ބޮލީވުޑް

"ޖައްގާ ޖާސޫސްް" ގެ މެހެމާނެއްގެ ރޯލުން ޝާހްރުކް

ފާއިތުވި ތިން އަހަރުން ފެށިގެން އުފައްދަމުން އައި ފިލްމު "ޖައްގާ ޖާސޫސް" ރިލީޒްކުރުން އެތަކެއް ފަހަރު ލަސްކުރުމަށްފަހު އެންމެފަހުން އަންނަ މަަހު ރިލީޒްކުރަން މިވަނީ ނިންމާފަ އެވެ.

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވިފަހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، އެތަކެއް އަހަރެއް ލަސްވި ނަމަވެސް އަންނަ މަަހުގެ 14 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަަންބީރާއި ކެޓްރީނާ އެކުގައި މިހާރު ކުރަމުން އަންނައިރު، މި ފިލްމުގައި މި ދެތަރިންނާއެކު މެހެމާނެއްގެ ރޯލުން ސުޕަސްޓާ ޝާހްރުކް ޚާން ވެސް ފެނިގެންދާނެ އެވެ.

މި މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގައި ވެސް ޝާހްރުކް މެހެމާނެއްގެ ރޯލުން ފެނިގެންދާނެ އެވެ.

ހަބަރުތައް ބުނާގޮތުން މި ފިލްމުގައި މެހެމާނެއްގެ ރޯލު ކުޅެން ޝާހްރުކް އެއްބަސްކުރުންވީ ފިލްމު އުފެއްދި ފަރާތަށް ވަރަށް އުނދަގޫވި ކަމަކަށެވެ. "ޖައްގާ ޖާސޫސް" ގެ ރޯލަކުން ޝާހްރުކް ފެނިގެންދާކަން އެންމެ ފުރަތަމަ ދެކެވިގެން ގޮސްފައިވަނީ މިދިޔަ އަހަރު މި ފިލްމުގެ ޝޫޓިން މުމްބައިގެ ސްޓޫޑިއޯއެއްގައި ކުރިއަށް ދަނިކޮށް، ޝާހްރުކް ފިލްމުގެ ސެޓުން ފެނިފައިވާތީ އެވެ. ނަމަވެސް އޭރު ޝާހްރުކް ވެސް އަދި ފިލްމުގެ ޑައިރެކްޓަރު ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ޓިއުބްލައިޓް" ގައި ޝާހްރުކް ފެނިގެންދާނީ ޖާދޫގަރެއްގެ ރޯލުންނެވެެ. ނަމަވެސް "ޖައްގާ ޖާސޫސް" ގައި ފެނިގެންދާ ރޯލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި ރަންބީރު ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.