސާރަ އަކީ 2500 ނުވަތަ 3000 ޑޮލަރު، އެއް މަހު ދީފިއްޔާ، އަނެއް މަހު ދެވޭނެކަމުގެ ޔަގީންކަން ނެތި ބޭރު ކޯޗެއް ގެނައުން އެއީ ދެމެހެއްޓެނިވި ގޮތަކަށް ނުވާނެ،" އެމްބީއޭގެ އެހެން އޮފިޝަލެއް ވިދާޅުވި އެވެ.